ބޭރު ކުޅިވަރު

ޕޯޓޯ އާއި ބާސެލް އެއްވަރު

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ އެފްސީ ބާސެލް އާއި އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ބާސެލްގެ ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނިޓުގައި ބާސެލް އިން ލީޑު ނެގީ ޑެރްލިސް ގޮންޒާލެޒް ޖެހި ލަނޑުންނެވެ. ޕޯޓޯ އަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 79 ވަނަ މިނިޓުގައި އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ޑެނީލޯ އެވެ.

ހޫނުވެގެން ދިޔަ މެޗުގައި ދެވަނަ ހާފުގައި ޕޯޓޯގެ ކަސެމީރޯ ބާސެލްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، މެޗުގެ ރެފްރީ މާޓިން ކްލެޓަންބާގް ވަނީ ބޯޅަ ގޯލަށް ވައްދާލިއިރު ކަސެމީރޯ އޮފްސައިޑް ކަމަށް ނިންމަައިފަ އެވެ. ޓީވީ ރީޕްލޭތަކުން ދައްކާ ގޮތުގައި ޕޯޓޯގެ އެހެން ދެ ކުޅުންތެރިން އޮްފްސައިޑްގައި ތިބިމުން ކްލެޓަންބާގްގެ ނިންމުން ރަނގަޅެވެ.

އިނގިރޭސި ރެފްރީ ކްލެޓަންބާގް ވަނީ މި މެޗުގައި ޖުމްލަ ނުވަ ރީނދޫ ކާޑު ދައްކަައިފަ އެވެ.

މެޗަށް ފަހު ޕޯޓޯގެ ކޯޗު ޖުލެން ލޮޕެޓެގުއީ ބުނީ މި މެޗުގައި ޕޯޓޯ އަށް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހައްގު ކަމަށެވެ.

"މި ދަނޑުގައި ލިވަޕޫލާއި ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފައިވާ ޓީމަކާ ދެކޮޅަަށް އަހަރެމެން ވަރަށް ރަނގަޅު ކުޅުމެއް ދައްްކައިފި،" ޖުލެން ބުންޏެވެ.

ބާސެލްގެ ކޯޗު ޕައުލޯ ސޫޒާ ބުނީ މި މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

"މިއަށްވުރެ ރަނގަޅު ކުޅުމެއް ބާސެލް އަށް ދެއްކޭނެ،" ސުޒާ ބުންޏެވެ. -- ބީބީސީ