ރާއްޖެ ކުޅިވަރު

ފޫހިފިލުވުމަށްވުރެ ބޮޑަށް ދިވެހި ޓެނިސް ވާދަވެރި ކުރަން ޖެހިފައި

ޓެނިހަކީ ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ މަގުބޫލު ކުޅިވަރެވެ. ރާއްޖޭގެ މީޑިއާތަކުންވެސް ބޭރު ކުޅިވަރު ކަވަރުކުރާއިރު، ދެ ވަނަ އަށް އެންމެ ބޮޑު ސަމާލުކަމެއް ދޭ ކުޅިވަރަކީ ޓެނިހެވެ. ނަމަވެސް ރާއްޖޭގައި ޓެނިސް އެހާ ވާދަވެރި ހެއްޔެވެ. ޓެނިހަކީ ޓީީމު އިވެންޓް ކުޅިވަރެއް ނޫނެވެ. ނަމަވެސް ދުވުންތެރިޔާ ހަސަން ސާއިދު އެތުލެޓިކްސްއިން ރަން މެޑަލް ހޯދުމުން، އެކުޅިވަރަށްވެސް ދިވެހިންގެ މެދުގައި ސަމާލުކަން ބޮޑުވެއްޖެއެވެ. ޓޭބަލް ޓެނިސް ވެސް އޮތީ ހަމަ ޓެނިހާ އެއް ހަމައެއްގަ އެވެ. މުއީނާ މުހައްމަދާއި ޝިއުރާ މެޑަލް ހޯދުމުން ގިނަ ބަޔަކު އެކުޅިވަރުންވެސް އުންމީދު ތަކެއް ކުރެއެވެ. މުއީނާ އާއި ޝިއުރާގެ ފަހަތުން ރަފާއާއި ލައިސާ އަރަން ފެށުމުން، އެދެކުޅުންތެރިންގެ ރިޕްލޭސްމެންޓެއް ޓީޓީއިންވެސް ފެނިއްޖެއެވެ. ނަތީޖާވެސް ނެރެއެވެ.

ނަމަވެސް ރާއްޖޭގެ ޓެނިސް އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ. ގްރާސް ރޫޓުން އަރަންތިބި ކުޅުންތެރިންގެ ފެންވަރަކީ ކޮބާ ހެއްޔެވެ. ރާއްޖޭގެ ޓެނިސް އޮތް ހިސާބު ވަޒަންވާ ހިސާބަކީ ގައުމީ ޓީމު އެކުލެވިފައިވަގޮތެވެ. އުމުރުން 45 އަހަރުގެ މީހުންވެސް ޓެނިސް ގައުމީ ޓީމުގައި ހިމެނެއެވެ.

މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓެނިސް ޓީމާއެކު މެނޭޖަރެއްގެ ގޮތުގައި ދިޔަ މަޝްހޫރު ޓެނިސް ކޯޗް އަބްދުއްރަޝީދު ބުނީ ޓެނިސް ވާދަވެރި ކުޅިވަރަކަށް ހެދުމަށް ގައުމީ ޓީމުތަކުގެ ސިލެކްޝަން ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

އޭނާ ބުނީ ގައުމީ ޓީމުތަކުގައި ވަކި އުމުރެއްގެ ފެންވަރެއްގައި ކުޅޭ ކުޅުންތެރިންނަށް ނޫނީ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އަދި އުމުރުފުރާގެ ލިމިޓްވެސް 35 އަހަރުން މަތީގެ މީހުންނަށް ބަންދު ކުރުމަކީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އެފުރުސަތު ތަނަވަސް ވާނެ ކަމެއް ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަތަކުގައިވެސް 35 އަހަރު ފުރޭއިރު ޓެނިސް ކުޅުންތެރިޔާ ޕްރޮފިޝަނަލް ކެރިއާ ހުއްޓާލައެވެ. އުމުރުން 45 އަހަރަކީ އެހެން ކުޅިވަރުތަކުގައި ކޯޗެއްގެ ގޮތުގައި ހަރާކާތްތެރިވާ އުމުރެވެ. ނުވަތަ ވެޓަރެންސް ޓީމުގައި ކުޅޭ އުމުރެވެ.

"މިހާރު 45 އަހަރަކީ ވާދަވެރި މުބާރާތެއްގައި ވާދަ ކުރެވޭނެ އޭޖެއް ނޫން، މުނިފޫހި ފިލުވަން އެ އޭޖުގައި ކުޅެވިދާނެ. ނަމަވެސް ވާދަވެރި މެޗްގައި ޕާފޯމް ނުކުރެވޭނެމަ ގައުމީ ޓީމުން ފުރުސަތު ދިނުމުގެ ބޭނުމެއް ނެތް. ގައުމީ ޓީމުންވެސް އެގެއްލެނީ ޒުވާން ކުޅުންތެރިޔަކަށް ޖާގައެއް" އަބްދުއްރަޝިދު ބުންޏެވެ.

