ހަބަރު

ދެ ނޫސްވެރިއަކާއި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފި

Jul 26, 2016

ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އާޒިފް މިރޭ ހައްޔަރުކޮށްފި އެވެ. އެ ދެ ނޫސްވެރިންނާ އެކު އިތުރު މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ އިސްލާމީ މަރުކަޒު ސަރަހައްދުންނެވެ. އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އިދިކޮޅު ފަރާތްތަކުން ވަނީ ހާއްސަ ދުއާކޮށް މިސްކިތް ސަރަހައްދުގައި އަޑުއުފުލައިފަ އެވެ.

ފުލުހުން ބުނީ، "ބަލަން ބޭނުންވާ ކަންތައްތަކެއް ހުރުމުން،" އިސްލާމީ މަރުކަޒު ކައިރީ މިރޭ ހަރަކާތްތެރިވަމުންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ތިން މީހުން ކަމަށާއި އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ބުންޏެވެ.

ރާއްޖެ ޓީވީގެ އޮފިޝަލަކު ވިދާޅުވީ ފިޔާޒް ހައްޔަރުކުރީ ޖަލްސާގެ ލައިވް ކަވަރޭޖް ގެނެސްދެމުން ދަނިކޮށް ކަމަށެވެ. ސަންގެ ނޫސްވެރިޔާ އާޒިފް ހައްޔަރުކުރި ސަބަބެއް އަދި ނޭނގެ އެވެ.

ފިޔާޒާއި އާޒިފް ހިމެނޭ ގޮތަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާ ބެހޭ ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން މިރޭ ވަނީ ހިޔާލުފާޅުކޮށްފަ އެވެ.