ބޮލީވުޑް

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޓައިގާ ޝްރޮފް؟

Jul 31, 2016

ކަރަން ޖޯހަރު އެންމެފަހުން ޑައިރެކްޓްކުރި ފިލްމު، "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ވަނީ ތިން ތަރިން ތައާރަފުވެފަ އެވެ. ޒުވާން ތިން އެކްޓްރުން ކަމަށްވާ ވަރުން ދަވަން އާއި ސިދާތް މަލްހޯތުރާ އަދި އާލިއާ ބަޓް 2012 ވަނަ އަހަރު ނިކުތް މިފިލްމުން ބޮލީވުޑަށް ނިކުމެފައިވާއިރު، މިސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ފުރަތަމަ ފިލްމެކޭ އެއްގޮތަށް ދެވަނަ ފިލްމުގައި ވެސް ލީޑްރޯލުން ތިން ތަރިން ފެނިގެންދާނެ ކަމަށްވާއިރު، އެއް ލީޑް އެކްޓަރުގެ ރޯލުން ޒުވާން ތަރި ޓައިގާ ޝްރޮފް ފެނިގެންދާނެ ކަމަށްވެ އެވެ.

މިސިލްސިލާގެ ދެވަނަ ފިލްމަށް ކަރަން ޖޯހަރު ތައްޔާރުވަމުން އަންނައިރު، ކަރަން އާއި ގާތް ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ފިލްމުގެ އެއް ލީޑްރޯލު ޓައިގާ އަށް ވަނީ ހުށަހަޅާފަ އެވެ. ފިލްމުގެ ފައިނަލް ސްކްރިޕްޓް ޓައިގާ އަދި ކިއުމަށް ހަމަޖެހިފައިވާއިރު ބެލެވޭ ގޮތުގައި އޭނާ މިފިލްމު ކުޅެން ސޮއިކުރާނެ އެވެ.

"މިފިލްމަކީ ކަރަން ޖޯހަރުގެ ފިލްމަކަށް ވުމުން އޭނާ ހުރީ މިފިލްމާ މެދު ވަރަށް އުފަލުން" އެފަރާތުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ޓައިގާގެ އިތުރުން މިފިލްމުން ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތަރު އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ ޚާން ބޮލީވުޑަށް ތައާރަފުވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ. މިހާތަނަށް ވެސް އެދެމީހުން މިފިލްމުން ފެނިގެންދާނެ ކަމެއް އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.

ކަރަން ޖޯހަރު މިފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޭނާ މިހާރު އުފައްދަމުން އަންނަ "އެއި ދިލްހޭ މުޝްކިލް" ގެ ޝޫޓިން ނިމުމުންނެވެ.