ހަބަރު

ރައީސްގެ މިނިވަން ދުވަހުގެ ތަގުރީރަށް އިއްތިހާދުން ފާޑުކިޔައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުން ޑިމޮކްރަސީ އަށް ކުޑާމީސްވާ ކަމަށް ބުނެ، އިދިކޮޅު އިއްތިހާދުން ބުނެ، އެ ތަގުރީރަށް ފާޑުކިޔައިފި އެވެ.

ޔުނައިޓެޑް އޮޕޮޒިޝަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި، ރައީސް ދެއްވި ތަގުރީރުން، ޑިމޮކްރަސީ ނިކަމެތިކޮށްފައިވާ ކަމަށެވެ. އަދި އެއީ ދުނިޔޭގެ ޑިމޮކްރަޓިކް ގައުމުތަކަށް ފުރައްސާރަ ރައްދުވާ ގޮތަށް ދެއްކެވި، ވާހަކަފުޅެއް ކަމަށް ބުނެ އެކަން ވަނީ އިއްތިހާދުން ކުށްވެރިކޮށްފަ އެވެ. މީގެ އިތުރުން އިއްތިހާދުން ބުނީ،ރާއްޖެއަށް ޑިމޮކްރަސީ ގެންނާނީ އެމަނިކުފާނު ބޭނުންވެއްޖެ ހިނދެއްގައި ކަން ހާމަވާ ކަމަށެވެ.

".. ރައީސް ޔާމީންގެ މި ބަސްފުޅުތައް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފާހަގަކުރަން. ސަބަބަކީ މިފަދަ އިބާރާތްތަކަކީ ބާރުތައް ހިފަހައްޓައި އިދިކޮޅު ވިސްނުންތަކަށް ނުފޫޒު ފޯރުވައި ނިކަމެތި ކޮށްލާނެކަން ދޭހަވާފަދަ އިބާރާތްތަކެއް،" އެމްޔޫއޯގެ ބަޔާނުގައި ބުންޏެވެ.

ރައީސް އެރޭގެ ތަގުރީރުގައި ވިދާޅުވީ؛ "ގައުމާ ދައުލަތް ބިނާކުރުމުގައި ދުނިޔޭގައި އިލްމީ ދިރާސާ ކުރާ ފަރާތްތަކާއެކު މިފަދަ މަސައްކަތްތައް މިގެންދަނީ ކުރަމުން. މިފަދަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގައި ތަރައްގީވެފައިވާ ގައުމުތަކުން ޑިމޮކްރަސީއާ ކުރިމަތިލާފައިވަނީ، އެ ގައުމުތަކުގެ ދައުލަތް ބިނާކުރުމަށްފަހު. އެހެނަސް ދިވެހިރާއްޖެއިން، ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފަށާފައިވަނީ، ދިވެހި ދައުލަތް ދައުލަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ މިންވަރަށް ބިނާކުރުމުގެ ކުރިން،" ކަމަށެވެ.

ދީނުގެ ތައުލީމު އުގަންނައި ދިނުމަށް، ރައީސް ބާރު އަޅުއްވައި ވާހަކަފުޅު ދެއްކެވުމުން އެކަމާ ގުޅޭ ގޮތުން އިއްތިހާދުން ބުނީ އެއީ، ހަރުކަށި ވިސްނުމުގެ ބައެއް މީހުންގެ ބަސްމަގު ހުންނަ ގޮތް ކަމަށެވެ.

އެމްޔޫއޯ އިން މިހެން ބުނެފައިވާއިރު، އެރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ، ފުދުންތެރިކަމާއެކު ތަހުޒީބު މުޖްތަމައެއް ބިނާކުރުމަށްޓަކައި އިސްލާމީ ހިޔާލާއި ފިކުރު ރައްޔިތުންގެ ހިތްތަކުގާ ގޮވާން ކުރެވެންޖެހޭ ކަމަށެވެ. އަދި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިތިބި އަހްލާގީ ޖީލެއް ބިނާކުރުމުގާ ސަރުކާރުން އެންމެ އިސްކަންދޭ ކަމަކީ، ކީރިތި ގުރުއާނާ އިސްލާމްދީން އުނގަނައިދިނުން ކަމަށެވެ.