ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ނަސޭހަތެއް ދެއްވައި، ސިޔާސީ މަޝްރަހު ފިނިކުރުމަށް މަސައްކަތް ކުރައްވައިފި އެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ރައީސް ޔާމީން ޓެގް ކުރައްވައި މިއަދު ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބޭފުޅުންގެ އަމިއްލަ ޒާތީ މަސްލަހަތަށް ވުރެ، އަދި ހުދު އެ މަނިކުފާނުގެ އަމިއްލަ މަސްލަހަތަށް ވުރެ، ގައުމުގައި ހުރި މައްސަލަތައް މާ ބޮޑު ކަމަށާއި އެއްބައިވަންތަކަށް ވެސް މުހިންމު ކަމަށެވެ.
ރައީސް ވަހީދު މިފަދަ ޓްވީޓެއް ކުރައްވައި، ރާއްޖޭގެ ރައީސުންނަށް ވިސްނައިދެއްވުމަށް މަސައްކަތް ކުރެއްވި އިރު ސިޔާސީ ގޮތުން ގައުމު ވަނީ ވަރަށް ބޮޑު ބައިބައިވުންތަކެއްގެ ތެރޭގަ އެވެ. އެ ބައިބައިވުންތައް ބޮޑުވެ، ރައީސް މައުމޫނާއި ރައީސް ޔާމީންއާ ދެމެދު ހިޔާލުތަފާތުވުންތަކެއް ވެސް އުފެދި، ވެރިކަން ކުރާ ޕީޕިއެމް ވެސް ވަނީ ބައިބައިވެފަ އެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީންއާ ދެމެދު ހިޔާލު ތަފާތުވެފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ އިނިގިރޭސިވިލާތުގައި ހުންނަވައިގެން ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި އިދިކޮޅު އިއްތިހާދެއް އުފައްދައިގެން ރާއްޖެއަށް އެކި ގޮތްގޮތުން ދަތިކޮށް ސަރުކާރަށް ޕްރެޝަރު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ އިއްތިހާދުން ގޮވާލައި މަސައްކަތް ކުރަމުން އަންނަނީ އެ އިއްތިހާދަށް ވެރިކަން ލިބޭ ގޮތަށް، އިންތިގާލީ ވެރިކަމެއް ގާއިމުކުރުމަށެވެ.
ރައީސް ވަހީދު ވަނީ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ވެސް ބައިވެރިވެޑައިގަންނަވާފަ އެވެ.