އޭނާ ބުނީ ޓެނިސް އެސޯސިއޭޝަނުން، ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގައި 45 އަހަރުގެ މީހުންނަށް ފުރުސަތު ދޭން ނިންމާ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ސަރުކާރުން ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ދޭ މުސާރަ ގައުމީ ޓީމް ސިލެކްޝަންގައި ބައިވެރިވެ ސިލެކްޝަނުން ހޮވޭ 45 އަހަރުގެ މީހުންނަށްވެސް ދެއެވެ. ނަމަވެސް ވާދަވެރި މުބާރާތެއްގައި ވާދަނުކުރެވޭ ކުޅުންތެރިޔަކަށް ގައުމީ ޓީމުން ޖާގަދީ މުސާރަ ދިނުމުގެ މާނައެއް އެބައޮތް ހެއްޔެވެ.

ސަރުކާރުގެ އަމާޒަކީ ކުޅިވަރުތަކުން ކާމިޔާބު ހޯދުން ކަމުގައި ވާނަމަ މިކަމުގައި ޔޫތު މިނިސްޓްރީގެ ދައުރެއް އެބައޮތްކަން އަބްދުރަޝީދު ފާހަގަ ކުރިއެވެ.

"މުސާރަ ދޭއިރު، ވަކި އުމުރުފުރައިގެ ކުޅުންތެރިން ގައުމީ ޓީމުގެ ކެޓަގަރީގައި ނުހިމެނުމަށް ކަނޑައެޅިދާނެ. އެއީ ވާދަވެރިކަން އުފައްދައި އެކުޅިވަރަކުން ކާމިޔަބާ ހަމަޔަށް ވާސިލުވުމަށް އެޅޭ ފިޔަވަޅަކަށް ވާނެ" އަބްދުއްރަޝީދު ބުންޏެވެ.

ދެން އޮތީ ގްރާސް ރޫޓް ހަރުދަނާ ކުރުމެވެ. މިކަމަށް ބޮޑެތި ދަތިތަކެއް ޓެނިސް އެސޯސިއޭޝަނަށް ވަނީ ކުރިމަތިވެފައެވެ. އެއީ މުޅި ރާއްޖޭގައިވެސް ޓެނިސް ކުޅެވޭ ފެންވަރުގައި އޮތީ އެންމެ ތިން ކޯޓު ކަމަށްވާތީ އެވެ. އަދި މިއީ މިއީ ބައިނަލްއަގްވާމީ މުބާރާތްތެއް ބޭއްވުމަށްވެސް އެކަށީގެންވާ މިންވަރެއް ނޫންކަން ޓެނިސް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ ޔޫސުފް ރިޒާ ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވާފަ އެވެ.

ޓެނިސްގެ ޑިވެލޮޕްމެންޓް ޕްރޮގްރާމް ހަރުދަނާ ކުރުމަށް، އެސޯސިއޭޝަނުންވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކުޅިވަރު އެކުވެނީގެ ޓެނިސް ގްރައުންޑްގައި އޮތް ތިން ކޯޓްގެ ތެރެއިން އެއް ކޯޓް ރާއްޖޭގެ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާރިސްގެ ފާރިސް ޓެނިސް އެކެޑެމީ އަށް ވަނީ ދެ އަހަރު ދުވަހަށް ދޫކޮށްފައެވެ. ފާރިސް ދަނީ ޓެނިސްގެ ގްރާސްރޫޓް ލެވަލް ހަރުދަނާ ކުރުމަށް ޓެރެއިނިން ޕްރޮގްރަމްތައް ކުރިއަށް ގެންދަމުންނެވެ.

ގްރާސް ރޫޓް ލެވަލް ހަރުދަނާ ކުރުމަށް އެހެން ކުޅިވަރު ތަކުގައިވެސް އޮންނަ ހަރަކާތަކީ އިންޓަ ސްކޫލް މުބާރާތެވެ. ނަމަވެސް ޓެނިހުގައި އިންޓަ ސްކޫލު މުބަރާތެއް ނެތެވެ. ޔޫސުފް ވިދަޅުވީ މާލޭގެ ސްކޫލްތަކުގެ ތެރެއިންވެސް ޓެނިސް ކުޅުމަށް ދަރިވަރުން ގެންނަނީ ބިލަބޯންގް އިންޓަނޭޝަނަލް ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ކަމަށެވެ.

އެހެން ސްކޫލްތައް ޓެނިހަށް އެންގޭޖް ކުރެވޭނެ ފޯމިއުލާއަކާ މެދު ޓެނިސް އެސޯސިއޭޝަނުން ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް އޭނާ ނެންގެވީ އަވަށްޓެރި ޝްރީލަންކައެވެ.

ލަންކާއަކީ ސަރަހަައްދުގެ ގައުމުތަކުން ޓެނިސް ރަނގަޅު މިންވަރަކަށް ކުރިއަރައިފައިވާ ގައުމެކެވެ. ލަންކާގައި ގްރާސްރޫޓް ލެވަލްގައި ބޭނުން ކުރަނީ އެ ކުޅުންތެރިންގެ އުމުރު ފުރައާ ގުޅޭ ކޯޓްތަކާއި ބޯޅެވެ. އެ ޓެނިސް ކޯޓްތައް އެއީ މިނީ ޓެނިސް ކޯޓާއި ރެޑްބޯލްއެވެ.

