އޮފްބީޓް

600 ރުފިޔާ ހޭދަކޮށްގެން އޮސްޓްރޭލިޔާ މީހަކަށް ރިސޯޓެއް!

  • ރިސޯޓު ދޫކުރި ގުރުއަތުން، ގިނަ ބަޔަކު ކުރިމަތިލި
  • ގުރުއަތުގައި ބައިވެރިވެވުނީ 49 ޑޮލަރު ދައްކައިގެން
  • ސަތޭކަ ފަންސާސް ގައުމެއްގެ މީހުން ބައިވެރިވި

މެކްރޮނޭޝިޔާގެ ކޮސްރާއީ ރިސޯޓުގެ، ވެރިން މި ރިސޯޓު "ވިއްކާލީ" އެއް ނޫނެވެ. ރިސޯޓު ހޯދަން ބޭނުންވާ މީހުންނަށް ހުޅުވާލީ ގުރުއަތެކެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ 49 ޑޮލަރު (ގާތްގަނޑަކަށް 663ރ. ގެ ޓިކެޓެއް ) ގަނެގެންނެވެ. މި ފުރުސަތު ހުޅުވާލުމާއެކު ރިސޯޓު ހޯދަން ދަހިވެފައި ތިބި އެތައް ހާސް ބަޔަކު ޓިކެޓު ގަންނަން ފެށި އެވެ. ޓިކެޓް ގަތް މީހުންގެ ތެރޭގައި ގުރުއަތުލައިގެން ރިސޯޓް ލިބުނީ އޮސްޓްރޭލިއާ މީހަކަށެވެ. އޭނާ މި ރިސޯޓު ހޯދަން ހޭދަކުރީ އެންމެ 600 ރުފިޔާ އެވެ.

މި ރިސޯޓު ލިބިފައިވަނީ އޮސްޓްރޭލިއާގެ ސައުތު ވޭލްސް އަށް އުފަން ޖޯޝުއާ އެވެ. މި ގުރުއަތުގައި 53،000 މީހުން ވާދަކުރި އެވެ. ރިސޯޓް ހޯދުމަށް 150 ގައުމެއްގެ މީހުން ވަނީ ޓީކެޓްގަނެފަ އެވެ. ޖޯޝުއާ ޓިކެޓު ގަނެފައިވަނީ 44،980 ވަނަ މީހާގެ ގޮތުގަ އެވެ.

ސޯޅަ ކޮޓަރީގެ "ކޮސްރާއީ" ރިސޯޓްގެ އަސްލު މިލުކުވެރިންނަކީ ޑޮއުގް އާއި އޭނާގެ އެންހެނުން ސެލީ ބެޓިޒް އެވެ. މި ރިސޯޓު "ހިލޭ ދިނުމަށް" ޑޮއުގްގެ ދެމަފިރިން ކުރިއަށް ގެންދިޔަ ގުރުއަތާއެކު ރިސޯޓު ހޯދަން ޓިކެޓު ގަތް ބައިލައްކައެއްހާ މީހުންގެ އަތުން މިދެމަފިރިންނަށް 2.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މެކްރޮނޭޝިޔާގެ ދެވަނަ އަށް އެންމެ ބޮޑު ރަށް ކަމަށްވާ "ކޮސްރާއީ" އަކީ މީހުން ދިރިއުޅޭ ރަށެކެވެ. އެ ރަށަށް ގުއާމް އާއި ހަވާއީ އިން ސީދާ ފްލައިޓް ބާއްވަ އެވެ.

"ކޮސްރާއީ" ރިސޯޓް ޑޮއުގްގެ ދެމަފިރިން ހިންގަމުން ގެންދާތާ 20 އަހަރު ވެއްޖެ އެވެ. އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަކީ 16 އެވެ. މި ރިސޯޓަކީ 1994 ވަނަ އަހަރު ޑަފް ބެއިޓްޒްގެ ދެ މަފިރިން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. އެ ދެމަފިރިން އެ ރިސޯޓު އެހެން ބަޔަކަށް ދޭން ނިންމީ އެމީހުންގެ ރަށް ކްއީންސް ލޭންޑުގައި ތިބޭ މާމަ ދަރިންގެ ކައިރިއަށް ބަދަލުވުމަށެވެ.

ގުރުނެގުމުގެ ކުރިން ގުރުއަތުން ހޮވޭ ފަރާތަށް ނިސްބަތްކޮށް ޑޮއުގް ބުނެފައިވަނީ ވަރަށް ކުރު ބަސްކޮޅެކެވެ.

"މިކަމުގެ ސަބަބުން ތިބާގެ ދިރިއުޅުން ބަދަލުވެގެން ދާނީ ހާއްސަ ގޮތެއްގެ މަތިން،" މިހެންނެވެ.

ކޮންމެއަކަސް 600ރ. އަށް ގަތް ރިސޯޓާއެކު ޖޯޝުއާގެ ދިރިއުޅުންވެސް ބަދަލު ވެގެންދާނެ އެވެ.