ޔުވެންޓަސް އާއި ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ 84 މިލިއަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ނިންމައިފި އެވެ.
ޔުވެންޓަސްއިން ކުޅުންތެރިޔާ އޭނާގެ ކުރީގެ ކުލަބަށް ވިއްކާލަން އެއްބަސްވީ ޕޮގްބާގެ އެޖެންޓްގެ ފީއާއެކު ޖުމުލަ އަގު 100 މިލިއަން ޕައުންޑަށެވެ. ނަމަވެސް ކުޅުންތެރިޔާ ގަތް އަގުގެ ގޮތުގައި މެންޗެސްޓާ އާއި ޔުވެންޓަސްއިން ވެސް ރަސްމީކޮށް އިއުލާނުކުރާނީ 84.3 މިލިއަން ޕައުންޑެވެ. އެއީ ޕޮގްބާގެ ޖުމުލަ އަގުން އެޖެންޓް ރައިއޯލާ އަށް ދޭން ޖެހޭ 20 ޕަސެންޓް ނުލަ އެވެ.
މިހެންވުމުން ޕޮގްބާ ވެގެންދާނީ ދުނިޔޭގެ ދެވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މިވަގުތު ދުނިޔޭގެ ރެކޯޑްފީ އަކީ ރެއާލް މެޑްރިޑުން ގެރެތް ބޭލް ގެންދިޔަ އަގު ކަމަށްވާ 86 މިލިއަން ޕައުންޑެވެ. ޕޮގްބާ ގަތުމަށް ރެއާލް މެޑްރިޑުން ބިޑްކުރަން އުޅެފައިވެސް އެކަން ނުކުރީ އެ ޓީމުގައި މޮޅު ކުޅުންތެރިން ގިނަވުމުންނެވެ. އަދި ޕޮގްބާ އަށް 100 މިލިއަން ޕައުންޑް ހައްގު ނޫން ކަމަށް ދުނިޔޭގެ ވަރަށް ގިނަ ކުޅުންތެރިން ވަނީ މިހާތަނަށް ބުނެފަ އެވެ.
ޔުވެންޓަސްއިން ކުރިން ޑިމާންޑް ކުރަމުން އައީ ޕޮގްބާ އަށް އެކަނި 100 މިލިއަން ޕައުންޑްދޭން ޖެހޭނެ ކަމަށެވެ. މިހާތަނަށް މި ޑީލް ނުނިމި އޮތީ އެޖެންޓަށްދޭން ޖެހޭ ފައިސާ އަށް ވަކިގޮތެއް ނުނިމިގެންނެވެ.
އުމުރުން 22 އަހަރުގެ ޕޮގްބާ އަކީ 2012 ވަނަ އަހަރު މެންޗެސްޓާއިން ދޫކޮށްލި ކުޅުންތެރިއެކެވެ. އޭނާ ޔުވެންޓަސް އަށް ބަދަލުވީ މެންޗެސްޓާގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ރައިއޯލާ ބޭނުންވިގޮތަށް އެގްރީމަންޓް އާކުރަން އެއްބަސްނުވުމުންނެވެ.
ނަމަވެސް އަލުން ފަސް އަހަރުގެ އެގްރީމަންޓެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ޕޮގްބާ ސޮއިކުރާނީ ހަފުތާއަކު 290،000 ޕައުންޑް މުސާރައިގެ ގޮތުގައި ދޭގޮތަށެވެ. އޭނާ މެޑިކަލް ހަދާނީ އެމެރިކާގެ ކެލިފޯނިއާގަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ޑީލް މުޅިން ނިންމައި މެންޗެސްޓާގެ ކުޅުންތެރިއެއްގެ ގޮތުގައި ޕޮގްބާ ރަޖިސްޓްރީކުރަން ޔުވެންޓަސް އާއި ރައިއޯލާ ވަނީ ނިންމާފަ އެވެ. މިކަންތައް ހަމަޖެއްސުމަށް ޔުވެންޓަސްގެ ލޯޔަރުންނާއި މެނޭޖްމަންޓާއެކު ބާއްވާ އެންމެ ފަހުގެ ބައްދަކުވުން މިއަދު ބާއްވާން ވަނީ ނިންމާފަ އެވެ.
ޕޮގްބާ އަކީ އާ ސީޒަނަށް މެންޗެސްޓާ އަށް ގެންދިޔަ ހަތަރުވަނަ ކުޅުންތެރިޔާ އެވެ. ސްވިޑްގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗާއި ބޮރޫޝިޔާ ޑޯޓްމުންޑްގެ މިކިތަރްޔަން އާއި ޑިފެންޑަރު އެރިކް ބައިލީ ވަނީ މިހާރު ޔުނައިޓެޑްގެ ސްކޮޑާގުޅި ފަރިތަކުރަމުންނެވެ.