ރިޕޯޓް

ރާއްޖެ "ކާލަން" ބޭނުންވަނީ އިރަށް މޫނު ލުމުން!

Jul 26, 2016
10
  • ރައީސް ޔާމީނާއި ނާސިރަށް އެއްހާލަތެއް
  • މިނިވަންވުމުގެ ދަތުރު ފެށީ ސުއޭޒް ކެނަލް ހާދިސާއަށްފަހު
  • ރާއްޖެއަށް ހަމާލާ ދޭން ސިފައިން ފޮނުވި

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަސް ފާހަ ކުރާއިރު ރާއްޖޭގެ ރައްޖޭގެ ދާހިލީ މިނިވަންކަމާ ބެހެން ބޭރުގެ ނުފޫޒުތަކުން ދަނީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. ނޫނީ އެ މިނިވަން ކަމާ ދަނީ ވަރުގަދައަށް ބެހެމުންނެވެ. ރާއްޖޭގެ ރައީސްކަމާ ރައީސް އަބްދުﷲ ޔާމީން ހަވާލުވެ ވަޑައިގެންނެވުމާއެކު އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ދީލައިލައްވަނީ އިރުމައްޗަށް ކަމަށެވެ. އަދި ގުޅުން އޮތީ ރާއްޖެއަށް ހެޔޮ އެދޭ ރަހުމަތްތެރީންނާއެކުގައި ކަމަށެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ އަރަބި އިސްލާމީ ގައުމުތަކުގެ "ލޯބިވެރިއަކަށް" ވެވަޑައިގެންފަ އެވެ.

ވެރިކަމަށް ވަޑައިގަތީއްސުރެ އެމަނިކުފާނު މިހާތަނަށް ދެއްކެވި ހުރިހާ ވާހަކަފުޅެއްގައި ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަންކަން ނިންމާނީ ރާއްޖެއިން ކަމަށެވެ. ބޭރުގެ ނުފޫޒުތަކުން ރާއްޖޭގެ ކަންކަން ނިންމައި އެކަންކަމަށް ގޮތްކިޔަން ފުރުސަތު ދޭންޖެހޭ ތަނެއް ނެތް ކަމަށެވެ. ރާއްޖެ ގުޅިގެން ކުރިޔަށް ދާންޖެހޭނީ ރާއްޖޭގެ މައްޗަށް ހެޔޮ އެދޭ ގައުމުތަކާއެކުގައި ކަމަށެވެ. ރައީސް ޔާމީން އެހެން ފުރަތަމަ ދުވަހު ވިދާޅުވުމަކީ އަބަދުވެސް ރާއްޖޭގެ މައްޗަށް ބަލަބަލައި އޮންނަ އިނގިރޭސި ވިލާތުގެ "ހިތަށް ޖެހި ހަންޖަރަކަށް" ވެގެން ވަނީ ގޮސްފަ އެވެ. އަދި ރާއްޖޭގެ މައްޗަށް އެކި ނުފޫޒު ފޯރުވާން ބޭނުންވެފައި ތިބި ހުޅަނގުގެ ބާރުތައް ރާއްޖެއާމެދު އޮތް ހަސަދަވެރިކަން ބޮޑުވެގެން ދިޔައެވެ. މިދިއަ ދެ އަހަރެއްހާ ދުވަހަކީ ރާއްޖޭގެ ރާއްޖޭގެ "ދާހިލީ ދާގަނޑު" އަލުން ވީދާލާން ބޭރުގެ ނުފޫޒުތައް ފަހަތުގައި އޮވެގެން ތަފާތު ރޭވުންތައް ރާވަމުން ދިޔަ ދެ އަހަރެވެ. ވެރިކަމެއް ބަދަލު ކޮށް އިންގިލާބު ކޮށްލާނެ ހުރިހާ ކަމެއް ތަކުުރާރުކޮށް އެތައް ފަހަރަކު ހިނގި ވެރި ކަމަކަށް ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުވުމުގެ މައިގަނޑު ސަބަބަކީ އެއީ އެވެ. އެއީ ގަސްދުގައި ރާވާފައި ހުރި ކަންކަމެވެ.

