ހަބަރު

Jul 26, 2016
3

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން މިރޭ ދެއްވާ ރަސްމީ ފަރިއްކޮޅަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ހަރަކާތެއް ހިންގާނަމަ، އެކަން ހުއްޓުވަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިރޭގެ ހަފްލާއަކީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ މަގުސަދުގައި، ގިނަ އިއްޒަތްތެރިންނާއި ބޭރުގެ ފަރާތްތަކުން ބައިވެރިކޮށްގެން ބާއްވާ ހަފްލާއެއް ކަމަށާއި މިފަދަ ހަފްލާއަކަށް ހުރަސް އެޅޭ ގޮތަށް ހަރަކާތްތަކެއް ހިންގަން މަސައްކަތް ކުރާތީ، އެކަމާ ހިތާމަ ކުރާ ކަމަށެވެ. އަދި އެފަދަ ހަރަކާތެއް ނުހިންގުމަށް އެދޭ ކަމަށް ވެސް ފުލުހުން ބުުންޏެވެ.

މިރޭ ހަފްލާ ހިނގަމުން ދާ ވަގުތު، އަބުރާ ގުޅޭ ބިލްގައި ނޫސްވެރިންނަށް ހުރި ކަންބޮޑުވުންތަކާ ދެކޮޅަށް މުޒާހަރާއެއް ބޭއްވުމަށް ނޫސްވެރިންތަކެއް އަންނަނީ ތައްޔާރީތައް ވަމުންނެވެ. މީގެ އިތުރަށް އިއްތިހާދުގެ ފަރާތުން އިޝާނަމާދަށް ފަހުު އިސްލާމީ މަރުކަޒުގައި ހާއްސަ ދުއާއެއް ކުރުމަށް ވެސް އޮތީ ރާވައިފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ މި ރަސްމީ ބައްދަލުކުރެއްވުމަށް ހުރަސްއަޅަން އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ އެކަމެއް ހުއްޓުވުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅާނެ ކަމުގެ ޔަގީންކަން، ރަސްމިއްޔާތަށް ދައުވަތު އެރުވިފައިވާ ފަރާތްތަކަށާއި އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.