- މަޝްރޫއުގެ ޖުމްލަ އަގު 800 މިލިއަން ޑޮލަރު
- ޕެސެންޖަރު ޓާމިނަލްއަށް 300 މިލިއަން ޑޮލަރު
- އާ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް ވަނީ ފެށިފައި
އެއާޕޯޓު ތަރައްގީ ކުރުމަކީ ރާއްޖޭގެ ތަރައްގީއަށް މި ވަގުތުތައް އެންމެ މުހިންމު އެއް ކަމެވެ. ޓޫރިޒަމަށް 40 އަހަރު ވެގެން ދިޔައިރު ވެސް އެކަން އޮތީ ނުވެ އެވެ. ނަމަވެސް މިހާރު މި ވަނީ މިކަން ފެށުމުގެ އުންމީދު އާވެފަ އެވެ. އެއީ އެއާޕޯޓް ތަރައްގީގެ މުހިންމު ދެ މަޝްރޫއު ކަމަށްވާ "އާ ރަންވޭ" އާއި "އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް" ގެ މަސައްކަތް ފެށުމުންނެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ އިރާދުކުރެއްވިއްޔާ 2018 ވަނަ އަހަރު އެއާޕޯޓް ތަރައްގީގެ މަސައްކަތް ނިންމާލަން،" އެއާޕޯޓުގައި "އަވަސް" އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި އެވެ.
އެއާޕޯޓު ތަރައްގީގައި މައިގަނޑު ބޮޑު ދެ ބައެއް ހިމެނެ އެވެ. މީގެތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއަކީ އާ ޕެސެންޖަރު ޓާމިނަލެއް އެޅުމެވެ.
އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް:
- 78،000 ސްކޮޔާ މީޓަރު ބޮޑު
- 40 ޑީޕާޗާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
- ޒަމާނީ ބެގެޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް
އައިއެންއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ސައޫދީ ބިންލާދިން ގްރޫޕުންނެވެ. މި މަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރެވެ.
އެމްޑީ އާދިލް ވިދާޅުވި ގޮތުގައި އާޓާމިނަލްގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.
"ޓާމިނަލްއަކީ ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންވާނެހެން ހަމައެކަނި އިމާރާތެއްނޫން. އެކި އިކްއިޕްމަންޓާއި އެކި ކަހަލަ މެޝިނަރީ ހުންނާނެ. މިއާ ގުޅިގެން ސަބް- ކޮންޓްރެކްޓަރުންގެ ނުވަތަ ތިންވަނަ ފަރާތެއްގެ ވަރަށް ބައިވަރު މަސައްކަތް ހިމެނޭނެ. މިސާލަކަށް އެއިރޯ ބްރިޖާއި ބެގޭޖު ހޭންޑްލިން ސިސްޓަމާއި ސޮފްޓްވެއާތަކާ މިގެން ގޮސް އެ ހުރިހާ އެއްޗިހި އިންޓަގްރޭޓް ކުރަން ޖެހޭ،" އާދިލް ވިދާޅުވި އެވެ.
އާ ޓާމިނަލް އެޅުމުގެ މަސައްކަތް ނިމުމާއެކު މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮސެޓިކް ޓާމިނަލް އަށެވެ.
އާ ރަންވޭ: ބޮޑު މަސައްކަތެއްގެ ފެށުން
- އާ ރަންވޭ އަޅަން 60 ހެކްޓަރު ހިއްކާނެ
- މަސައްކަތް ކުރަނީ ޗައިނާގެ ބީޔޫސީޖީއިން
- ދިގު މިނުގައި 3400 މީޓަރު
- ފުޅާ މިނުގައި 60 މީޓަރު ހުރޭ
- 120،000 ޓަނުގެ ކާގޯ ޓާމިނަލްއެއް ހުރޭ
- 45 މިލިއަން ލިޓަރުގެ ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް
- މަޝްރޫއުގެ އަގު 373 މިލިއަން ޑޮލަރު
- މަސައްކަތް ހަތަރު މަހުން ނިމޭނެ
އައިއެންއައިއޭގެ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު އެވެ. މި މަޝްރޫއު ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރަނީ ޗައިނާގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި މަޝްރޫއުގެ ދަށުން 60 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި މަސައްކަތް ކުރުމަށްޓަކައި ހުޅުމާލެ ފަޅަށް ވަންނަން ކުރިން ބޭނުންކުރި ނެރު ބަންދު ކުރުމަށް އެމްއޭސީއެލްއިން ވަނީ ނިންމާފަ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ބިޔަ ކާގޯ ޓާމިނަލް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލުގައި އޮންނަ ފަޅު ހިއްކައިގެންނެވެ. މި މަޝްރޫއަށް 373 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ.
އައިއެންއައިއޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބިން ހިއްކުމާއެކުގައި އެއާޕޯޓް އަޅާ ސަރަހައްދު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައިއެންއަިއޭގައި އަޅާ "ކޯޑް އެޕްރަންވޭ" ގައި އޭ 380 ސައިޒުގެ ބިޔަ މަތިންދާ ބޯޓު ޖެއްސޭނެ ކަމަށެވެ.
" ރަންވޭ ބޭނުންކުރުން ނުހުއްޓޭ ފެންވަރެއްގައި މި ތަން [އާ ރަންވޭ] ގެންނަން އަޅުގަނޑުމެން [ސަރުކާރުން] ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައިވަނީ އާ ރަންވޭ އާއި ޓާމިނަލް އަދި އެއާޕޯޓުގެ މުޅި މަޝްރޫއުގެ ޖުމްލަ އަގު 800 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އެއާޕޯޓް ބޮޑުކުރުމުން 7.2 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.