މިއަދު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރާއިރު މިނިވަން ކަމުގެ ބަތޮލު ރައީސް އިބްރާހިމް ނާސިރަށާއި އެމަނިކުފާނުގެ ދަށުގައި ވެގެން ތިބި ދިވެހި ރައްޔިތުންނަށާއި ދިވެހި ރާއްޖެއަށް ދިމާވީ މިހައިރު ވެސް ރާއްޖެއަށް ދިމާވެފައި މިވާފަދަ ތުރާލުގެ މަރުހަލާތަކެކެވެ. އެހެން ކަމުން އެކަން ކަމުގެ މައްޗަށް ހިސާބަކަށް ބަލައިލާނަމެވެ. މައިގަނޑު ސަބަބަކީ ރައީސް އިބްރާހިމް ނާސިރު އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރެއްވުމާއެކު އިރު މައްޗާއި މެދުއިރުމައްޗަށް ހާރިޖީ ސަމުގާ ގެންދެވުމެވެ.

ޖޫން 23، 1964 (ރޮއިޓާސް) - ލަންޑަނުގައި ވާހަކަފުޅު ދައްކަވަމުން ކޮމަންވެލްތު ސެކްރެޓަރީ ޑަންކަން ސެންޑީސް ވިދާޅުވަނީ ދިވެހިރާއްޖެ އަށް މިނިވަންކަން ދިނުމާބެހޭ ގޮތުން ދެ ގައުމުގެ ދެމެދު ލަންޑަނުގައި މަޝްވަރާތައް ކުރެވެމުން އެބަދެ އެވެ. އެހެން ނަމަވެސް ކަމުގެ ނާޒުކުކަން ގުޅިގެން ދަނީ ދުނިޔޭގެ މަސްރަހަށް ހާއްސަކޮށް އިސްލާމީ ދުނިޔެއަށް އަންނަ ބަދަލުގެ ތެރެއަށް ރާއްޖެ ވަދެ އިސްލާމީ ގައުމުތަކާ ބައިވެރިވަމުން ދާދިއުމެވެ. އަދި އޭނާ ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވަނީ ސެޕްޓެމްބަރު މަހު މާލޭގައި ބޮޑުވަޒީރު އިބްރާހިމް ނާސިރާއެކު ބޭއްވި ބައްދަލުވުމުގައި 1960 ގެ އެގްރީމެންޓް އިސްލާހްކޮށް ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ދިނުމަށް ނާސިރު އެދިވަޑައިގެންނެވި ކަމަށެވެ. މިގޮތަށް އިނގިރޭސި ސަރުކާރުން އެއްބަސްވާނެ ކަމަށް ހުށަހަޅާފައިވާ ޝަރުތުތަކަކީ އައްޑު އަތޮޅުގައި ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒު ދެމެހެއްޓުމުގެ ހައްގު ލިބިފައި އޮތުމާއި އެއްވެސް އެހެން ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދިނުމެވެ. ހާއްސަކޮށް ދިވެހި ސަރުކާރުން އިސްލާމީ ގައުމު ތަކާ އޮންނަ ގުޅުންތައް ފެއަށް ޖައްސާލުމާއެކު އިރު މައްޗާއި މެދު އިރުމައްޗާ ބާއްވާ ގުޅުން ކުޑަ ކުރަންޖެހޭނެ އެވެ.

ކޮންމެއަސް އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ކުރި އެއްބަސްވުމެއްގެ ދަށުން، އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް ރާއްޖެ ދިޔުމާއެކު ރާއްޖޭގެ ހާރިޖީ ހުރިހާ ކަންތައްތަކެއްގެ ޒިންމާ ނެގީ އިނގިރޭސިންނެވެ. އޭގެ ފަހުން އިނގިރޭސިން އެކި ސިފަސިފާގައި ރާއްޖޭގެ މައްޗަށް ބާރު ފޯރުވާފައިވެ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒުތައް ގާއިމްކުރި އެވެ.

