ރިޕޯޓް

ދިވެހި ސްޓިކާ ސެޓްގެ މޭސްތިރިން މިތިބީ: ގައުމީ ރޫހުން ފުރިފައި

Jul 28, 2016
19
  • ދިވެހި ވައިބްސް ހެދީ ހަ މަސް ދުވަހުން
  • ދިވެހި ބަސް ވައިބާގެ މައި ކުންފުންޏަށް ކިޔައިދިން
  • ވައިބާގެ ދިވެހި އިތުރު ސްޓިކާ ތަކެއް ނެރެނީ

މި އަހަރުގެ މިނިވަން ދުވަހު އުރިދޫ އިން ދިވެހިންނަށް ދިއްކޮށްލީ ވަރަށް، ހާއްސަ ހަދިޔާއެކެވެ. އެތައް ދިވެހިން ދެވިހިފާފައިވާ ސޯޝަލް ޕްލެޓްފޯމަށް ދިވެހި ބަހުން ސްޓިކާ ސެޓެއް ނެރެ ދޫކޮށްލީ އެވެ. މި ސްޓިކާ ސެޓް އެތައް ބަޔަކަށް ކަމު ގޮސްފި އެވެ. ސްޓިކާ ސެޓް ކިތަންމެ ނަލަވެފައި ރީތި ނަމަވެސް، މިއީ ހީކުރާހާ ފަސޭހަ މަސައްކަތެއް ނޫނެވެ. މި މަސައްކަތުގެ މޭސްތިރިންނަކީ، އުރީދޫގައި މަސައްކަތް ކުރާ ހަމަ ދިވެހި މުވައްޒަފުންނެވެ. "ދިވެހި ވައިބްސް" އަކީ ސީދާ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ.

" ހަގީގަތަށް ބުނާނަމަ މިކަންކުރީ ގައުމީ ރޫހުގއި. މިކަމުގައި ގިނަ ދަތިތައް ކުރިމަތިވި، އެންމެ ބޮޑު ހުރަހަކީ ދިވެހި ބަސް ވައިބާގެ މައި ކުންފުންޏަށް ކިޔައިދިނުން. މި ބަސްތައް ބޭނުންކުރާ ގޮތް އަންގައި ދިނުން. މީގެ މާނަތައް ކިޔައި ދިނުން،" އުރީދޫ ޕްރޮޑަކްޓް ޓީމްގެ އިސްކޮށް މަސައްކަތް ކުރައްވާ އަހުމަދު ނޫމާން "އަވަސް" އަށް ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން މުވާސަލާތު ކުރަން ބޭނުންކުރާ "ވައިބާ" ގައި ދިވެހި ބަސް ތަތްކޮށްލުމަށް އުރީދޫގެ ޓީމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މި މަސައްކަތް ކުރުމުގައި ވައިބާގެ މައި ކުންފުންޏާއެކު ހަ މަސް ދުވަހު އުރީދޫން މަސައްކަތް ކޮށްފައިވެ އެވެ.

މި މަސައްކަތް ކުރި ޓީމުގެ އިސްކޮށް ހަރަކާތްތެރިވި ކޮމިއުނިކޭޝަން އެގްޒެކެޓިވް އިސްމާއިލް މަޒްހަމް ވިދާޅުވީ އުރީދޫ އިން ވައިބާއާ ގުޅިގެން ހާއްސަ ޕެކޭޖްތަކެއް ތައާރަފު ކުރި ހިސާބުން ދިވެހި ސްޓިކާ ސެޓެއް ތައްޔާރު ކުރުމުގެ ހިޔާލު ފެށިއްޖެ އެވެ.

"ދިވެހި ސްޓިކާ ހެދުމަކީ ޕޮސިބަލް ކަމެއް ތޯ ފުރަތަމަ ބެލީ. ވައިބާގެ ޓީމާ ވަރަށް ގާތުން މަސައްކަތް ކުރަން ޖެހުނު. އެ ބޭފުޅުން ތިބީ ވަރަށް ޕޮޒިޓިވްކޮށް،" މަޒްހަމް ވިދާޅުވި އެވެ.

