ހަބަރު

ސިނާއީ އަވަށުގެ ނެރު ބޭނުން ކުރުން މަނާ

މާލޭ ހުޅަނގު ދެކުނު ސަރައްހައްދުގައި ތައްރައްގީ ކުރަމުންދާ ސިނާއީ އަވަށް (އިންޑަސްޓްރިއަލް ވިލެޖް)ގެ ނެރަށް ކަނޑުއުޅަނދު ފަހަރު ކައިރި ނުކުރާން ހައުސިން މިނިސްޓްރީއިން އަންގައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިނާއީ އަވަށުގެ މަސައްކަތާއި ގުޅިގެން ބަނދަރު ވަކިކުރަން ޖަހާފައިވާ ޝީޓް ޕައިލް ހިމެނޭ ސަރަހައްދަށް ބައެއް އުޅަނދުފަހަރު ކައިރި ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް އެ ސަރަހައްދުގެ މަސައްކަތް އަދިވެސް ނުނިމޭތީ އެ ސަރަހައްދު ނެރު ބޭނުން ނުކުރަން އެދޭ ކަމަށެވެ.

"ވީމާ ދެކުނު ފަރާތައް އުޅަނދުފަހަރު ވަންނަން ކަނޑަން ޖެހޭ ނެރު މިވަގުތައް އެއްކޮށް ނިމިފައި ނުވާތީ، މާލެއިން ތިލަފުއްޓަށް ކުނި ގެންދިޔުމުގެ ބޭނުންކުރާ އުޅަނދު ފަހަރާ އަދި ސްޓެލްކޯގެ އިންޖީނުގެއަށް ތެޔޮ ގެންދާ ބާޖު ފިޔަވައި އެހެން ފަރާތްތަކުގެ އުޅަނދުފަހަރު އަލަށް ކެނޑި ނެރު މިވަގުތު ބޭނުން ނުކުރަން އަންގަން،" އެ ބަޔާނުން ބުނެފި އެވެ.

ކުނި މެނޭޖު ކުރުމާއި ސިނާއީ ހުރިހާ މަސައްކަތެއް ބަދަލު ކުރުމަށް ތަރައްގީ ކުރާ ސިނާއީ އަވަށް ހިއްކުމުގެ މަސައްކަތް މިހާރު ނިންމާލައިފަވާ އިރު ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ މިނިވަން ދުވަހަށް އެ ސަރަހައްދު ހުޅުވާނެ ކަމަށެވެ. ނަމަވެސް މަސައްކަތް އަދިވެސް ނުނިމެ އެވެ.