ރާއްޖެ ކުޅިވަރު

ޕާކިސްތާން ކީޕަރު އިތުރު ސީޒަނަކަށް ބަހައްޓަން ބޭނުން: ޝާޒްލީ

ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފް އިތުރު ސީޒަނެއްގައި ބަހައްޓަން ބޭނުންވާ ކަމަށް ބީޖީގެ ކޯޗު މުހައްމަދު ޝަޒްލީ ބުނެފި އެވެ.

ސީޒަންގެ ފެށުން ގޯސްކޮށް ދިޔަ ނަމަވެސް މިހާރު މޮޅު ކުޅުމެެއް ދައްކަމުން އަންނަ 22 އަހަރުގެ ކީޕަރާ ބެހޭ ގޮތުން ޝާޒްލީ މިހެން ބުނީ ޕާކިސްތާނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގަ އެވެ.

"އޭނާ ވަރަށް މޮޅު. އޭނާ އަށް ހަމައެކަނި މަދުވަނީ އިންޓަނޭޝަނަލް އެކްސްޕީރިއަންސް. ރާއްޖޭގައި ހުރެ އޭނާ އެދަނީ އެތަޖުރިބާ ހޯދަމުން. އަހަރެން ފެނޭ އޭނާ އައިއިރަށްވުރެ މިހާރު އިމްޕްރޫވްވަމުން އަންނަތަން. އޭނާ އަކީ ލީޑަޝިޕް ހުރި ކީޕަރެއް،" ޝާޒްލީ ބުންޏެވެ.

ކީޕަރު ސާގިބް ތައުރީފް ކުރަމުން ޝާޒްލީ ބުނީ އެފްރިކާ އާއި އާއި ޔޫރަޕް އަދި އޭޝިޔާގެ އެކިހިސާބުތަކުގެ ކުޅުންތެރިން ކުޅެމުންދާ ރާއްޖޭގެ ލީގުގައި ކުޅުމަކީ ސާގިބަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

"އަހަރެން ޖެހިލުމެއްނެތި އޭނާ ލައްވައި އިތުރު ސީޒަނަށް ސޮއިކުރުވަން ބޭނުން. އަހަރެން ބޭނުން އަހަރެންގެ ޓީމު ތަށި ހޯދަން އަދި ސާގިބް އެޓީމުގައި މުހިންމު ދައުރެއް އަދާކުރަން،" ޝާޒްލީ ބުންޏެވެ.

އަށް ޓީމު ވާދަކުރާ ލީގުގެ ފުލުގައި މިވަގުތު އޮތް ނަމަވެސް ބީޖީ ވަނީ ހާއްސަކޮށް ދެ ވަނަ ބުރުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ވެލެންސިއާއާ ވާދަކޮށް އެއްވަރުކޮށް އެންމެ ވަރުގަދަ މާޒިޔާ އަތުން ބަލިވީ ކިރިޔަކިރިޔާ އެވެ.

މީގެ ތެރެއިން ކީޕަރު ހަނީފް ގަބޫލުކުރާ ގޮތުގައި މީހުންނަށް އޭނާ އަޅައިގަތީ ވެލެންސިއާ މެޗުގައި ދެއްކި ކުޅުމުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

"އަހަރެން އަމިއްލަ ނަފްސަށް ބުނިން އެ މެޗުގެ ކުރިން އަހަރެންގެ ފޯވަޑުން ގޯލު ނުޖަހާނަމަ އަހަރެން ގޯލެއް ވަނަނުދީ ހިފަހައްޓަން،" 0-0އިން އެެއްވަރުވި މެޗާ ބެހެގޮތުން ސާގިބް ބުންޏެވެ.