ރާއްޖެ ކުޅިވަރު

މިނިވަން ދުވަހަށް މެދުކަނޑާލި ލީގް ފެށުން ހޯމަ ދުވަހު

Jul 30, 2016

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ލީގް މެދުކަނޑާލުމަށްފަހު ލީގް މިއަންނަ ހޯމަ ދުވަހު އަލުން ފަށާނެއެވެ.

މިމަހު 21 ވަނަ ދުވަހަށް ފަހު ލީގް މެދުކަނޑާލީ ގަލޮޅު ދަނޑުގައި މިނިވަން ދުވަހުގެ ބައެއް ކުޅިވަރުތައް ބޭއްވުމަށް ގަލޮޅު ދަނޑު ތައްޔަރު ކުރަންޖެހޭތީއެވެ. މިދިޔަ އަހަރު މިނިވަން ދުވަހަށް ގަލޮޅު ދަނޑުގައި އެޅި ހަރު ކާޕެޓްގެ ސަބަބުން ދަނޑުގެ ވިނަގަނޑު އެކީ އެކައްޗަކަށް ހަލާކުވިއެވެ.

ބްރޭކަށްފަހު ލީގް އަލުން ފަށައިދޭނީ ލީގްގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ލީގްގެ ހަތް ވަނައިގައި އޮތް ވިކްޓރީ ސްޕޯޓްސް ކުލަބެވެ. ބްރޭކަށްފަހު ލީގް ފަށާއިރު ވިކްޓރީން ވަނީ އެޓީމު ކޯޗަކަށް ކުރިން ވެލެންސިއާއާއި ވީބީއަށް ކާމިޔަބު ހޯދައިދީފައިވާ ހަންގޭރީގެ ލާސްލޯ ކިސް އާ ކޯޗް ކަން ހަވާލުކޮށްފައެވެ. އަދި އެޓީމަށް ވަނީ މިސީޒަންގައި ނިއުރޭޑިއަންޓުން ފެނުނު ރިލްވާން ވަހީދުއާއި ފަރުހާދު އިސްމާއިލްވެސް ގެނެސްފައެވެ.

އެ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދެ ވަނައިގައި އޮތް އީގަލްސްއާއި ފުލުގައި އޮތް ބީޖީއެވެ.