ލައިފްސްޓައިލް

އައިސް ބަކެޓް ޗެލެންޖުން އޭއެލްއެސްގެ ފަރުވާއަށް ބޮޑު ކުރިއެރުމެއް

އައިސް ބަކެޓް ޗެލެންޖް ނޫނީ އައިސްތަކެއް ބޮލަށް އަޅާލުމަކީ، އެއް ދުވަސްވަރެއްގައި ނިކަން ފޯރި ހިއްޕާލި ކަމެކެވެ. ދުނިޔޭގެ އެތައް ނުފޫޒު ގަދަ ފަރާތްތައް ވެސް މި ޗެލެންޖް ނަގަން ފެށުމުން އެތައް މިލިއަން ބަޔަކު އެ މީހުންގެ ފަހަތުން ގޮސް، މި ކުޅިގަނޑު ތަޖުރިބާ ކުރި އެވެ. ދަތުރު ގޮސް މަޖާކުރާ ލިސްޓްގެ އެންމެ ކުރީގައި އައިސްބަކެޓް ޗެލެންޖް އޮންނާނެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އައިސް ބަކެޓް ޗެލެންޖަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އަދި ސަމާސާއެއް ވެސް ނޫނެވެ.

އައިސް ބަކެޓް ޗެލެންޖް ތައާރަފްކޮށްފައިވަނީ ނާރުގެ ބައްޔެއް ކަމަށްވާ އެމިޔޯޓްރޮފިކް ލެޓިރަލް ސްކްލީރޯސިސް، އޭއެލްއެސް އަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުންނެވެ. އެ ބައްޔަށް ފަރުވާއެއް ހޯދުމަށް، ފައިސާ އެއް ކުރުމަކީ މި ކުޅިވަރުގެ ބޭނުމެވެ. މި ޗެލެންޖްގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުން 220 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ.

މި ޗެލެންޖުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާ ކުރީ، އެ ބައްޔަށް ފަރުވާއެއް ހޯދުމަށް ސައިންސްވެރިން ކުރާ މަސައްކަތަށެވެ. މި ފައިސާ އިން ހަރަދުކޮށްގެން ކުރި ދިރާސާތަކުން މިބަލި ފަތުރާ މުޅިން އާ ޖީން އެއް ކަމަށްވާ "އެންއީކޭ1" ވަނީ ސައިންސް ވެރިން މިހާރު ހޯދައިފަ އެވެ.

ސައިންސްވެރިން މިހާރުދަނީ މި ޖީންއަށް އެކަށީގެންވާ ފަރުވާއެއް ހޯދަން މަސައްކަތް ކުރަމުންނެވެ.

ދެހާސް ސާދަ ވަނަ އަހަރު ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އާ ބައެއް ސެލެބްރިޓީން ކަމަށްވާ ޓޭލާ ސްވިފްޓް، ކިމް ކާޑޭޝިއަން އަދި އެލެން ދިޖެނެރެސް ވެސް ބައިވެރިވެފައިވެ އެވެ. މީގެތެރެއިންވެސް ޖޯޖް ބުޝްގެ ވީޑިއޯއަށް 400 މިލިއަން ވިއުސް ލިބިފައިވެ އެވެ. މި މުބާރާތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 17 މިލިއަނެއްހާ މީހުން ބައިވެރިވެފައިވެ އެވެ.

ނާރުތަކަށް ޖެހޭ މި ބައްޔަކީ ސިކުނޑިއަށް އަދި ސްޕައިނަލް ކޯޑަށް އެއިން ނުރައްކާތެރި އަސަރުތަކެއް ކުރުވާ ބައްޔެކެވެ. މިކަމުގެ ސަބަބުން ނާރުގެ މަސައްކަތް ހުއްޓި ފުރާނައަށް ނުރައްކާވެ އެވެ. އޭއެސްއެލްގެ އަލާމާތްތަކުގެ ތެރޭގައި ހިނގާބިގާވެ އުޅުމަށް ހުރަސްއެޅި ބައެއް ފަހަރު ވާހަކަ ދެއްކުމަށްވެސް ނުކުޅެދެ އެވެ. އަދި ނޭވާ ލުމުގެ ނިޒާމަށްވެސް ދަތިތަކެއް ކުރިމަތިކުރުވަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކޮންމެ އަހަރަކުވެސް މިބަލީގައި ބަލިޖެހޭ މީހުންގެ ތެރެއިން ތިންބައިކޮށްފައި އެއްބައި މީހުން މަރުވެ އެވެ. މި ބައްޔަށް އެންމެ އެކަށީގެންވާ ފަރުވާއެއް ވަނީ ނުހޯދި އެވެ.