ވިޔަފާރި

އެމްޓީސީސީގެ އާމްދަނީ ހަތް ޕަސެންޓް އިތުރުވެއްޖެ

Jul 31, 2016
2
  • ޖުމްލަ 293 މިލިއަން ރުފިޔާގެ ވިޔަފާރިކުރި
  • ފައިދާގެ ގޮތުގައި 30 މިލިއަން ރުފިޔާ
  • އާމްދަނީއަކީ 76 މިލިއަން ރުފިޔާ

ސަރުކާރާއި ރައްޔިތުން ހިއްސާވާ، މޯލްޑިވްސް ޓްރާންސް ޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އާމްދަނީ ދެވަނަ ކުއާޓަރުގައި ހަތް ޕަސެންޓް އިތުރުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނި، އެމްޓީސީސީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 76 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 71 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.

އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީން 293 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން 315 މިލިއަން ރުފިޔާގެ ވިޔަފާރި ކުރި އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 34 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބިފައިވަނީ 35 މިލިއަން ރުފިޔާ އެވެ. އަދި އޮޕަރޭޝަން ޕްރޮފިޓްގެ ގޮތުގައި 42 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފައިދާގެ ގޮތުގައި މި ކުއާޓަރުގައިވެސް ލިބިފައިވަނީ 30 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީން މި ކުއާޓަރުގައި ހިއްސާގެ މުއާމަލާތެއް ކޮށްފައެއް ނުވެ އެވެ. އަދި ހިއްސާއަކަށް ޖެހުނީ 58ރ. އެވެ.