އުރީދޫ އިން ތިބީ އަދިވެސް ހުއްޓާލާ ގޮތަކަށް ނޫނެވެ. ނޫމާން ވިދާޅުވި ގޮތުގައި މުޅިން އާ ދިވެހި ސްޓިކާ ސެޓެއް ނެރުމަށް އެ ޓީމުން ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް ހަތަރު ލައްކަ އެވެ. މި ވަރުގެ ކުޑަ އާބާދީއެއްގައި ބޭނުންކުރާ ބަހަކަށް ވައިބާ ފަދަ ބޮޑު ވިއުގަ އަކުން ހާއްސަކަމެއް ދިނުމަކީ ކުޑަކަމެއް ނޫނެވެ. މިކަން ކުރެވޭނީވެސް ލައްކަ މަސައްކަތުންނެވެ.

މަޒްހަމް ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ބަހަކަށް ވައިބާ ފަދަ ނެޓްވޯކަކުން ޖާގަ ލިބުމަކީ ބޮޑު ކާމިޔާބީއެކެވެ.

"ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް މިއީ ބޮޑު ކާމިޔާބީއެއް. މިހާރު ދިވެހި ދިދަ ވައިބާ ސްޓިކާ މާކެޓުގައި ހުންނާނެ. މިހާރު އެ ބޭފުޅުން [ވައިބާ] އަށް އެނގޭނެ މި ބަސްތައް ބޭނުންކުރާ ގޮތް. މިކަން ނިންމުމުގައި ވާހަކަތައް ކުރި އަށް ދިޔައީ ސީދާ ވައިބާގެ މައި ހެޑް ކުއަޓާސްއާއެކު،" މަޒްހަމް ވިދާޅުވި އެވެ.

"އާއްމުކޮށް މި ހުންނަނީ ޗައިނީޒް ނޫނީ ފްރެންޗް ފަދަ ބޮޑެތި ގައުމުތަކުގެ ބަސްތައް. އެކަމަކު ރާއްޖެ ފަދަ ކުޑަ ގައުމަކުން މި ހެދުން މިއީ ބޮޑު ކާމިޔާބީއެއް ދިވެހި ބަހަށްވެސް ލިބުނު."

އޭނާ ވިދާޅުވީ ދިވެހި ސްޓިކާ އަށް ވައިބާ އިން ފުރުސަތު ލިބުނީ ދިވެހި ބަހުގެ ޔުނީކްކަން އެ މީހުންނަށް ވެސް ވިސްނުމުން ކަމަށް ގަބޫލު ކުރެވެ އެވެ.

"ދިވެހި ބަހުގެ ޔުނީކްކަން، ތަފާތުކަން އެ ބޭފުޅުންނަށް އެނގުމުން މި ފުރުސަތު ލިބިގެން ދިއުމުގެ އެއް ސަބަބަކީ. އެހެންވެ އެ ބޭފުޅުން [ވައިބާ] އަށް ޝުކުރު އަދާކުރަން އެކަމަށް،" މަޒްހަމް ވިދާޅުވި އެވެ.

އޭނާ ބުނީ ވައިބާގެ ދިވެހި ބަސް ކޮށާރު ހަދާފައިވަނީ އާއްމުކޮށް ޒުވާނުން ބޭނުންކުރާ ބަސްތައް ހިމަނައިގެން ކަމަށެވެ.

"އަޅުގަނޑުމެން މިހާރުގެ ބަސްތައް ބޭނުންކުރީ އާއްމުކޮށް ދޫދޫމަތިން ބޭނުންކުރާ ބަސްތައް ހިމަނައިގެން. އެހެންވެ މަގުބޫލު އެއްޗަކަށް މިވަނީވެސް. ގާތްގަނޑަކަށް 45-50 ބަހުގެ ލިސްޓެއް ފުރަތަމަ ހެދީ. މީގެ ތެރެއިން އެންމެ ރަނގަޅު ބަސްތައް ނެގީ،" މަޒްހަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައިބާ ދިވެހި ސްޓިކާ ފަރުމާކުރީ ވެސް ދިވެހިން ކަމަށެވެ.

