ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ހޮޓެލްސަށް ދޫކޮށްފައިވާ ފަޅު ރަށްތަކާއި ފަޅުތަކުގެ އެގްރިމެންޓް ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ވިލާއަށް ދީފައިވާ ފަޅު ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުމާއި ޚިލާފްވެފައިވާ ކަމަށް ބުނެ އެ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ޓުއަރިޒަމް މިނިސްޓްރީން ބާތިލްކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅައި، މައްސަލަ ނިމެންދެން އެކަމާ ގުޅިގެން އިތުރު ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށް ވިލާއިން އެދުމުން އެގޮތަށް ކޯޓުން އަމުރު ނެރުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
އެ މައްސަލަ ދައުލަތުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މައްސަަލައިގެ އަޑުއެހުމެއް ވެސް ހައި ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދީފައިވާ ފަޅުތަކާއި ރަށްތަކުގެ އެގްރިމެންޓް ސަރުކާރުން ބާތިލްކުރީ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ގާސިމް ސަރުކާރަށް ފާޑު ވިދާޅުވަމުން ދަނިކޮށެވެ.