ބޭރު ކުޅިވަރު

ރޮނާލްޑޯގެ ލަނޑާއެކު ޝާލްކާ އަތުން ރެއާލް މޮޅުވެއްޖެ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަންގެ ޝާލްކާ އަތުން 2-0 އިން ރަށުން ބޭރުގައި މޮޅުވެ ރެއާލް ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކޮށްފި އެވެ.

ޝާލްކާގެ ދަނޑުގައި ކުޅުނު މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލަށް 26 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ ރޮނާލްޑޯ އެވެ. ޑެނީ ކާރްވަހާލް ހުރަސްކޮށްލި ބޯޅަ ރޮނާލްޑޯ ގޯލަށް ވައްދާލީ ބޮލުންނެވެ. ރެއާލް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ރޮނާލްޑޯ އަށް ލަނޑެއް ޖެހިފައެއް ނުވެެ އެވެ. ރޮނާްލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުުނު 58 މެޗުގައި 58 ލަނޑު ޖަހައިފަ އެވެ.

ދެވަނަ ހާފުގައި ރެއާލްގެ ދެވަނަ ލަނޑު ޖެހީ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ އެވެ. މާސެލޯ އަށް ލަނޑު ޖެހުމުގެ ފުރުސަތު ތަނަަވަސްކޮށްދިނީ ރޮނާލްޑޯ އެވެ.

ރެއާލް އިން ދިހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު މިދިޔަ ސީޒަންގައި ކާމިޔާބުކުރިއިރު، އެ ޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރުގައި ޝާލްކާ އަތުން ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. މިއީ ރެއާލް މި މުބާރާތުގައި ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުނީ ރޮނާލްޑޯ މި މެޗުގައި ލަނޑު ޖެހުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މި ކަހަލަ މެޗެއް އަހަރެމެން ބޭނުންވީ. ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް،" އެންޗަލޮޓީ ބުންޏެެވެ. "ރޮނާލްޑޯ މި މެޗުގައި ލަނޑު ޖަހައި، ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮޮށްދިން. ރޮނާލްޑޯ ދެ ތިން މެޗެއްގައި ލަނޑު ނުޖެހުމަކީ އަހަރެމެންނަށް މައްސަލައެއް ނޫން. އެކަމަކު އެއީ އޭނާ ހިތްހަމަޖެހޭ ކަމެއް ނޫން." -- ބީބީސީ