ރިޕޯޓް

އެންމެ ލޯބިވާ ކާޓޫން ކެރެކްޓާޒްތަކާއެކު މާލެއަށް މިނިވަން އީދެއް!

  • ހަތަރު ކުންފުންޏަކުން 14 ފުޅަނދެއް
  • ސްޓާވާޒްއަށް ހާއްސަ ފުޅަނދެއް ވެސް ހިމެނޭ
  • އެންމެ މޮޅު ފުޅަނދު ހޮވުމަށް އެސްއެމްއެސް ކުރެވޭ

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުކަން ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ ފުޅަނދުބުރު މިރޭ ވެސް މިވަނީ ބާއްވާފަ އެވެ. މި އަހަރު ހަތަރު ކުންފުންޏަކުން 14 ފުޅަނދު ބައިވެރިކޮށްފައިވެ އެވެ.

މިފަހަރުގެ ފުޅަނދުބުރުގައި އެންމެ ގިނަ ފުޅަނދު އަދި ތަފާތު ފުޅަނދުތައް ބައިވެރިކޮށްފައިވަނީ އެމްއޭސީއެލްއިންނެވެ. ޑިޒްނީ ކާޓޫނުތަކުގެ ކެރެކްޓާ ހިމަނައިގެން ބާއްވާ، ޑިޒްނީ ޕެރޭޑް ނަމޫނާއަކަށް ބަލައިގެން، ހަދާފައިވާ އަށް ފުޅަނދެއް އެ ކުންފުނިން ވަނީ ބައިވެރިކޮށްފަ އެވެ. އަދި މި ފުޅަނދުތަކުގައި އެ ކުންފުނީގެ 300 އެއްހާ މުވައްޒަފުން ހަރަކާތްތެރިވި އެވެ. އެމްއޭސީއެލްގެ ފުޅަނދުތަކަށް ކުޑަކުދިންތަކެއް ތަރުހީބު ދިޔައީ އޮހެމުންނެވެ. ޑިޒްނީގެ އެތައް މަގުބޫލު ކާޓޫނު ސަހުސިއްޔަތުތައް އެކީ އެއްތަނަކުން ފެނުމުން ކުޑަކުދިން އަމަށަކު ހެޔެއްނެތެވެ. ހީވަނީ ބޮޑު އީދެއް އައިސްގެން އުޅޭހެންނެވެ. އެމްއޭސީއެލްގެ ފުޅަނދުން ހަމަ ރަނގަޅަށް ވެސް ކުޑަކުދިންގެ ހިތްތައް ފުރާލަދީފަ އެވެ.

ދެން މި އޮތީ ސްޓެލްކޯގެ ފުޅަނދެވެ. އެ ކުންފުނީގެ މުޅި ފުޅަނދަކީ ވެސް އެތައް ބައެއްގެ ހިތްތައް ދަމައިގަނެ، ދެވިހިފައިވާ މަޝްހޫރު ފިލްމް، ސްޓާ ވޯޒް އެވެ. އެ ފުޅަނދުން ފެނިގެން ދަނީ އެ ފިލްމްގެ އާދަޔާ ހިލާފު އެތައް ކެރެކްޓާއެއް ހަމަ އެގޮތަށެވެ. ރެބެލް އެލެއަންސާއި ގެލެކްޓިކް އެމްޕަޔާއިން ވެސް މާލޭ މަގުމަތީގައި އެކުވެރިކަމާ އެކު ވަނީ ހިނގާލާފަ އެވެ.

ދިރާގުގެ ފުޅަނދަށް ބަލާލާއިރު، ދިރާގުން ދައްކާލާފައިވަނީ ޖައްވީ އުޅަނދެކެެވެ. މި އުޅަނދަށް ދީފައިވާ ނަމަކީ "ދި މަޑި" އެވެ. މި ފުޅަނދުން ދިރާގުން ދައްކާދީފައިވަނީ ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ހޯދާފައިވާ ކުރިއެރުމެވެ. އަދި އެ ފުޅަނދު ގެނެސްދެނީ ދިރާގުގެ ފައިވްޖީ އެވެ.

ދެން ފެނިގެން ގޮސްފައިވަނީ އެސްޓީއޯގެ ފުޅަނދެވެ. އެސްޓީއޯއިން ދައްކާލާފައިވަނީ އެލިސް އިން ވޮންޑަލޭންޑްގެ ސައި ޕާޓީއެކެވެ. އެލިސް އިން ވޮންޑަލޭންޑް ކާޓޫންގެ ކެރްކްޓާސްތައް ފުޅަނދުން ފެނިގެންދިޔަ އެވެ. މި ކާޓޫނަކީ ކުޑަކުދިން ވަރަށް ގަޔާވާ ކާޓޫނެއް ކަމުން މި ފުޅަނދަށް ކުޑަކުދިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.

މިފަހަރުގެ ހުރިހާ ފުޅަނދަކަށް ވެސް ވަރަށް ބުރަ އަދި ކަވި މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. ދިވެހިންގެ ތެރޭގައި ވެސް ކުލަދާނަ ހުނަރުވެރި އެތައް ބަޔަކު އެބަ ތިބިކަން މި ފުޅަނދުތަކުން ސާބިތުކޮށްދެ އެވެ.

ފުޅަނދުތައް ބަލާލުމަށް މާލޭގެ މަގު މައްޗަށް އެތައް ބަޔަކު ވަނީ ޖަމާވެފަ އެވެ. ހާއްސަކޮށް ކުޑަކުދިން ވަނީ މި ފުޅަނދުތަކުގެ މަޖާ ވަރަށް ފޯރީގައި ނަގާފަ އެވެ. މި ފުޅަނދުތައް ބައްލަވާ ލެއްވުމަށް ރައީސްގެ ދެކަނބަލުން ވަނީ މުލިއާގެ ސަރަހައްދަށް ނުކުމެ ވަޑައިގެންފަ އެވެ.

"ވަރަށް މަޖާވެއްޖެ! އެންމެ ލޯބިވާ ކެރެކްޓާތަކާ ބައްދަލުވެއްޖެ،" ފްލޯޓްތައް ބަލަން ހުރި ކުއްޖަކު ބުނެލި އެވެ.

މިފަހަރުގެ ފުޅަނދުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އާ ކަންތައްތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން މިލްކުރެވޭ ތަށްޓެއް ވަނީ ތައާރަފްކޮށްފަ އެވެ. އެހެން އަހަރުތަކުގައި ވެސް އެންމެ މޮޅު ފުޅަނދެއް ހޮވާއިރު، މި އަހަރު ވެސް އެންމެ މޮޅު ފުޅަނދެއް ހޮވައި، އެ ފުޅަނދަަށް މިލްކުކުރެވޭ ތަށި ދެވޭނެ އެވެ. ޖެހިޖެހިގެން ތިން އަހަރު މި ވަނަ ހާސިލުކުރެވިއްޖެނަމަ ތަށި މިލްކުކުރެވޭނެ އެވެ. އެންމެ މޮޅު ފުޅަނދު ހޮވާނީ ޖަޖުންގެ މާކުހާއި އާންމުންގެ އެސްއެމްއެސް ވޯޓުންނެވެ.

އަދި މި ނިމުނީއެއް ނޫނެވެ. ފުޅަނދަށް އަރައި، ކެރެކްޓާސްތަކާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު މާދަމާ ހަވީރު ލިބިގެންދާނެ އެވެ.