ބޮލީވުޑް

"ޓިއުބްލައިޓް"ގައި ސަލްމާން ކުޅެނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ރޯލު

Jul 30, 2016

ކަބީރް ޚާން ޑައިރެކްޓްކޮށް، ސުޕަސްޓާ ސަލްމާން ޚާން ލީޑްރޯލުން ފެނިގެންދާ "ޓިއުބްލައިޓް" ގެ ޝޫޓިން ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ލަޑަކްގައި މިވަނީ ފަށާފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު "އޭކް ތަ ޓައިގާ" އާއި މިދިޔަ އަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން" އަށް ފަހު ކަބީރް ޑައިރެކްޓްކުރާ ފިލްމަކަށް ސަލްމާން ކުޅޭ ތިން ވަނަ ފިލްމު "ޓިއުބްލައިޓް" ގައި އޭނާ ފެނިގެންދާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްގެ ރޯލުން ކަމަށްވެ އެވެ.

މިފިލްމަކީ 1960ން 1962ށް އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެންކުއްޖަކާ ބައްދަލުވެ، އިންޑިއާގެ ޒުވާނާ އަށް ޗައިނާ ކުއްޖާ ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މިފިލްމުގައި ސަލްމާން ކުޅޭ ރޯލުގައި އޭނާ އަށް ކިޔާ ނަމަކީ ޓިއުބްލައިޓެވެ. މިފިލްމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ސަލްމާން މި ފިލްމުގައި ފެނިގެންދާނީ ކަންތައްތައް ނަގައިގަނެ ދަސްކުރުމުގައި ލަސްކަމެއް ހުންނަ ޒުވާނެއްގެ ރޯލުންނެވެ.

މިހާތަނަށް ސަލްމާން ކުޅުނު އެއްވެސް ފިލްމެއްގައި މިފަދަ ރޯލެއް އަދާކޮށްފައިނުވާއިރު، އޭނާ ގިނައިން ކުޅެފައިވަނީ ވެސް ތަޅާފޮޅާ މަންޒަރުތައް ހިމެނޭ ފިލްމުތަކެވެ. އެގޮތުން ޑައިރެކްޓަރު ކަބީރް އަންނަނީ މިފިލްމުގައި ސަލްމާން ކުޅޭ މިރޯލު ވިހާވެސް އަސަރުގަދަކޮށް ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ.

އަދި މިފިލްމުގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކު ހަމަޖެހިފައިނުވި ނަމަވެސް ބުރާސްފަތި ދުވަހު ފިލްމުގެ ޝޫޓިން ވަނީ ފެށިފަ އެވެ. ފިލްމުގެ އެންމެ ފުރަތަމަ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ފޮޓޯއަކާ އެކު ކަބީރް ކުރި ޓްވީޓެއްގައި ވަނީ މިފިލްމުގެ މަންޒަރުތައް ނެގުމުގައި 200 ކްރޫއިން ބައިވެރިވާނެ ކަމަށް ބުނެފަ އެވެ.

ލަޑަކްގެ އިތުރުން ކަޝްމީރުގައި ވެސް މިފލްމުގެ މުހިންމު މަންޒަރުތަކެއް ނެގުމަށް ހަމަޖެހިފައިވާއިރު، މިފިލްމުގައި ސަލްމާންގެ ބޭބެގެ ރޯލުން ފެނިގެންދާނީ އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން އެވެ.