ހަބަރު

ވިސާ ނެތި ނޫސްވެރިކަން ކުރަން އުޅުނު ބައެއްގެ މައްސަލަ ބަލަނީ

Jul 28, 2016
10

ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް، ނޫސްވެރިކަން ކުރަން އުޅުނު ބޭރުގެ ދެ މީހަކު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ބަލަން ފަށައިފި އެވެ. އެދެ މީހުން ވެސް ފުލުހުން ގެންގޮސްފައި ވަނީ އެމްޑީޕީ ހަރުގޭގައި މިރޭ ކުރިއަށް ދިޔަ، އިއްތިހާދުގެ ޖަލްސާގެ ހާޒިރީންގެ ތެރޭގައި ތިއްބަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެމްޑީޕީގެ ހަރުގެ ހިމެނޭ ސަރަހައްދުން، އިޓަލީ އާއި ޕޮލެންޑަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައުލޫމާތު ސާފު ކުރި އިރު އެ މީހުންގެ އަތުގައި ވޯކް ވިސާއެއް ނެތް ކަމަށާއި އެ މީހުން ރާއްޖެ އެތެރެވެފައި ތިބީ ޓޫރިސްޓް ވިސާގައި ކަމަށެވެ.

އެ ދެ މީހުންނަކީ ވެސް ނޫސްވެރިން ކަމަށް ބުނާ އިރު، ރާއްޖޭގެ ގާނޫނުތައް އޮންނަ ގޮތުން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ނޫސްވެރިކަން ވެސް އަދި އެހެން ވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން ނޫސްވެރިން ކަމަށް ބުނެ، ޕްރެސް ޖަހާފައިވާ ފާހެއް ވަނީ ފުލުހުންނަށް ދައްކައިފަ އެވެ.

އެ މީހުންނަކީ ނޫސްވެރިން ކަމަށް ބުނި ނަމަވެސް، އެ މީހުން ނިސްބަތްވާ ނޫސް އެޖެންސީއެއްގެ ރަސްމީ ލިޔެކިޔުމެއް ވެސް ނެތް ކަމަށްވެ އެވެ. އޮފިޝަލް ވިދާޅުވީ އެ މީހުންގެ އަތުގައި އޮތީ، އީޔޫގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ޖަމާއަތެއްގެ މެންބަރުކަން އަންގައިދޭ ކާޑެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 113 ވަނަ މާއްދާ އާއި އިމިގްރޭޝަން ގާނޫނުގެ ދަށުން ޓޫރިސްޓް ވިސާގައި އައިސް އެއްވެސް ޒާތެއްގެ ވަޒީފާއެއް ނޫނީ އާމްދަނީ ހޯދުމުގެ މަސައްކަތެއް ކުރުމަކީ ޖިނާއީ ކުށެކެވެ. މަސައްކަތެއް ކުރަން އަންނަ ނަމަ، ވަކި ހާއްސަ ވިސާއެއް ނަގަން ޖެހެ އެވެ.

އެދެ މީހުންނާ މެދު އަމަލު ކުރާނެ ވަކި ގޮތެއް އަދި ނުނިންމަ އެވެ.