ހަބަރު

ހުމާމް މަރަން ހުކުމްކުރީ ހެކިބަހުގައި ބޮޑެތި ޝައްކުތަކެއް ހުއްޓާ: ހުމާމްގެ ވަކީލް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލިކަން ސާބިތުވާތީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދު މެރުމަށް ހުކުމްކުރީ ހެކިންގެ ހެކިބަހުގައި ބޮޑެތި ޝައްކުތަކެއް ހުއްޓާ ކަމަށް ހުމާމްގެ ވަކީލް ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަފްރާޝީމް މަރާލިކަން ސާބިތުވާތީ ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހުމާމްގެ ފަރާތުން އިސްތިއުނާފް ކުރުން މިއަދު ހައި ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ހުމާމްގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އަދި ހުމާމް އެއްވެސް މީހަކު މަރާލިތަން ދުށް ކަމަށް އެއްވެސް ހެކިވެރިއަކު ބުނެފައިނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަސީން ވިދާޅުވީ އަފްރާޝީމް މަރާލި ކަމަށް ޝަރީއަތުގައި ހުމާމް އިއުތިރާފްވި ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށާއި ކުރިން ވެފައިވާ އިއުތިރާފްތައް އަނބުރާ ގެނެވިދާނެ ކަމަށެވެ. އަދި އިއުތިރާފުން ރުޖޫއު ނުވެވޭނެ ކަމަށް އިލްމުވެރިން ބުނާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނި ނަމަވެސް އެ ހުކުމުގައި ހަވާލާދީފައިވަނީ އެގޮތަށް ބުނާ އެންމެ އިލްމުވެރިއަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަސީން ވިދާޅުވި ގޮތުގައި ދިފާއުގައި ހެކި ހުށަހަޅަން ދަށު ކޯޓުން ހުމާމަށް ފުރުސަތު ދީފައި ނުވާތީ ދައުވާއިން ދިފާއުވުމުގެ ހައްގު ހުމާމަށް ވަނީ ގެއްލިފަ އެވެ.

އެގޮތަށް ފާހަގަކޮށް، ހަސީން އެދިވަޑައިގަތީ ހުމާމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.

ހަސީންގެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށް ބުނާއިރު އެއީ ކޮން ފުށުއެރުންތަކެއް ކަން ހުމާމްގެ ފަރާތުން ބުނެދީފައިނުވާ ކަމަށެވެ. އަދި ބަންދު މުއްދަތު މަޖިލީހުގައި ހުމާމް ކުށަށް އިއުތިރާފްވެފައިވާ ކަމަށާއި އިއުތިރާފަކީ ކަންކަން ސާބިތުކުރަން އޮންނަ އެންމެ މަތީ ދަރަޖަ ކަމަށްވާތީ އިއުތިރާފަށް އެކަނި ބިނާކޮށްގެން ވެސް ކުށް ސާބިތު ކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ މީހެއްގެ ހައްގެއް އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެނެވޭނެ ކަމަށާއި އިސްލާމް ދީނުގައި ވެސް އިއުތިރާފް އަނބުރާ ގެނެވެނީ ހަމައެކަނި ޒިނޭގެ މައްސަލަތަކުގައި ކަމަށެވެ. އެކަންކަން ފާހަގަކޮށް ދައުލަތުން އެދުނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމައި ދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވަގުތު ނެތުމުން ދެން އޮންނަ އަޑުއެހުމެއްގައި ހުމާމްގެ ވަކީލަށް ފުރުސަތު ދޭނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރިއެވެ. އަދި ހެކިންގެ ހެކިބަހުގައި ހުރި ކަމަށް ހުމާމްގެ ފަރާތުން ފާހަގަކުރާ ޝައްކުތަކަކީ ކޮބައިކަން ތަފްސީލުކޮށް ދިނުމަށާއި ދައުލަތުން ދެއްކި ވާހަކަތަކުގައި ހަވާލާދީފައިވާ ލިޔުންތަކުގެ ރިފަރެންސް ހުށަހަޅަން ވެސް ފަނޑިޔާރުންގެ ބެންޗުން އެންގެވި އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބަލަހައްޓާ އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ.

އަފްރާޝީމް މަރާލި ކަމަށް ބުނެ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމްކޮށްފަ އެވެ.