އައްޑު އަތޮޅުގައި އިނގިރޭސިންނަށް އަސްކަރީ މަރުކަޒެއް ހެދުމުގެ ހުއްދަ އެންމެ ފުރަތަމަ ލިބިދީފައި ވަނީ 1953 ގައި ވެވުނު އެއްބަސްވުމުގަ އެވެ. އަދި 1950 ގެ ފަހުކޮޅު އައްޑު އަތޮޅުގައި ރޯޔަލް އެއާފޯސްގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެއީ 1956 ގައި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާ އެކު ކޮޅުނބުގައި ވި ނުރަސްމީ އެއްބަސްވުމެއްގެ ދަށުންނެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު އެ އަހަރަކީ ސުއޭސް ކެނެލްގެ މައްސަލަ ކުރިމަތިވެ އިނގިރޭސިންނާއި ފަރަންސޭސިން އިޒްރޭލާ ގުޅިގެން މިސުރާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅި އަހަރެވެ. އޮކްޓޯބަރ 17، 1959 ގެ "ނިއު ޔޯކް ޓައިމްސް" ނޫހުގައި ލިއެފައިވާ ގޮތުގައި "ކުޑަަކުޑަ ދިވެހި ރާއްޖޭގެ ސަރުކާރާއި ވަރުގަދަ ވެރިޔާ އިބްރާހިމް ނާސިރު އިނގިރޭސިވިލާތާ މެދު ދެކޭ ގޮތް ބަދަލުވީ ސުއޭސް ކެނެލްގެ ހާދިސާ އަށް ފަހުގަ" އެވެ.

އަދި އެ ނޫހުގައި މިހެން ރިޕޯޓް ކުރެ އެވެ: "ދިވެހިންނަކީ މުސްލިމުންނަށް ވެފައި އަދި ވަރަށް ގިނަ ޒުވާނުންނަކީ މިސުރުން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނަށްވުމާ އެކު މިއީ ވުން އެކަށީގެންވާ ކަމެކެވެ."

އަދިވެސް އެ ނޫހުގައި ލިޔެފައިވާ ގޮތުގައި ވިޔަފާރީގެ ގޮތުން ރާއްޖެ އެންމެ ބޮޑަށް ގުޅިފައިވަނީ ސްރީ ލަންކާއާ ކަމުގައި ވީ ނަމަވެސް، ސިޔާސީ ގޮތުން އެންމެ ކައިރީ އިރު މައްޗާއި މެދުއިރުމަތީގެ ގައުމުތަކާ އެވެ. އަދި އަރަބި އިސްލާމީ ގައުމުތަކާ ދެމެދު "ކުޑަ ކުޑަ ރާއްޖެ އާ ދެމެދު އޮންނަނީ ވަރަށް ބޮޑު ލޯތްބެ" ކެވެ.

ހަގީގަތުގައި ވެސް ދިވެހި ސަރުކާރާއި އިނގިރޭސިވިލާތާ ދެމެދު 1953 ގައި ކޮށްފައިވާ އެއްބަސްވުން އިސްލާހު ކުރުމަށް ރާއްޖެ އިން މަސައްކަތް ކުރަން ފެށީ ސުއޭޒް ކެނެލްގެ ހާދިސާ އަށް ފަހު އެވެ. އިނގިރޭސިންނަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމާއި އަދި ރާއްޖޭގެ ދިފާއީ އަދި ހާރިޖީ ކަންތައްތައް ބެލެހެއްޓުމުގެ ބާރު 1956 ގެ އެއްބަސްވުމުން ލިބިދީފައިވެ އެވެ. އެންމެ ފަހުން 1956 ގެ ނުރަސްމީ އެއްބަސްވުމާ ދެކޮޅަށް އާންމުންނާއި ސަރުކާރުގެ އިސް ބޭފުޅުން ނުރުހުން ފާޅުކުރަން ފެށުމުގެ ނަތީޖާ އަކީ ޑިސެމްބަރ 1957 ގައި ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވުމެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެން ނާސިރު މަސައްކަތް ކުރެއްވީ ރާއްޖޭގެ ހާރިޖީ ގުޅުން އެހެން ގައުމުތަކާ އެކު އަމިއްލަ އަށް ގާއިމްކޮށް ދެމެހެއްޓުމުގެ މިނިވަންކަން ހޯއްދެވުމަށެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓަރުންގެ ފެންވަރުގައި އެތަކެއް ބައްދަލުވުމެއް ލަންޑަނުގައި ވަނީ ބާއްވައިފަ އެވެ. އަދި އެކަންކަން ކުރިޔަށް ދިޔައިރު އަރަބި އިސްލާމީ ދުނިޔެއާ ކައިރިވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފާޅު ކުރެއްވި އެވެ.

