ގައުމީ ޓީމް ކޯޗް ކަމަށް މިދިޔަ ހަފުތާގައި ހަމަޖެއްސި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓާ މެދު ކުރެވޭ އުންމީދު ބޮޑު ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވެއްޖެއެވެ.
ސްޓްވާޓަކީ ކޯޗެއްގެ ގޮތުގައި ސިންގަޕޫރު ލީގްގައި މަސައްކަތް ކޮށްފައިވަ ކޯޗެކެވެ. އޭނަ ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގް ބެލަސްޓިއާ ހަލްސާއަށް ކަމިޔާބުކޮށްދީފައެވެ.
ސްޓެވާޓް ގައުމީ ކޯޗް ކަމަށް ގެނައުމުގައި އެފްއޭއެމް ޓެކްނިކަލް ޓީމުގެ ވިސްނުމަކީ ކޮބައިތޯ ސުވާލުކުރުމުން މޯހަން ވިދަޅުވީ މިވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތް ގޮތުން، އޭނާއަކީ ރާއްޖެއަށް އެކަށޭނެ ކޯޗަކަށް ވާނެ ކަމަށެވެ.
ސްޓެވާޓް އެންމެ ފަހުން ކޯޗްކޮށްދީފައިވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގެ ވުޑްލޭންޑް ވެލިންގްޓަނަށެވެ.
މޯހަން ވިދާޅުވީ މިދިޔަ އަހަރު އޮސްޓްރޭލިއާގެ ބައެއް ކުލަބު ތަކުން އޭނާގެ އެހީ ހޯދަން މަސައްކަތް ކޮށްފައިވާކަން އެފްއޭއެމްގެ ޓެކްނިކަލް ޓީމުން ބެލި ބެލުމުން އެނގޭ ކަމަށަވެ.
އަދި ސްޓެވާޓާ އިންޓަވިއު ކުރުމުގެ އިތުރަށް އޭނާ ފެންވަރު ދެނެގަތުމަށް އެހެން ދިމަދިމާއިންވެސް އޭނާގެ ކޯޗިން ފިލޯސަފީ ދެނެގަނެ ފައިވާނެ ކަމަށް މޯހަން ވިދާޅުވިއެވެ.
"އޭޝިއާގެ ފުޓްބޯޅަ ދަންނަ ކޯޗަކަށް ވާކަން. އަދި ރާއްޖެ ކުރިމަތީގައި އޮތް ލާއޯސް ނިސްބަތްވާ އާސިއާން ސަރަހައްދުގެ ފުޓްބޯޅައަށްވެސް ފަރިތަ ކޯޗެއް" ގައުމީ ކޯޗްކަން ސްޓެވާޓަށް ދޭން ނިންމި ސަބަބުތައް ފާހަގަ ކުރައްވަމުން މޯހަން ވިދާޅުވިއެވެ.
ސްޓެވާޓަށް އޮތް އެންމެ މުހިންމު މަސައްކަތަކީ އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް މެޗްގައި ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗުން ކާމިޔާބު ހޯދުމެވެ.
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ ލާއޯސް މެޗަށް އެފްއޭއެމްގެ ސަމާލުކަން ބޮޑު ކަމަށާއި "އެފްއޭއެމް ދެކެނީ އެއީ ކޮންމެހެން ކާމިޔާބު ކުރަންޖެހޭ މެޗެއް" ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ލޯއޯސްއާ ދެކޮޅަށް ކުޅޭ ދެ ލެގްމެޗްވެސް ކުޅޭނީ ސްޕްޓެމްބަރު މަހު ކުރީ ކޮޅުއެވެ. ފުރަތަމަ ލެގް މެޗް ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު މާލޭގައި ކުޅޭއިރު ދެ ވަނަ ލެގް މެޗް ސެޕްޓެމްބަރު 11 ވަނަ ދުވަހު ދެ ވަނަ ލެގް މެޗް ކުޅޭނީ ލާއޯސްގައެވެ.