ވިޔަފާރި

ދިވެހި ސްޓިކާތަކާ އެކު ވައިބާ ގެ ފޯރިގަދަ ވެއްޖެ

Jul 26, 2016

ވައިބާއަކީ އަހަރެމެން އެންމެ ގާތް އެކުވެރިޔާ އެވެ. ނަމަވެސް މިވީހާ ދުވަހު ވައިބާގައި ދިވެހިންނަށް ހާއްސަ ސިފައެއް ނެތެވެ. މިނިވަން ދުވަހުގެ މުނާސަބަތާ އެކު އުރީދޫން މިވަނީ އެންމެންގެ ރަހުމަތްތެރި ވައިބާ ދިވެހިންނަށް ހާއްސަކޮށްދީފަ އެވެ. މިނިވަން ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސް އިން މިވަނީ ވައިބާގެ ދިވެހި ސްޓިކާ ސެޓެއް ސީދާ ދިވެހިންނަށް ދޫކޮށްލައިފަ އެވެ.

އުރީދޫގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ދިވެހި ހުރިހާ ރައްޔިތުންނަށްވެސް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން. ދިވެހި ވައިބްސް އަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ލޮބުވެތި ދިވެހި ބަސް ދައްކުވައިދޭ ސްޓިކާ ސެޓް އެއް ކަމަށްވާއިރު، މިއަދަކީ މި ސެޓް ތައާރަފް ކުރުމަށް ވަރަށް އެކަށޭނަ ދުވަހެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން،" އުރީދޫ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވި އެވެ.

އުރީދޫން ބުނީ ދިވެހިރާއްޖޭގެ 51 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ފުރަތަމަ ނެރުނު ވައިބާ ދިވެހި ސްޓިކާ ސެޓް ފަރުމާކޮށްފައި ވަނީ ހާއްސަ އާދަކާދަތަކާއި ޒަމާނީ ބަހުރުވަ ދައްކުވައިދޭ ގޮތަށެވެ. "ދިވެހި ވައިބްސް" ގެ ނަމުގައި ނެރެފައިވާ މި ސްޓިކާ ސެޓް، ވައިބާ ސްޓިކާ މާކެޓް އިން ހިލޭ ޑައުންލޯޑުކުރެވެ އެވެ.

"ދިވެހިންގެ އާދަކާދައިގައިވާ ބައެއް ކަންތައްތަކާއި ތަޖުރިބާތައް އަނެކާއަށް ކިޔާދިނުމުގައި އެންމެ ފުރިހަމައީ ދިވެހިބަސް ކަމަށް ވެފައި، ބައިނަލްއަގްވާމީ ޗެޓް ޕްލެޓްފޯމް ކަމުގައިވާ ވައިބާގައި ވެސް ފަހުރުވެރިކަމާއި އެކު ދިވެހި ބަހުން ހިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބެގެން ގޮސްފި،" ވިކްރަމް ވިދާޅުވި އެވެ.

އުރީދޫން ތައާރަފުކުރި ދިވެހި ބަހުން ފަރުމާކުރެވިފައިވާ ސްޓިކާ ސެޓުގައި، މިހާރުގެ މުޖުތަމައުގައި ގިނައިން ބޭނުންކުރެވޭ ބައެއް އިބާރާތްތަށް ފެނިގެންދެ އެވެ. މީގެ ތެރޭގައި "ބާއްޖަވެރި ހެނދުނެއް"،"ނެއްތަ ކޮފީއެއް"، "ހަބޭސް"، "އޮބިނޯވޭ"، "ހިނގާ ބުރެއް ޖަހާލަންދާން"، މި ފަދަ ލަފްޒުތައް ހިމެނެ އެވެ. ކުރިއަށް އޮތްތަނުގައި ވެސް، އުރީދޫ އިން ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ،

ވައިބާ ސްޓިކާ ތައާރަފު ކުރުމާއެކު އުރީދޫ އިން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށް ފައެވެ. އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކޮށްފައި ވާ "ވައިބާ5" އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެއެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރެވެ އެވެ.