އެއާއެކު އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑު އަތޮޅުގައި ގާއިމްކުރުމާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދަން ދިވެހި ސަރުކާރުން މަސައްކަތް ފެށި އެވެ. އެޕްރީލް 1، 1958 ގައި ކޮލަމްބޯގައި ދިވެހި ސަރުކާރުން ނިއުސް ކޮންފަރެންސެއް ބޭއްވި އެވެ. ޑިޕްލޮމޭޓުންނަށް ބްރީފްކޮށް ދެއްވުމުގެ އިތުރުން ރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު އިބްރާހިމް ޝިހާބު އެ ނޫސް ކޮންފަރެންސްގައި އިންޑިއާ އަދި ސްރީލަންކާގެ ސަރުކާރަށް ގޮވާލެއްވީ އިނގިރޭސިންގެ އަސްކަރީ މަޝްރޫއަށް ފާޅުގައި ދެކޮޅު ހެދުމަށެވެ. މީގެ އިތުރުން ރާއްޖޭގެ "ހާރިޖީ ސަމުގާ" އިރު މައްޗަށާއި މެދު އިރުމައްޗަށް އަނބުރާލާފައިވާ ކަމުގެ އިންޒާރު ހުޅަނގަށް ދިނެވެ. -- މިއަދު ވެސް ރާއްޖެއިން މިފެންނަނީ މިމަންޒަރެވެ. ތަފާތަކީ ދެ ފަރާތުގައި ތިއްބެވި ބޭފުުޅުންނެވެ. --

އިނގިރޭސިންނާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަތައް އުފެދި އެންމެ ފަހުން ދެކުނުގެ ތިން އަތޮޅުން ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުން ވީ ރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވުމާ މެދު ފުންކޮށް ވިސްނަން ފެށި ސަބަބަށެވެ. އައްޑޫ މައްސަލާގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވެމުން އައި ވާހަކައިގެ އެޖެންޑާގެ ތެރެއަށް މިނިވަންކަން ހޯދުމުގެ ނުކުތާ ވެސް އިތުރުވެގެން ދިޔަ އެވެ.

ދެކުނުގެ ފުރަތަމަ ބަޣާވާތް ފެށީ 1 ޖެނުއަރީ 1959 ގަ އެވެ. އަދި މާޗް 1959 ގައި އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅިގެން ވަކި ސަރުކާރެއް އަބްދުﷲ އަފީފު އިއުލާން ކުރެއްވި އެވެ. އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ދެކުނުގެ ބަޣާވާތުން ވަރަށް ބޮޑަށް ގޯސްވި އެވެ.

ނާސިރުގެ މޭސްތިރިކަމުގެ ދަށުގައި ހުވަދު އަތޮޅާއި ފުވައްމުލަކު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެންނަން އަސްކަރީ ބާރު ބޭނުންކުރުން ވީ އިނގިރޭސިން އެކަމާ މެދު ނުރުހުން ފާޅުކޮށް ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަކަށެވެ. ހުވަދު އަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވުމަށް ސިފައިންނާ އެކު ނާސިރު މޯލްޑިވް ސްޓާރުގައި ޖުލައި 1959 ގައި ވަޑައިގެން އެޅުއްވި ފިޔަވަޅުތަކުގައި ބަޑިޖެހުމުގެ ސަބަބަބުން މީހުން މަރުވުމާ ގުޅިގެން އިނގިރޭސިވިލާތުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ދިވެހި ސަރުކާރަށް އިންޒާރު ދިނެވެ.

ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން އޯގަސްޓް 7، 1959 ގައި ނެރުނު ބަޔާނެއްގައިވެ އެވެ:

"ހުވަދު އަތޮޅުގައި ދިވެހި ސަރުކާރުގެ ބާރުގެ ދަށުން ހަތިޔާރު ބޭނުންކޮށްގެން ހިންގި ހަރަކާތުގައި މީހުން މަރުވެފައި ވާތީ އެކަން ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. އަދި މިފަދަ ފިޔަވަޅުތަކެއް، އައްޑު އަތޮޅުގައި އަޅައި ލޭއޮހޮރުވުމަކީ އެކަމާ މެދު ވަރަށް ކަންބޮޑުވާ ކަމެކެވެ."

