ބޭރު ކުޅިވަރު

ސިޓީގެ ކުޅުންތެރިންނަށް ޖޫހާއި ޕިއްޒާ މަނާކޮށްފި

ބައެއް ބާވަތްތަކުގެ ފުރުޓް ޖޫހާއި ޕިއްޒާ ސިޓީގެ ކުޅުންތެރިން ކެއުން ކޯޗު ޕެޕް ގާޑިއޯލާ މަނާކޮށްފި އެވެ.

އޭނާ މިފަދައިން އަމަލުކުރީ އަންނަ މަހު 13ގައި ފަށާ އިނގިރޭސި ޕްރެމިއާ ލީގުގެ އާ ސީޒަނަށް ކުޅުންތެރިން ފިޓްކުރުމަށެވެ. ގާޑިއޯލާ ވަނީ ބައެއް ކުޅުންތެރިންގެ މާބޮޑަށް ބަރުވުމުން ފުރަތަމަ ޓީމުގެ ފަރިތަކުރުންތަކުން ވެސް އެމީހުން ބާކީކޮށްފަ އެވެ. އޭގެ ތެރޭގައި ސާމިރު ނަސްރީ އާއި ޔާޔާ ޓޯރޭ ވެސް ހިމެނެ އެވެ.

ސިޓީގެ ޑިފެންޑަރު ކްލީސީ ބުނީ ކޯޗު މަސައްކަތް ކުރަނީ ކުޅުންތެރިން ފިޓްކުރަން ކަމަށާއި 60 އާއި 70 ކިލޯ ހުރެގެން ފުޓްބޯޅަ ނުކުޅެވޭނެކަން އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ.

"އެހާވަރަށް ބަރުދަން ހުރެގެން ފުޓްބޯޅަ ނުކުޅެވޭނެ. ކޯޗު އަހަރުމެން ގާތުގައި ވަރަށް ގިނައިން ބުނޭ ފިޓްކޮށްތިބެން. އޭނާ ވަނީ އަހަރުމެންގެ ކެއުމުން ޖޫހާއި ޕިއްޒާ އަދި ބައެއްކަހަލަ ތައްޔާރީ ކާނާ ވެސް މަނާކޮށްފައި. މިއީ ފިޓްކޮށްތިބެން ބާރުއަޅަން ކުރާ ކަމެއް. ބަރު ކުޅުންތެރިންނަށް ޓީމާއެކު ފަރިތަކުރެވެނީ އެކުޅުންތެރިން ފިޓްވީމަ،" ކްލީސީ ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިންގެ ކެއުން ކޮންޓްރޯލް ކުރުމަށް ކޯޗަކު މިހާ ހަރުކަށިކޮށް އަންގައި އަމަލުކުރާތަން މީގެ ކުރިން އޭނާ އަށް ފެނިފައިނުވާ ކަމަށާއި ނަމަވެސް މިއީ ހެޔޮބަދަލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ގާޑިއޯލާ ޓީމާ ހަވާލުވީ މިދިޔަ ސީޒަން ނިމުމުންނެވެ.