ހަބަރު

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ފަސް ބޭފުޅަކު މިރޭ އައްޔަން ކުރައްވައިފި އެވެ.

މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދެވެ. ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައިވަނީ ޖޭއެސްސީގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ހަސަން ފަހީމް އިބްރާހިމާއި ނ. ވެލިދޫ އެލްޕާޝޯ މުހައްމަދު ހަލީމްގެ އިތުރުން ގ.ފަރީދު އަލީ އަބްދުﷲ އަދި ޅ. ކުރެންދޫ ރީހުއްސަބާ އަބްދުއްނާސިރު ޝަފީގެވެ.

އެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައި، ލައި ދެއްވީ ހައި ކޯޓު ފަނޑިޔާރު އަލީ ސަމީރެވެ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. އެ ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000 އަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ.