ރާއްޖެ ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް މާދަމާ ފަށަނީ، ހުޅުވުމުގެ ރަސްމިއްޔާތު ތިމަރަފުށީގައި

Jul 25, 2016

އެފްއޭއެމްއިން އަތޮޅުތަކަށް ހުޅުވާލައިގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާދަމާ ފަށާއިރު، މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔަތު ތ. ތިމަރަފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއަހަރުގެ މުބާރަތުގައި 75 ޓިމަކުން ބައިވެރިވެއެވެ. މިދިޔަ އަހަރުގެ މުބާރާތާ ހިލާފަށް ތ އަތޮޅު ފިޔަވައި މުބާރާތް ކުޅޭނީ ކޮންމެ އަތޮޅެއްގައި ވެސް އެއް ރަށެއްގައެވެ. މުބާރާތް ހުޅުވާ މެޗްގައި ބައްދަލު ކުރާނީ ތިމަރަދުއްޓާއި ހިރިލަންދޫއެވެ.

މުބާރާތުގައި އެންމެ ގިނަ ޓީމު ވާދަ ކުރަނީ ތ. އަތޮޅުންނެވެ. އެ އަތޮޅުގެ 13 ރަށުގެ ތެރެއިން ނުވަ ރަށަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. ތިމަރަފުށީގެ އިތުރުން ތ. ގުރައިދޫގައިވެސް މުބާރަތުގެ މެޗްތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު މި މުބާރާތް ބޭއްވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 'މިނިވަން 50 ޗެމްޕިއަންޝިޕް' ގެ ނަމުގައެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސ. ފޭދޫއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން އެޓީމަށް މިއަހަރުގެ ޕްރްޒިޑެންޓް ކަޕްގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ދެން ލިބޭނެ ފުރުސަތަކާ މެދު ވަކިގޮތެއް ނުނިންމާ ކަމަށާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރު މުބާރާތުގެ ފައިނަލް މެޗް ކުޅެފައިވަނީ އައްޑޫ ސިޓީ، ހިތަދޫގެ ޒޯން ހަތެއް ސްޓޭޑިއަމްގައެވެ. އެފްއޭއެމްއިން ބުނީ މިއަހަރުގެ މުބާރަތުގެ ފައިނަލް މެޗް ކުޅޭނެ ދަނޑެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.