ހުވަދޫ ހާދިސާ އަށް ފަހު ތަފާތު ބަހުރުވައިން ދިވެހި ސަރުކާރަށް އިންޒާރު ދިނުމުގެ އިތުރަށް ސިންގަޕޫރުން އިނގިރޭސި ސިފައިން ހަތިޔާރާ އެކު ގަމަށް ގެންދިޔަ އެވެ. އެއީ، ހުވަދު އަތޮޅާއި ފުވައްމުލައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރީ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ. އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ގެންދިޔަ 100 ސިފައިން އަނބުރާ ގެންދިޔައީ 17 އޯގަސްޓް ގަ އެވެ. އެއީ މިކަމާ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާ ނުރުހުން ފާޅުކުރުމުންނެވެ. އިނގިރޭސި ސިފައިންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ މިއީ "ވައިގެ ހަރަކާތްތެރިކަން ވަޒަންކުރުމުގެ ގޮތުން ހިންގި ތަމްރީނެއް" ކަމަށާއި "ހަމަލާއެއް ދޭން ނޫޅޭ" ކަމަށެވެ. -- މިއަދު ވެސް މިފެންނަނީ ރާއްޖޭގެ ކަންކަމުގައި ރާއްޖެއިން އަޅާ ފިޔަވަޅުތަކަށް ކެތް ނުކުރެވިގެން އިނގިރޭސީންނާއި އެމީހުންނާ ގުޅިފައިވާ ދިވެހިންނާއި އެމީހުންނާ ގުޅިފައި ގައުމުތަކުން ބަޔާންތައް ނެރޭ ތަނާއި އިންޒާރުތައް ދެމުންދާ ތަނެވެ. --

އިނގިރޭސިންނާ އޮތް ގުޅުން ހީނަރުވެ އަދި ދެކުނުގެ ތިން އަތޮޅުގައި ސިޔާސީ ހަމަނުޖެހުން އުފެދުނު ދުވަސްވަރު، ބޮޑުވަޒީރު ނާސިރު އަވަށްޓެރި އަދި އިސްލާމީ ގައުމުތަކުގެ ސަޕޯޓް ހޯއްދެވުމަށް މަސައްކަތް އިތުރު ކުރެއްވި އެވެ. ޗައިނާއާ ގާތަށް ޖެހިލުމާއެކު މިސުރުގެ ރައީސް ޖަމާލް އަބްދުއް ނާސިރާ ބައްދަލުކުރެއްވުމަށް އިބްރާހިމް ޝިހާބު ފޮނުއްވި އެވެ. ޗައިނާއަށް ވަފުދެއް ފޮނުއްވެވި އެވެ. އަދި އެހެން ވަފުދުތައް ޕާކިސްތާނާއި ސައުދީ އާއި އިންޑިއާ އަށް ވެސް ފޮނުއްވާފައިވެ އެވެ.

ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމާ މެދު އުފެދިފައިވާ ދެބަސްވުން ހައްލުވެ އަދި ބަޣާވާތް ނިމުމަކަށް އައީ ފެބްރުއަރީ 3، 1960 ގައި ވި އެއްބަސްވުމުގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން އިނގިރޭސި ސަރުކާރުން 850،000 ޕައުންޑް ގްރާންޓް އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހުނެވެ. މީގެ ތެރެއިން 100،000 ޕައުންޑް ޚަރަދު ކުރުމަށް ކަނޑައަޅާފައިވަނީ އެކި އަހަރުތަކަށް ބަހާލައިގެން ތަފާތު ތަރައްގީގެ މަޝްރޫއުތައް ހިންގުމަށެވެ.

