ބޮލީވުޑް

ސަލްމާން ޖަނަވާރަށް ބަޑިޖެހި: ޑްރައިވަރު

Jul 28, 2016
1

ހިމާޔަތްކޮށްފައިވާ ފުއްލާއެއްގެ ވައްތަރެއް ކަމަށްވާ ޗިންކާރާ ޝިކާރަކުރުމުގެ ދެ ދައުވާއިން މިދިޔަ ހޯމަދުވަހު ސުޕަސްޓާ ސަލްމާން ޚާން ވަނީ ސަލާމަތްވެފަ އެވެ. ހޯމަ ދުވަހު ޖޯދްޕުރް ކޯޓުން ކުރި ހުކުމްގައި ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެފަ އެވެ.

ކޯޓުން ސަލްމާންގެ އެއްވެސް ކުށެއް ނެތް ކަމަށް ނިންމުމުން އާންމުންގެ ގިނަ ބަޔަކު އެކަމަށް ހަޖޫޖަހާފައިވާއިރު، "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން 1998 ވަނަ އަހަރު ސަލްމާނާއި ފިލްމު ކުރޫ ޖޯދްޕޫރު ޖަންގަލީގައި ހޭދަކުރި ހަފްތާއެއްހާ ދުވަހު އެމީހުން ދުއްވި ވެހިކަލްގެ ޑްރައިވަރަކަށް އުޅުނު އަދި މި މައްސަލައިގެ އެންމެ މުހިއްމު ހެކިވެރިޔާ ހަރީޝް ދުލާނީ ވަނީ އިންޑިއާގެ އެންޑީޓީވީއާ ވާހަކަދައްކަމުން ޗިންކާރާގެ ގަޔަށް ބަޑިޖެހީ ސަލްމާން ޚާން ކަމަށް ބުނެފަ އެވެ.

ހަރީޝް ވަނީ މީގެ އަށާރަ އަހަރުކުރިން މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ދީފައިވާ ބަޔާނުގައި ވާ ވާހަކަތަކަކީ ތެދުކަމަށާއި އަދިވެސް އޭނާ ބުނާނީ އެދުވަހު ދިން ބަޔާނަކީ ތެދުކަމަށް ބުނެފަ އެވެ. އަށާރަ އަހަރުފަހުން ވެސް މީގެކުރިން އޭނާ ބުނެފައިވާ އެއްވެސް ވާހަކައެއް ބަދަލުކުރަން ބޭނުންނުވާ ކަމަށާއި އޭނާ އަކީ ތެދުވެރިއެއް ކަމަށް ބުނަމުން ހަރީޝް ވަނީ މިހުރިހާ އަހަރުތަކުގައި އޭނާ އުޅެފައިވަނީ ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި ކޮންމެ ފަހަރަކުވެސް ކޯޓަށް ހާޒިރުވެ ބަޔާން ދޭން އުޅުމުން ސަލްމާންގެ ވަކީލުންގެ ފަރާތުން ބިރުދެއްކުންތަކާ ކުރިމަތިވާ ކަމަށް ބުނެފަ އެވެ.

"އަހަންނަކީ ދޮގުހަދާ މީހެއް ނޫން. ފުލުހުން އަހަންނަށް ހިމާޔަތް ދިން ނަމަ އަހަރެން ކޯޓަށް ގޮސް ހެކި ބަސް ދޭނަން. އެއީ އަހަރެން އަބަދުވެސް ބޭނުންވި ގޮތަކީ" ހަރީޝް ބުނެފައިވެ އެވެ.

ހަރީޝް އިތުރަށް ވަނީ ފާއިތުވި އަހަރުތަކުގައި އޭނާ އުޅެމުން އައިސްފައިވަނީ އެކި ގޭތަކުގައި ގިނަފަހަރު ޖޯދްޕުރްއިން ބޭރުގައި ކަމަށާއި އަދި އޭނާއަކީ ކާކުން އެނގިދާނެތީ ވަޒީފާއެއް ވެސް އަދާކުރަން ނުކެރުނު ކަމަށް ބުނެފަ އެވެ.

ސަލްމާން ޖަނަވާރުންތަކުގެ ގަޔަށް ބަޑިޖެހިތަން ފެނުނު ކަމަށް ހަރީޝް ބުނެފައިވީ ނަމަވެސް މިމައްސަލައިގައި ސަލްމާނާ ދެކޮޅަށް ކޯޓުގައި މައްސަލަ ހިނގިއިރު، ކޯޓަށް ހާޒިރުވެ އޭނާއާ ދެކޮޅަށް ހަރީޝް ހެކިބަސް ދީފައެއް ނުވެ އެވެ. އެހެންކަމުން ސަލްމާންގެ ކުށެއް ނެތް ކަމަށް ކޯޓުން ނިންމާފައިވަނީ އޭނާގެ ވަކީލުންނަށް ހަރީޝްއާ ސުވާލެއް ކުރުމުގެ ފުރުސަތު ނުލިބި، އޭނާ ދީފައިވާ ބަޔާނުގެ އެއްވެސް ބުރަދަނެއް ނެތް ކަމަށް ބުނެ އެވެ.

ހަމައެދުވަސްވަރު ބްލެކްބަކް ކިޔާ ޖަނަވާރެއް ސަލްމާން ޝިކާރަކުރިކަމުގެ ދައުވާވެސް ކޯޓުގައި އޮތް އިރު، ހަރީޝް ވަނީ އެމައްސަލައިގައި ކޯޓަށް ހާޒިރުވެ އޭނާއާ ދެކޮޅަށް ހެކިބަސްދޭން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ. އެކަމާ ވަރަށް ބިރުގަންނަ ކަމަށާއި ނަމަވެސް އޭނާއަށް ހިމާޔަތްދީފިނަމަ ކޯޓަށް ގޮސް ހެކިބަސް ދޭނެ ކަމަށް ހަރީޝް ވަނީ އޭނާ ދިން އިންޓަވިއުގައި ބުނެފަ އެވެ.

މިދެމައްސަލައިގައި ސަލްމާނާ ދެކޮޅަށް ހުށަހަޅާފައިވާ ދެދައުވާ ސާބިތުވާ ކަމަށް 2007 ވަނަ އަހަރު ޖޯދްޕުރްގެ ދަށުކޯޓުން ނިންމައި، ސަލްމާން ވަނީ އެއް ހަފުތާ ޖަލުގައި ހޭދަކޮށްފަ އެވެ. ސަލްމާން އެހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހޯމަ ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ އެދެޖަނަވާރު މަރުވީ ސަލްމާން ބަޑިޖަހައިގެން ކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށެެވެ.