އޮފީހަށްވަދެ ޖަނާހުގެ ކެބިން ތެރެއަށް ވަދެވުމުން ޝައިލީންއަށް އަނެއްކާވެސް ލިބުނީ ހައިރާންކަމެކެވެ. ކޮންޕިއުޓަރުން ‘ފޭސްބުކަށް’ ވަދެގެން އިނދެ ޖަނާހު ބަލަމުންދިޔައީ ޒަހުރާގެ ފޮޓޯތަކަކަށެވެ. ކެބިންގެ ދޮރުމަތީހުރެ ކަރުކެހިލަމުން ޝައިލީން ހުރިކަން އަންގާލުމާއެކު ކޮންޕިއުޓަރ ނިއްވާލަމުން ޖަނާހު ޝައިލީނަށް ބަލައިލިއެވެ.
"ޝައި މިއަދު ހާދަ ލަސްވީ. މިއަދު ތަންކޮޅެއް އަވަހަށް އަންނަންވެގެން ބަލާވެސް ނުދެވުނީ" ކުރިމަތީ ހުރި ގޮނޑިދައްކުމަށްފަހު ޝައިލީން އިށީނުމަށް އަތުން އިޝާރާތް ކުރަމުން ޖަނާހު ބުނެލިއެވެ.
"ޒަހުރާ ދަންނަންތަ؟" ޖަނާހުގެ މޭޒުކުރިމަތީ އިން ގޮޑީގައި އިށީންނަމުން ޝައިލީން އެހިއެވެ.
ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެރިއަކާއި މުވައްޒަފަކާ ދެމެދު އޮންނަ ގުޅުމަށްވުރެ ޖަނާހުއާއި ޝައިލީންގެ ގުޅުންވަނީ ބަދަހިވެފައެވެ. ޝައިލީންގެ ހިތަށް އަރާކޮންމެ އެއްޗެއް ދުލާހަމައަށް ގެންނަން އުނދަގޫ ނުވާ މިންވަރަށެވެ. ޝައިލީންކުރި ސުވާލާއެކު ޖަނާހު ގެ މޫނު މައްޗަށް އަރާ ފޭބި ކުލަތައް ޝައިލީންއަށް ތަރުޖަމާކުރެވުނުގޮތުން އޭނާގެ ހިތަށް އުނދަގޫވިއެވެ. އޭނާގެ ފަސްފަހަތުން އޭނާއަށް ނުވެސް އެނގި ހުއްޓައި ޒަހުރާއާއި ޖަނާހު ކުޅެމުންދިޔަ ކުޅިގަނޑު ގޮސްފައިވާ ހިސާބު އޭނާއަށް ވިސްނާލަންވެސް ނޭނގެއެވެ.
"ކޮން... ޒަހުރާއެއް؟ ޝައިލީންގެ ފުރެންޑްތަ؟،" މޭޒުމަތީ އޮތް ފައިލް ނެގުމަށްފަހު ހުޅުވާލަމުން ނޫންގޮތަކަށް ޖަނާހު ބުނެލިއެވެ. ޝައިލީންއަށް ދެން ބުނަންވީ އެއްޗެއް ނުއެނގުމުން އޭނާ އިތުރު އެއްޗެއް ނުބުނެ ހިމޭންވިއެވެ.
މެންދުރުގެ ގަދައަވީގައި ކޮޅުކޮޅުމައްޗަށް ދަތުރުކުރަމުންދިޔަ މީހުންގެ ޙަރަކާތްތަކަށްބަލަން ޝިރުމީނާއިނީ ދުއްވަމުންދިޔަ ކާރުގެ ކަޅު ބިއްލޫރިގަނޑު ކުޑަކޮށް ތިރިކޮށްލައިގެންނެވެ. ލޮލުގައި އަޅާފައިވާ އަވިއައިނުން މޫނުގެ ބޮޑު ބައެއް ނިވާވެފައިވާތީ އޭނާގެ އަސްލު ޢުމުރު ފަރުދާވެ، ރީތި ކަމަށް ދައްކައެވެ. ހިނިތުންވުމަކީ ނާދިރު ޙާލަތެއްގައި މެނުވީ އެތުންފަތަށްވެރިނުވާ ޙަރަކާތެއްކަމަކު އެ ވަގުތު އޭނާގެ ތުންފަތްމަތީ ދުވެލަ ދުވަލަ ދުވެލާހުރީ ލުއި ހިނިތުންވުމެކެވެ.
"ކާސިމް.. ތި ރަނގަޅަށް ކާރު ދުއްވަބަލަ،" ކާރު ދުއްވަން އިން ކާސިމް ކުއްލިއަކަށް ކާރު ހުއްޓުމުން ޝިރުމީނާގެ ހަށިގަނޑަށް އެރި ލޮޅުމާއެކު އޭނާގެ ނިތްކުރިޖެހުނީ ކުރީ ސީޓުގައެވެ. ކާސިމް އެއްޗެއްނުބުނެ މަގުމަށްޗަށް އިޝާރާތްކުރިއެވެ. ކުރިމަތީގައި ހުރީ ޖަނާހުއެވެ. ޝިރުމީނާއަށް ބަލަހައްޓައިގެންނެވެ. އެއާއެކު ޝިރުމީނާގެ މޫނު މައްޗަށްވެރިވި ނުތަނަވަސްކަމާއެކު އެތަނުން އަވަހަށް ދިއުމަށް ކާސިމަށް އަންގައިފިއެވެ.
މެންދުރުގެ އެގަޑީގައި ޝައިލީންއާއި ކައިފް ތިބީ ކެފޭއެއްގައެވެ. ތަފާތު ވާހަކަތަކުން ދެމީހުންގެ ދިރިއުޅުމުގެ ކުރު ޞަފްހާތައް ދެމީހުންވެސް އެކަކު އަނެކަކަށްބުނެދިނެވެ. މަގު ހިނގާމީހުންނަށް ފެންނަހެން ހަދާފައިވާ އެ ކެފޭގައި ކައިފް އާއި ޝައިލީން ތިއްބައި ޝިރުމީނާއަށް ފެނުމުން އޭނާގެ އެތެރެހަށީގައި އަލިފާން ރޯނުވީ ކިރިޔާއެވެ. އެ ނުދަންނަ އަންހެން ކުއްޖާ ކައިފް އަތު އަޅުވާލީކަމަށް ހިތައި، ޝިރުމީނާގެ އަތުން ކައިފު ބީވެގެން ނުދަނީސް ހަނާނުއާއި ކައިފްގެ ކައިވެނި އަވަސްކުރަން އޭނާ ގަސްދުކުރިއެވެ.
އޮފީސް ނިންމާލުމަށްފަހު ޝައިލީންއަށް ގެއަށްދެވުނު އިރު ރޭގަނޑު ދިހައެއް ޖެހުމަކާ ގާތްވަނީއެވެ.
އެއީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ތިން ކޮޓަރީގެ ކުޑަ އެޕާޓްމެންޓެކެވެ. ޝައިލީންގެ މަންމަގެ ގެ ބަހާފައި ލިބުނު ތަންކޮޅެވެ. އެގޭތެއަށް ވަދެގެން ދިޔައިރު ސިޓިންގރޫމުގެ ފާރުގައި ހަރުކޮށްފައިވާ ޢާއިލީ ފޮޓޯ ލޯގަނޑުތަކުން އެ ޢާއިލައަކީ އިރެއްގައި ބަދަހިކަމާ އުފާވެރިކަމުން ފުރިގެންވި ޢާއިލާއެއްކަން ދޭހަވިޔަސް މިހާރު އެގޭތެރޭގައި އެއްވެސް ދިރުމެއްނެތެވެ. އެ ފޮޓޯތަކުން އެއާއިލާގެ ހައިބަތާއި ތަނަވަސްކަން ދައްކަ ދިންނަމަވެސް މިހާރު އެގޭގައި އެއްވެސް ހައިބަތެއްނެތެވެ. ގެއަށްވަދެ އެންމެ ފުރަތަމަވެސް ޝައިލީން ބެލީ މަންމައާ ބައްޕަ ކޮބައިތޯއެވެ. ބައްޕަގެ ކޮޓަރިއަށް ވައިން އިރު ޝައިލީންގެ މަންމަ ޝީރީން އިނީ ބަލި އެނދުމަތީ އޮށޯވެއޮތް އޭނަގެ ބައްޕަ ޒާހިދުއަށް ކޮންމެވެސް އެއްޗެއް ކާން ދިނުމުގައި މަސްއޫލުވެގެންނެވެ. ޒާހިދުގެ އެއްފަޅި ވާގިނެތޭގޮތްވެ މި ބަލިއެނދުގައި އޮށޯންނަންޖެހުނީ މީގެ ދިހަ އަހަރެއްހާ ދުވަސްކުރިން ހިނގި ހާދިސާއެއްގައެވެ. އެއީ އެމީހުންގެ އަރާމް ޝާހީ ދިރިއުޅުން ނެތިކޮށްލައި ފަސް މެންބަރުންގެ މައްޗަށް ހިމެނޭ އެކުޑަ އާއިލާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ޙަޤީޤަތެވެ. އުމުރުން ސޯޅަ އަހަރުގައި ޢާއިލާގެ އެންމެ ދޮށީދަރިފުޅުގެ ހައިސިއްޔަތުން ޝައިލީން ޢިލްމު އުނގެނުމާވަކިވެ އާއިލާ ބެލެހެއްޓުމަށްޓައި ފައިސާ ހޯދަން ނިކުންނަންޖެހުނު ހިތްދަތި ގޮތާ ގުޅިފައިވާ ޙަޤީޤަތެވެ.
"ބައްޕާ.. މިހާރު ހުރިހާ ކަމެއްވެސް ދަނީ އަޅުގަނޑު ބޭނުންވި ގޮތަށް. ވަރަށް އަވަހަށް ބައްޕަގެ ޙައްޤު ބައްޕަ އަށް ހޯދަ ދޭނަން. އެ ޤާދިރު ބައްޕައަށް އޮޅުވާލި ކޮންމެ އޮޅުވާލުމެއްގެ ބަދަލު ވަކި ވަކިން އަޅުގަނޑު ހޯދަނަން" ޒާހިދާއި ޝީރީންގެ ގާތުގައި އިށީދެ ލަމުން ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން ޝައިލީން އެހެން ބުނެލީ ޔަޤީންކަމާއެކުގައެވެ.
ޝައިލީން އެހެންބުނުމާއެކު ދަތިގޮތަކަށް ޒާހިދުވެސް ކޮންމެވެސް އެއްޗެއް ބުނެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުން އޭނާ ހިމޭންވިއެވެ. ބައްޕަގެ އެހާލަތަށްޓަކައި މަންމަގެ ލޮލުން އޮހޮރިގަތް ކަރުނަ ދެކެން ކުޅަދާނަ ނުވުމުން ޝައިލީން އެކޮޓަރިން ބޭރަށް ނުކުތެވެ.
ޝައިލީން އޭނާގެ ކޮޓަރިއަށް ވަނުމާއެކު ސުކޫލްގެ ފިލާވަޅުތައް ހަދަންތިބި ބާރައަހަރާއި ސޯޅަ އަހަރުގެ އޭނާގެ ދެ އަންހެން ކޮއްކޮ އެކޮޓަރިން ނުކުމެއްޖެއެވެ. ޝައިލީން އެކުދިންނަށްޓަކައި އުފުލަމުންދާ ތަކްލީފް އެކުދިންނަށް އިޙުސާސްކުރެވޭ ކަހަލައެވެ. ޝައިލީން މަޑުމަޑުންގޮސް އެނދުގައި އޮށޯވެލިއެވެ. ވެފައިފާ ވަރުބަލި ކަމުގައި ދެ ލޯ މަރަލުމާއެކު އޭނާގެ ލޮލު ކުރިމަތީގައި ފިޔަޖަހާލީ މީގެ ދިހަ އަހަރުކުރިން ފުރަތަމަ ފަހަރަށް އަރީން އާ ބައްދަލުވި ވަގުތުކޮޅެވެ. ކުއްލިއަކަށް ދެ ލޯ ހުޅުވާލުމަށްފަހު ތެދުވެ އެނދުގައި އޭނާ އިށީނދެލިއެވެ. ދެން ކޮޓަރީގެ އެއް ފަރާތުގައި ހުރި ހަނި އަލަމާރި ހާވަމުންގޮސް އަތުގައި ޖެހުނު ކަންތަފުލާއެތި ނަގައި އޭނާގެ ކަނާއަތް މަތީގައި ބާއްވާލަމުން އަނެއްކާވެސް ގޮސް އެނދުގައި އިށީނދެލައިފިއެވެ. އެކަންފަތުލާ އެތީގެ ރީތިކަން އިތުރުކޮށްދިނުމަށްޓަކައި ކަންފަތުލާއެތީގެ ބޮޅު ތެރެއިން ތިރިއަށް އެލިފައިވާ އިތާމުތް އެއިން ވަކިވެ އެކަންފަތުލާއެތީގެ ބޭނުންކެނޑިފައިވިޔަސް އެއީ އަރީންގެ އަތުގެ ބީހިލުން ލިބިފައިވާ އެއްޗަކަށް ވާތީ ޝައިލީންއަށް އެއީ ޚާއްޞަ އެއްޗެކެވެ.
******
"އަރީން"، މަޑު މަޑުން އެނަން ކިޔާލަމުން ޝައިލީން ދެލޯމަރާލިއެވެ.
ވެހެމުންދިޔަ ވާރޭ ހުރަސްކޮށް ޝައިލީން އޭނަގެ ޝާހީ ގަނޑުވަރެއްފަދަ ރީތި ގެއާއި އެގެއާ ޖެހިގެން ހުރި ދެތިންގެ ދޫކޮށް ހުރި ގޯޅިތެރޭގައި ނިވާވެގެންހުރެ އަރީންގެ ހަރަކާތްތަކަށް ބަލަމުންދިޔައެވެ.
ވެހެމުންދިޔަ ބޯވާރޭގެ ތެރެއިން އަރީންގެ ސިފަ ހިތުގައި ދެމިގެންދާނެ ފަދައިން އޭނާގެ ހިތުގައި ރައްކާނުކުރެވުނަސް، އެކުޑަހިނދު ކޮޅުގެ ތެރޭގައި އަރީންގެ އެ ލާނެތް މިޒާޖުއާ ޝައިލީންއަށް ގަޔާވެވުނެވެ. އަރީން އެތަނުން ދަންދެން ޝައިލީން އަރީންގެ ޙަރަކާތްތަކަށް ބަލަން ހުއްޓެވެ. ފުރަތަމަ ބައްދަލުވުމަކީ ވަކިވުންކަން އެނގޭނަމަ، އެބައްދަލުވުން އެގޮތަށް ޝައިލީން ނިންމައެއްނުލީހެވެ. ބައްޕަގެ ޕްރައިވެޓް ކާރުގައި ދަތުރުކުރުމުގެ ފުރުސަތުލިބި ނުގަނެ، އެރޭ ފައިމަގުގައި ހިނގާފައި އާދެވުމަކީ އަރީންއާ ބައްދަލުވުމަށް ތަޤުދީރު ރާވަދިން ރޭވުމެއްކަމުގައި ދެކި އެބައްދަލުވުން ދާއިމަށް ދެމިގެން ދާނެކަމަށް ޝައިލީން ހީކުރިއެވެ.
ނަމަވެސް ކަންތައް ވީ އޭނާ އުއްމީދު ކުރިގޮތަކަށް ނޫނެވެ. އެރޭ ގެއަށް ވައިން އިރު ހުރިހާ ކަމެއްވަނީ ބަދަލުވެފައެވެ. ޒާހިދަށް ނުވެސް އެނގިހުއްޓައި އޭނާގެ މުދަލާއި ބޮޑު ގެ އޭނަގެ އަތުން ބީވެގެން ދިޔައީއެވެ. އެކުވެރިއަކަށް ކުރި ދެގޮތެއްނުވާ އިތުބާރެއްގެ ސަބަބުންނެވެ. ޤާދިރަކީ ޒާހިދު ކުރަމުން ދިޔަ ވިޔަފާރީގެ ފަންސަވީސް ޕަސަންޓް ހިއްސާދާރެކެވެ. އަނެއް ހަތްދިހަ ފަސްޕަސަންޓަކީ ޒާހިދުގެ މިލްކެކެވެ. ސުކޫލް ދައުރުގެ ދެރަޙުމަތްތެރިން ގުޅިގެން ފެށި ވިޔަފާރިއަށް ނެގިހާ ލޯނަކާއި ކުރިހާ އިންވެސްޓެއް ކުރީ ޒާހިދެވެ. ކުންފުނީގެ ހަތްދިހަ ފަސް ޕަސަންޓް ހިއްސާ ޒާހިދުއަތުން ޤާދިރުއަތަށް ފުރުޅާލީ ޤާދިރުގެ ހީލަތަކުންނެވެ.
ހުރިހާ އުނދަގުލަކާ ތުރާލެއްކުރިމަތިވީ ޒާހިދުގެ ދެމަފިރިންނަށެވެ. ތުއްތު ދެކުދިންނާއި ޒުވާން އަންހެން ދަރިފުޅު ގޮވައިގެން ދާނެ ތަނެއް ހުއްޓަސް ކަންތައް ދިމާވީ ބަރުބާދުވި އެމީހުންގެ ދިރިއުޅުން ނަގާ ކޮޅަށްޖެހޭނެ ގޮތަކަށްނޫނެވެ. ސިކުނޑިއަށް ލިބުނު ބުރަހެލިކަމާއި ހިތަށް އެރި ލޮޅުމުގައި ޒާހިދުގެ ހަށިގަނޑުގެ އެއްފަޅިން ވާގިދިޔައީއެވެ.
******
ފޯނަށް އައި މެސެޖުގެ އަޑާއެކު ޝައިލީން ފޯނަށް ބަލާލިއެވެ. އެއީ ކައިފްގެ މެސެޖެކެވެ. ހަމައެކަނި "ގުޑް ނައިޓް" ލިޔެލުމަށްފަހު ހިތަކާއެކު ފޮނުވާފައިވާ އެމެސެޖުގެ ޖަވާބުގައި ޝައިލީންވެސް ހަމަ އެހެން ލިޔެލުމަށްފަހު ރިޕްލައިކޮށްލިއެވެ. ކައިފްއާ ދޭތެރޭ އޭނާގެ އެއްވެސް ޝައުޤެއްނެތެވެ. ކައިފްއަކީ ޤާދިރުއާ ހަމައަށް ވާޞިލްވުމަށް އޭނާ ކޮށަމުންދިޔަ މަގެކެވެ. އޭނާ ބޭނުންވާ ގޮތަށް އެމަޤްޞަދު ޙާޞިލްވަމުން ދާކަން އެނގުމުން އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. ޤާދިރުގެ ޢާއިލާގެ ކޮންމެ މީހަކީ އޭނާގެ ދުޝްމަނެކެވެ.
ކައިފް ރައްޓެހިންތަކަކާއެކު އޮތް ކޮފީއެއް ނިންމުމަށްފަހު ގެއަށް އައި އިރު ގޭގެ ތަނަވަސް ސިޓިނގްރޫމުގައި އަތުރާފައިވާ ބިޔަ ސޯފާތަކުގައި ޤާދިރާއި ޝިރުމީނާގެ އިތުރުން ޖަމީލުއާއި ޖަމީލުގެ އަންހެނުން އަޒުލިފާ އާއި ހަނާން އިށީދެގެން ތިއްބެވެ. ކައިފް ގެއަށް ވަނުމާއެކު ހަނާނު ތެދުވެގެން ކުޑަކުއްޖަކު ފަދައިން ދުވެލާފައި އައިސް ކައިގެ އަތުގައި ހިފާ ދަމަމުންގެންގޮސް ޤާދިރުގެ ކައިރީގައި ބައިންދައިފިއެވެ.
"ދަރިފުޅާ. މަންމަމެން މިތިބީ ދަރިފުޅު ނައިސްގެން ލަސްވެފަ. މަންމަމެން ދަރިފުޅުގެ ދިރި އުޅުމާ ގުޅޭގޮތުން ވަރަށް ބޮޑު ނިންމުމެއްނިންމައިފިން." ޝިރުމީނާ އެހެން ބުނެލުމާއެކު ބޭއިކްތިޔާރުގައި ކައިފްއަށް ހަނާންއަށް ބަލާލެވުނެވެ. ހަނާން އިނީ ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވެލައިގެންނެވެ.
"ބައްޕަމެން ނިންމައިފިން ހަނާން އާ ދަރިފުޅުގެ ކައިވެނި ކުރަން އަންނަ މަހު" ސޯފާގައި ރަނގަޅަށް ހަމަޖެހިލަމުން ޤާދިރު އެހެންބުނެލުމާއެކު ކައިފްއަށް ކޮޅަށް ތެދުވެވުނެވެ.
"މަންމާ! އަހަންނަށް އަދި 27 އަހަރު. މިއުމުރުގަ އަދި ކައިވެންޏަކާ ހަމައަށް ދާކަށް އަހަރެން ގަސްދެއް ނުކުރަން." (ނުނިމޭ)