ފެބްރުއަރީ 1959 ގައި ކޮޅުނބުގައި ހުންނަ އިނިގިރޭސި ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި ދިވެހި ސަރުކާރުން ފާހަގަކުރާ އެއް ނުކުތާއަކީ 1887 ގެ އެއްބަސްވުމަށް ފަހު ތަފާތު އެތަކެއް އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ނަމަވެސް، ރާއްޖޭގެ މިނިިވަން ކަމަށް އެއްވެސް ހުރަހެއް ކުރިމަތިނުވެ ދެމިގެން ގޮސްފައިވާ ކަމަށާއި މިކަން އިނގިރޭސި ސަރުކާރުން ގަބޫލު ކުރުމަށެވެ.

މިކަމުގެ ޖަވާބަކަށް ހައިކޮމިޝަނުން އިންތިޒާރު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. ކޮޅުނބުގައި ހުންނަވާ ރާއްޖޭގެ ރެޕްރެޒެންޓެޓިވް 9 ފެބްރުއަރީގައި ނެރުއްވި ބަޔާނެއްގައި ވާގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ވަނީ ރާއްޖެ އަށް މިނިވަންކަން ލިބިފައިވާ ކަމުގެ ގަރާރެއް ރަސްމީކޮށް އިއުލާން ކުރުމަށް ހުށަހަޅައިފަ އެވެ. އިނގިރޭސި ހައިކޮމިޝަނަރު އޭއެފް މޯލީ މިކަމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ 1953 ގެ އެއްބަސްވުމަށް ބަލާއިރު، ރާއްޖެ އަށް ރަސްމީކޮށް މިނިވަންކަން ދިނުމުގެ ގަރާރެއް ނުވަތަ އެއްބަސްވުމެއް އެކުލަވާލުމަކީ އިނގިރޭސި ސަރުކާރަށް ވަރަށް ދަތިކަމަކަށް ވާނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެ އަކީ މިނިވަން ގައުމެއް ކަމުގައި އިއުލާން ކުރުމަށް އިނިގރޭސިންނަށް ދަތިވަނީ އެއްވެސް ރަސްމީ އެއްބަސްވުމެއް ނެތި ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކޮށްފައި ވާތީ އެވެ.

ރާއްޖެ އިން މިނިވަންކަމަށް އެދެމުންދާތީ އިނގިރޭސި ޚާރިޖީ އޮފީހުގެ ލަފައަކަށް ވަނީ އެދިފަ އެވެ. މިގޮތުން، ބްރިޓިޝް ކޮލޯނިއަލް ސެކްރެޓަރީ ޑަންކަން ސެންޑީސް އަށް ބޮޑުވަޒީރު އިބްރާހިމް ނާސިރު ސެޕްޓެމްބަރު 28، 1963 ގައި ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ވަރަށް އަވަހަށް ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމަކަށް ވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން މިނިވަން ކަމަށް އެދި ހުށަހަޅާ ހުށަހެޅުން އިނގިރޭސިވިލާތުން ގަބޫލުކުރުމަށް ވެސް ނާސިރު ގޮވާލައްވާފައިވެ އެވެ.

ރާއްޖެ އަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުން އެކަމާ އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ވަނީ ފާޑުކިޔާފަ އެވެ. ޖުލައި 27، 1965 ގެ "ދި ގާޑިއަން އެންޑް ދި އޮބްޒާވަރު" ނޫސް ބުނާ ގޮތުން ރާއްޖެ/އިނގިރޭސި އެއްބަސްވުމުގެ ނަތީޖާ އަކީ ސުއޭސް ކެނެލްގެ އިރުމަތީގައިވާ އިނގިރޭސިންގެ ދިފާއީ ބާރު ނިކަމެތިވެގެން ދިއުމެވެ. އެއީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ސިފަކޮށްފައި ވެއެވެ. ނަމަވެސް މި އެއްބަސްވުމުން އިނގިރޭސިންނަށް ލިބުނު ޔަގީންކަމަކީ 1984 އާ ހަމައަށް އައްޑު އަތޮޅުގައި ތިބުމުގެ މިނިވަންކަމާއި އަދި ބޭރު ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިތުބާރެވެ. އެކަން އަދިވެސް އޮތީ އެގޮތުގަ އެވެ. އެކަމަކު އިނގިރޭސީން ބޭނުން ވަނީ ރާއްޖެ "ކާލާ" ށެވެ.