ބޮލީވުޑް

"ދަބަންގް 3" ގެ ބަތަލާ އަކީ ވެސް ސޮނާކްޝީ

Jul 30, 2016
3

"ދަބަންގް" އިން 2010 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ ސޮނާކްޝީ ސިންހާ ވަނީ މިސިލްސިލާގެ ފުރަތަމަ ދެފިލްމުގެ ބަތަލާގެ ރޯލުން ސުޕަސްޓާ ސަލްމާން ޚާނާ އެކު ފެނިގެން ގޮސްފަ އެވެ.

"ދަބަންގް 3" އުފައްދުމުގެ މަސައްކަތްތަށް ތައްޔާރުވަމުން އަންނައިރު، މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ އެހެން ތަރިއެއް ކަަމަށް އަޑުތައް އަރާފައިވީ ނަމަވެސް ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ސޮނާކްޝީ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަރްބާޒް ޚާން މިވަނީ ޔަގީންކޮށްދީފަ އެވެ.

މިފިލްމަކީ ސޮނާކްޝީ ސަލްމާން އާއެކު ފެނިގެންދާނެ ތިން ވަނަ ފިލްމެވެ.

ސޮނާކްޝީގެ އިތުރުން ވެސް މިފިލްމުގައި އިތުރު ބަތަލާއަކު ފެނިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް އަރްބާޒް ވަނީ ދީފަ އެވެ.

"ސޮނާކްޝީ "ދަބަންގް 3" ގައި އުޅޭނެ. އޭނާ މިފިލްމުގައި ކުޅޭނެ ރޯލެއް އިނގޭނީ ސްކްރިޕްޓް އެއްކޮށް ނިމުމުން. އިތުރު ބަތަލާއެއް ވެސް މިފިލްމުގައި ފެނިގެން ހިނގައިދާނެ،" އަރްބާޒް ބުނެފައިވެ އެވެ.

ސޮނާކްޝީގެ ބަދަލުގައި ތިން ވަނަ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދަނީ ޕަރިނީތީ ޗޯޕްޅާ ކަމުގެ އަަޑުތަކެއް ވަނީ އަރާފަ އެވެ. އަދި މި ފިލްމްގެ ދެވަނަ ބަތަލާ އަކީ ޕަރިނީތީ ތޯ އެހުމުން އެކަމާ ގުޅޭގޮތުން ވަކިއެއްޗެއް އަރްބާޒް ބުނެފައެއް ނުވެ އެވެ.

އަންނަ އަހަރުގެ މެދު ތެރޭގައި މިފިލްމުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، ސަލްމާން އަންނަނީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ދިހަ ވަނަ ސީޒަން ހޯސްޓްކުރުމަށް ތައްޔާރުވަމުންނެވެ. މިޝޯއަށް ފަހު ސަލްމާން ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ގެ މަސައްކަތް ފަށާނެ އެވެ. އަދި ސޮނާކްޝީ އަންނަނީ "ފޯސް 2" އާއި "އަކީރާ" ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.