ޔޫސުފް ވިދާޅުވީ ލަންކާގެ ބައެއް ސްކޫލްތައް އޮބްޒާވް ކުރުމުގެ ފުރުސަތު އޭނާއަށް ލިބިފައިވަ ކަމަށެވެ. އެސްކޫލްތަކުގައި ބޭނުންކުރާ ސިސްޓަމް ރާއްޖޭގެ ސްކޫލްތަކަށް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއިރުން މާލޭގެ ސްކޫލްތަކުގެ އެކްޓިވިޓީ ހޯލްގައި ޓެނިސް ކުޅެވޭނެ ގޮތަށް ސްކޫލްތަކުގެ ދަރިވަރުންނަށް ޓެނިސް ކުޅޭ ޓްރޭނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ތަނަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލްތަކުގައި ޓެނިސްގެ ޓްރޭނިން ޕްރޮގްރާމްތައް ހިންގުމުގެ ހިޔާލު ގެންގުޅުނަމަވެސް އެކަމުގައި ހަރަކާތްތެރިވާނެ އިންސްޓްރަކްޓަރުން ނުވަތަ ކޯޗުން ރާއްޖެ އަށް ބޭނުންވެ އެވެ.

އެކަމަށް ހައްލެއް އުމުރުން 40 ނުވަތަ 45 އަހަރުން މަތީ އުމުރުގައި ގައުމީ ޓީމުގައި ހިމެނޭ މީހުންގެ ކޯޗިން އަށް ގެނައުން މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ.

ރާއްޖޭގެ ޓެނިހުގައި ވާދަވެރިކަން އުފައްދަން ބޭނުންނަމަ ދެން ކުރެވެން އޮތް ކަމަކީ މުބާރާތްތައް ހަރުދަނާ ކުރުމެވެ. ނިމިގެންދިޔަ މެރީ ބްރައުން ޓެނިސް މުބާރާތަށް ބަލާލަމާ ހިނގާށެވެ. މުބާރާތުގައި ޓެނިސް އެސޯސިއޭޝަންގެ ކޯޗުންގެ ގޮތުގަި ތިބި މީހުން ވަނި ވާދަކޮށްފައެވެ. އަދި ގައުމީ މުބަރާތުގައިވެސް އެމީހުން ވާދަކުރެއެވެ. އަނެއްކާވެސް ތީރު އަމާޒުވަނީ އޭޖް ލިމިތް ހަމަވެފައިވަ މީހުންނަށެވެ. އެމުބަރާތްތައް އޮންނަނީ ބޭނުން އުމުރުގެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ. ތެދެކެވެ މުބާރާތުގެ ކެޓެގަރީތައް އުމުރުފުރަތަކުގެ ގޮތުގައި ކަނޑައެޅިފައި އެބަހުެއްޓެވެ. ނަމަވެސް މިހާރު ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަ މީހުން ނުވަތަ މުސްކުޅި ކުޅުންތެރިން ރައްޖޭގެ ގައުމީ މުބާރަތުގައި ވާދަ ކުރަނީ ކޮން ކުޅިވަރަކުންން ހެއްޔެވެ.

ރާއްޖޭގެ ޓެނިހުގައި ވާދަވެރިކަން އުފައްދަން ބޭނުންނަމަ ދެން ކުރެވެން އޮތް ކަމަކީ މުބާރާތްތައް ހަރުދަނާ ކުރުމެވެ. ނިމިގެންދިޔަ މެރީ ބްރައުން ޓެނިސް މުބާރާތުގައި އެސޯސިއޭޝަންގެ ކޯޗުންގެ ގޮތުގައި ތިބި މީހުން ވަނިީ ކުޅުންތެރިންގެ ގޮތުގައި މުބާރާތް ކުޅެފަ އެވެ. އަދި ގައުމީ މުބަރާތުގައިވެސް އެމީހުން ވާދަކުރެއެވެ.

ޓެނިސް އެސޯސިއޭޝަންގެ ޕްލޭންތަކުގައިވެސް ދިވެހި ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމަށް، ބޭރުގެ ކުޅުންތެރިންނަ ވާދަ ކުރުމުގެ ވިސްނުންތަކެއް ގެންގުޅެމުންދާކަމަށް ޔޫސުފް ވިދާޅުވިއެވެ. އަދި އެކަމަށް ބައެއް ގައުމުތައްވެސް ހަމަޖެހިފައިވަ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ޓެނިސް ވާދަވެރި ކުޅިވަރަކަށް ހަދައި މެޑްލް ހޯދޭނެ ކުޅިަވަރަކަށް ހެދުމުގެ ބޯޅަ އޮތީ ޓެނިސް އެސޯސިއޭޝަން އަތުގައެވެ. ބޯޅަ ޖަހާ ގޮތެއް ބަލަން ދިވެހި ކުޅިވަރުގެ ފާރަވެރިން ތިބީ ބަލަބަލައެވެ.