ބޮލީވުޑް

ކާފަގެ ރޯލު ރަންބީރު ކުޅެނީ

Jul 28, 2016

ޒުވާން އެކްޓަރު ރަންބީރު ކަޕޫރު އޭނާގެ ކާފަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ކަމަށްވާ ރާޖް ކަޕޫރުގެ އެންމެ މަޝްހޫރުވެގެން ގޮސްފައިވާ ރޯލު ކަމަށްވާ އިންގްލިޝްތާނީ ޕޭންޓުގަ އާއި ޖަޕާނީ ބޫޓުގައި ފެނިގެންގޮސްފައިވާ ރޯލަކީ ގިނަބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ރޯލެކެވެ.

އިންޑިއާގެ އެންމެ އައިކޮނިކް ތަރީގެ ގޮތުގައި މަޝްހޫރުވެގެން ގޮސްފައިވާ ރާޖް ކަޕޫރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނީ ކާފަ ދަރިފުޅު ރަންބީރު އެވެ. އަދި މިފިލްމު އުފެއްދުމަށް ހަމަޖެހިފައިވަނީ އެއާއިލާގެ ފިލްމު ޕްރޮޑަކްޝަން ކުންފުނި އާރްކޭ ފިލްމްސް އިންނެވެ.

ކަޕޫރު އާއިލާ އާއި ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މިފިލްމާކީ މުޅި އެއާއިލާގެ އެންމެ އުންމީދީ އެއް ފިލްމެވެ. ރާޖް ކަޕޫރުގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން އެއާއިލާއިން މަސައްކަތްކުރަމުން އަންނަތާ މިހާރު އެތަކެއް އަހަރެއްވެފައިވާއިރު، ރަންބީރު ފިލްމު ކުޅެން ފެށިފަހުން އޭނާ އަށް ވުރެން މޮޅަށް މިރޯލު އަދާކުރެވޭނެ އިތުރު ތަރިއަކު ނެތްކަމަށް އެއާއިލައިން ގަބޫލުކުރެ އެވެ.

މިފިލްމު އުފެއްދުމަށް އެއާއިލާއިން ތައްޔާރުވަމުން އަންނަ ކަމަށްވެސް އެފަރާތުން ބުނެފައިވެ އެވެ.

ރަންބީރު ވެސް މިރޯލު ކުޅެން ވަރަށް ޝައުގުވެރިވާ ކަމަށްވާއިރު، އޭނާ އަކީ ކާފަގެ މަސައްކަތްތަށް ފެނި އެކްޓިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަދި އޭނާގެ ކާފަގެ ހަޔާތުގެ ގިނަ ކަންތައްތަކެއް އެންމެ ކައިރިން އެނގޭ އެކަކެވެ.

އާރްކޭ ފިލްމްސް އަކީ ރާޖް ކަޕޫރު އުފައްދި ޕްރޮޑަކްޝަން ކުންފުންޏަކަށް ވެފައި، މިޕްރޮޑަކްޝަން ކުންފުނީގެ ދަށުން ފިލްމެއް ނުއުއްފައްދާތާ ވަރަށް ގިނަ އަހަރުތައް ވެފައިވާއިރު ރަންބީރުގެ ބައްޕަ، ރިޝީ ކަޕޫރާއި ބޮޑުބޭބެ ރަންދީރު ކަޕޫރު ބޭނުންވަނީ އަލުން މިކުންފުނީގެ މަސައްކަތް ރާޖް ކަޕޫރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމާއެކު ފަށައި ދިރުވާށެވެ.

އާރްކޭ ފިލްމްސް ރާޖް ކަޕޫރު އުފައްދާފައިވަނީ 1984 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ މިކުންފުނީގެ ދަށުން އުފެއްދި ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާއިރު، މި ކުންފުނިން އެންމެފަހުން ފިލްމެއް އުފައްދާފައިވަނީ 1999 ވަނަ އަހަރު އެވެ.