ހަބަރު

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި

Jul 27, 2016
1

މިއަދު ފާހަގަ ކުރާ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސްގެ ދެކަނބަލުން ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގައި ބޭރުގެ ގިނަ ސަފީރުންނާއި އިއްޒަތްތެރިން ބައިވެރިވެ ރައީސްގެ ދެކަނބަލުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވައިފި އެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ ބައްދަލު ކުރެއްވުން އޮތީ، ދާދިފަހުން ހުޅުވި އިސްލާމީ މަރުކަޒު މައިޒާނުގަ އެވެ. މީގެ ކުރިން އެ ހަފްލާ އާންމުކޮށް ބާއްވަނީ ދަރުބާރުގޭގަ އެވެ.

ފަރިއްކޮޅަކާ އެކު ކުރިއަށް ދިޔަ ކުލަގަދަ އެ ބައްދަލު ކުރެއްވުމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި މިނިސްޓަރުން އަދި އެކި މުއައްސަސާތަކުގެ އިސްވެރިން އަދި ގިނަ ދުވަހު ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅުން ބައިވެރިވި އެވެ. އަދި އެކި ފަންނުތަކުން ފާހަގަ ކޮށްލެވޭ ފަންނާނުންނާއި އެހެން ވެސް ބައެއް ޒުވާނުން އެ ހަފްލާގައި ވަނީ ބައިވެރިވެފަ އެވެ.

ކޮންމެ އަހަރެއްގެ މިނިވަން ދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ރަސްމީ ބައްދަލު ކުރެއްވުން ބާއްވަ އެވެ. މިރޭގެ ބައްދަލު ކުރެއްވުމަށް ހާޒިރުވި އެތައް ސަތޭކަ ބަޔަކާ ރައީސްގެ ދެކަނބަލުން ވަނީ ސަލާމް ކުރައްވައި ދުވަހުގެ ތަހުނިޔާ ދަންނަވައިފަ އެވެ. ކުރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދުންޔާ މައުމޫން ވެސް ބައިވެރިވެ ވަޑައިގެން ރައީސްއަށް ތަހުނިޔާ ދެންނެވި އެވެ. އަދި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަދި އުއްތަމަ ފަނޑިޔާރު ވެސް ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ސިފައިންނާއި ފުލުުހުންގެ އިސްވެރިން ވެސް ބައިވެރިވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ރޭވަނީ ބާއްވައިފަ އެވެ. އެ ހަފްލާގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެނީ ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށް ކަމަށާއި ދިވެހި އިގްތިސާދުގެ މުގޫ ދިވެހިންގެ އަތުގައި ބޭއްވުމަށް ކަމަށެވެ. އަދި ތަރައްގީގެ ގިނަ މަޝްރޫއުތައް އަމާޒުކޮށްފައި ވަނީ އެ މަގުސަދު ހާސިލް ކުރަންކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. ދިވެހި ދައުލަތް ރަނގަޅަށް ބިނާ ނުކުރެވި އުޅެނިކޮށް ޑިމޮކްރަސީ ރާއްޖެއަށް އައިސްފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާރު ކުރާ މަސައްކަތަކީ ހައްގުތައް ޒިންމާދާރު ކަމާ އެކު ބޭނުން ކުރާނެ ފަދަ މުޖުތަމައެއް އުފެއްދުން ކަމަށެވެ.

މިނިވަން ދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ރައީސް ކަނޑައަޅުއްވައިފަ އެވެ. މިނިވަން ދުވަހާ ގުޅިގެން ބާއްވާ ފުޅަނދު ބުރު މާދަމާ ހަވީރާއި އޭގެ އަނެއް ދުވަހު މާލޭގައި އޮންނާނެ އެވެ. އަދި ފަންނުވެރިންގެ އީދަކާއި ހެވިކަމާއި ކުޅިވަރުތައް ވެސް ރަސްމީ ބޯޅަދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފޮޓޯ އަލްބަމް: