މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތާވަލަށް އައި ބަދަލާ ގުޅިގެން މާދަމާ ފެށުމަށް ތާވަލްކޮށްފައި އޮތް އުރީދު ދިވެހި ޕްރިމިއާ ލީގް ފަސްކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ބޭއްވުމަށް ތާވަލުކޮށްފައި އޮތް މިނިވަން ދުވަހުގެ ހެވިކަމުގެ ކުޅިވަރުތައް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށް މިރޭ ބޭއްވުމަށް ވަނީ ތަވަލުކޮށްފަ އެވެ.
މިހާރު ގެނައި ބަދަލާ ގުޅިގެން ލީގްގެ ކުޅުން އަލުން ފަށާނީ އަންނަ ބުދަ ދުވަހު އެވެ. ބުދަ ދުވަހަށް ލީގް ތާވަލު ކުރީ މިނިވަން ދުވަހުގެ ކުޅިވަރުތަކަށް ފަހު ދަނޑަށް ގެންދިޔަ ސާމާނުތައް ހޯމަ ދުވަހާއި އަންގާރަ ދުވަހު ގެންގޮސް މެޗް ކުޅުމަށް ދަނޑު ތައްޔާރު ކުރުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
ބުދަ ދުވަހު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ލީގް ތަވަލްގެ އެއް ވަނައިގައި އޮތް މާޒިޔާއާއި ލީގް ހަތް ވަނައިގައި އޮތް ވިކްޓްރީއެވެ. އެ ދުވަހުގެ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދެ ވަނައިގައި އޮތް އީގަލްސްއާ ތާވަލުގެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް ކުލަބެވެ.
ކުރިން އަންގަރަ ދުވަހު ކުޅެން ތާވަލުކޮށްފައި އޮތް މެޗް ކުޅޭނީ ބުރާސްފަތި ދުވަހުއެވެ. އެދުވަހު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ޔުނައިޓަޑް ވިކްޓްރީ އާއި ވެލެންސިއާއެވެ. އެ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ޓީސީ އާއި ނިއުރޭޑިއަންޓެވެ.