ހަބަރު

"ދައުވަތު ދިން ހުޅަނގުގެ ގައުމުތަކުގެ މަންދޫބުން ބައިވެރިވި"

Jul 27, 2016
2

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބޭއްވި ރަސްމީ ބައްދަލު ކުރެއްވުމުގައި ހުޅަނގުގެ ގައުމުތަކުން ބައިވެރިނުވާ ކަމަށް ބުނެ ފެތުރި ހަބަރުތައް ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ. އެ އޮފީހުން ބުނީ ހުޅަނގުގެ ގައުމުތަކުގެ އެކި ގައުމުތަކުގެ އެކި ލެވަލްގެ މަންދޫބުން ބައިވެރިވި ކަމަށެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު އަވަސް ވިދާޅުވީ، 4،000 މީހަކަށް ރައީސް ދައުވަތު ދެއްވި އިރު ރާއްޖޭގައި މިޝަންއެއް ނުހުންނަ ބޭރުގެ އެއްވެސް ޖަމްއިއްޔާ އަކަށް ދައުވަތެއް ދީފައި ނުވާނެ ކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ދައުވަތު ދިން ހުރިހާ ގައުމަކުން ވެސް ބައިވެރިވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ސަފީރުން ބައިވެރި ނުވި ނަމަވެސް ހައި ކޮމިޝަންތަކުގެ ދެން އެންމެ އިސްވެރިން ބައިވެރިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު މިނިވަން 50 ފާހަގަ ކުރީމައި އީޔޫ ކޮމަންވެލްތް ތަންތަނަށް ދައުވަތު ދިނީ. އެކަމަކު މިފަހަރު އެކަހަލަ ޖަމާއަތަކަށް ދައުވަތެއް ނުވެސްދޭ. ދެން ދައުވަތު ދެއްވި ޔޫރަޕްގެ ގައުމުތަކުން ހަމަ ހައި ލެވަލްގެ އޮފިޝަލުން ބައިވެރިވި. މިސާލަކަށް ބަލްގޭރިއާ އެއީ އީޔޫ ގައުމެއް. އެ ގައުމުގެ ރައީސްގެ ހާއްސަ މަންދޫބެއް ބައިވެރިވި. އިނގިރޭސިވިލާތުން ބައިވެރިވި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފަދަ ވާހަކަތައް ބަޔަކު ފަތުރަނީ ސަރުކާރުގެ ތަސައްވަރު އާންމުންގެ މެދުގައި ކިލަބު ކުރުމަށް ކަމަށެވެ. އޮފިޝަލް ވިދާޅުވީ ދައުވަތުދޭ އެންމެން އެއްވެސް އަހަރެއްގެ ހަފްލާގައި ބައިވެރި ނުވާ ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ ބޭރުގެ ބޭފުޅުންގެ ޝެޑިއުލްތައް ހުންނަ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން ހަފްލާގައި ބައިވެރި ނުވާނެ ކަން އެއްވެސް ގައުމަކުން އަދި ޖަމާއަތަކުން ވެސް އަންގާފައެއް ނުވެ އެވެ.