"މި ސްޓިކާތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރި ސްޓިކާ މިހާރު މި ދަނީ ބަލަމުން. އަދި ތަންކޮޅެއް ފަހުން އެކަން އެނގޭނީ،" މަޒްހަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސްޓިކާސްތައް ފަރުމާ ކުރުމުގައި ގައުމީ ކުލަ އާއި ދިވެހި ސިފަތައް ހުންނާނެ ގޮތް ހެދުމަށް ވަރަށް މަސައްކަތް ކުރި ކަމަށެވެ.

"ކޮންމެ އެއްޗެއް ހެދިއަސް ވައިބާއިން ގަބޫލެއް ނުކުރާނެ. އެ ބޭފުޅުންވެސް ސްޓޭންޑަސްތަކެއް ހުރޭ. އެއަށް ބަލައިގެން ދިވެހި ވަންތަކަން ވެސް ނުގެއްލޭ ގޮތަށް މި ހުރީ ހަދާފައި. އެއީ ހަމަ ވަރަށް ބޮޑު ޗެލެންޖެއް،" މަޒްހަމް ވިދާޅުވި އެވެ.

އިތުރު އާ ދިވެހި ސްޓިކާސްތަކެއް ނެރެނީ

ވަރަށް މަދު ދިވެހި ސްޓިކާ ކޮޅެއް އަދި ނެރެފައި ހުރި ނަމަވެސް އިތުރު އާ ސްޓިކާތަކެއް ނެރުމަށް އުރީދޫ އިން މި އަންނަނީ ވަރަށް ވަރުގަދަޔަށް ތައްޔާރުވަމުންނެވެ.

ނޫމާން ވިދާޅުވީ އާ ސްޓިކާތައް ތަފާތު ވާނެ ކަމަށެވެ. ދ

"ސޯޝަލް މީޑިޔާގައި ވެސް ވަރަށް ގިނަ މީހުން ސުވާލު ކުރަމުންދޭ، ކޮން އިރަކުންހޭ އާ ސްޓިކާސް ނެރޭނީ؟ ބުނެލަން އޮތީ ވަރަށް އަވަހަށް ނެރޭނަމޭ. އިންތިޒާރު ކޮށްލާށޭ. ވަރަށް އެކްސައިޓިން ސްޓިކާސް ހުންނާނެ،" ނޫމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން ތައާރަފުުކުރާ ޕްރޮޑަކްޓްތައް އެހެން ގައުމުތަކުން މިސާލެއްގެ ގޮތުގައި ބަލާ ކަމަށެވެ.

"ރާއްޖެ އަކީ ވަރަށް ކުޑަ ގައުމެއް އުރީދޫގެ ބޮޑެތި މާކެޓްތަކާ ބަލާއިރު. އެކަމަކު އެ ބޭފުޅުންވެސް ވަރަށް ބަލައިގަނޭ އެފަދަ ޕްރޮޑްކްޓްތައް. މިސާލެއްގެ ގޮތުން ޓެކްސްޓް އަ ކޮފީ. މިވެސް އޮމާން- އުރީދޫން ވެސް އެބަ ބޭނުން ކުރޭ މިހާރު. އެ ބޭފުޅުން ބޭނުންކުރަނީ އައިސް ކްރީމް އަށް ހާއްސަ ކޮށްގެން. އަޅުގަނޑުމެން ފެށިކަމެއް އެއީ،" ނޫމާން ވިދާޅުވި އެވެ.

އުރީދޫގެ ޓީމުން މިހާރު ދަނީ އާއްމުންގެ ހިޔާލުވެސް ހޯދަމުންނެވެ. އެ ކުންފުނީގެ މަގުސަދަކީ ވައިބާގެ އިތުރު ދިވެހި ސްޓިކާސްތަކެއް ނެރުމެވެ. މި ސްޓިކާތައްވެސް ނެރޭނީ ދިވެހި ވަންތަ ސިފަތަކާއި، އެކު ގައުމީ ކަމެއްގެ ގޮތުގައި ކަމަށް އުރީދޫ ޓީމުން ބުނެ އެވެ.