ބޮލީވުޑް

ޖެކްއަލީން ރާއްޖޭގައި: ބޮޑު ހުވަފެން ހަގީގަތަކަށް

Aug 1, 2016
7

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކްއަލީން ފާނެންޑޭޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ޖެކްއަލީނާ ރާއްޖެ އައީ ކޮން ދުވަހަކު ކަމެއް އަދި ޗުއްޓީ ހޭދަކުރަމުންދަނީ ރިސޯޓެއްގައި ކަން ޔަގީންނުވި ނަމަވެސް އޭނާ ރޭގެ ވަގުތެއްގައި ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް، އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކަށްލާފަ އެވެ. ޖެކްއަލީންގެ މަންމަ އާއެކު ރާއްޖޭގެ ރިސޯޓެއްގެ ފެހިކަން ފެންނާނެހެން ލާފައިވާ މިފޮޓޯގައި ވަނީ އޭނާގެ ހުރިހާ ފޭނުންނަށް ރާއްޖެއިން މަރުހާބާ ކިޔާފަ އެވެ.

އޭގެ ފަހުން އޭނާ ސޯޝަލް މީޑިއާ އަށް ލާފައިވާ ފޮޓޯއިން ރާއްޖޭގައި ޖެކްއަލީން ހޭދަކުރަމުން ދަނީ މަޖާ ޗުއްޓީއެއްކަން އެނގެ އެވެ. އޭނާ ވަނީ ފެހުރިއްސެއް ކައިރިން އޭނާ ޑައިވް ކުރާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. މި ފޮޓޯ އާންމު ކުރަމުން ޖެކްއަލީން ވަނީ މިއީ އޭނާ ކުރަން އަޒުމް ކަނޑައަޅައިގެން ހުރި ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށާއި މިކަން ހާސިލްވުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި އޭނާ ވަނީ މިފޮޓޯ އާއެކު ވަރަށް ހާއްސަ މެސެޖެއް ވެސް ދީފަ އެވެ.

"އެންމެން ކައިރީ ބުނެލަން ބޭނުންވަނީ ގުދުރަތީ ރީތިކަމަށް އިހުތިރާމް ކުރާށޭ. މިފަދަ ތަކެތި ދިރިއުޅޭ މާހައުލު ހަލާކުކޮށް އެތަކެތީގެ އާއިލާ ނެތިގެންދާ ފަދަ ކަންތައްތައް ނުކުރާށޭ" ޖެކްއަލީން އެދިފައި ވެއެވެ. އަދި އެތަކެތީގެ އެއްވެސް ކުށެއް ނެތި އަހަރެމެންނަށް ކުރެވޭ ކަންތައްތަކުން ގިނަ ދިރޭ ތަކެތި ވަނީ ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށާއި ކޮންމެ މީހަކަށް ކުރެވޭ ކުޑަކަމަކުން މިފަދަ ތަކެތި އާލާކުރުމަށް ބޮޑު އެހީއަކަށްވާނެ ކަމަށްވެސް ޖެކުއަލީންގެ މެސެޖުގައިވެ އެވެ.

ސްރީލަންކާ އަށް އުފަން ޖެކްއަލީން ބައެއް މޮޑެލިން ޕްރޮޖެކްތަކުގައި އިންޑިއާއަށް ދިއުމުގެ ތެރޭގައި 2009 ވަނަ އަހަރު ނުކުތް "އަލާދީން" ގެ ޖޭސްމިން ރޯލަށް އޮޑިޝަންދީ އޭނާ ވަނީ އެފިލްމުން ބޮލީވުޑަށް ތައާރަފުވެފަ އެވެ.

"އަލާދީން" ބޮކްސް އޮފީހުގައި ފްލޮޕްވީ ނަމަވެސް ޖެކުއަލީން އަށް ވަނީ އޭގެފަހުން ނިކުތް ގިނަ ފިލްމުތަކަކުން ފުރުސަތުތައް ލިބިގެން ގޮސްފަ އެޗެ. އެގޮތުން އޭނާ ބަތަލާއެއްގެ ގޮތުގައި ވިދާލާފައިވަނީ "ރޭސް 2" އާއި "މާޑާ 2" އަދި "ހައުސްފުލް 2" އަށް ފަހު އެެވެ.

މިހާރު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ކުރީ ސަފުން ގުނާލެވޭ ޖެކުއަލީން ލީޑްރޯލުން ފެނިގެންދިޔަ "ޑިޝޫމް" ރިލީޒްވެފައިވާ ހުކުރު ދުވަހު އެވެ. މިފިލްމަށް ފުރަތަމަ ދުވަހު 11 ކްރޯޑް ލިބި، މިއަހަރުގެ މިހާތަނަށް ރިލީޒްވި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ހަވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ މާގާމު ވަނީ ލިބިފަ އެވެ. އަދި މިއަހަރު ޖޫން މަހުގެ ކުރީކޮޅު ނިކުތް "ހައުސްފުލް 3" އިން ވެސް ޖެކުއަލީން ވަނީ ފެނިގެން ގޮސްފަ އެވެ. މިފިލްމަށް ވެސް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ.

ޖެކުއަލީން ދެން އެންމެ އަވަހަށް ފެނިގެންދާނީ އޮގަސްޓް 25 ގައި ރިލީޒްކުރާ ފިލްމު "ފްލައިން ޖެޓް" އިން ޓައިގާ ޝްރޮފްއާ އެކު އެވެ.

ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން ޖެކުއަލީން އައިސްފައިވާއިރު، އޭނާ އަންނަނީ ކަލާސް ޗެނަލުން ދައްކާ ސެލެބްރިޓީ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ 9" ގައި ސެލެބްރިޓީ ޖަޖެއްގެ ގޮތުގައި ބައިވެރިވަމުންނެވެ.

ދެހާސް ދިހަ ވަނަ އަހަރު ޖެކުއަލީން ވަނީ މަޝްހޫރު މަޖައްލާ ވޯގްއިންޑިއާގެ ފޮޓޯތަކެއް ނެގުމަށް ރާއްޖެ އައިސްފަ އެވެ.

މިފަހަކަށް އައިސް ޗުއްޓީ ހޭދަކުރުމަށް ބޮލީވުޑްގެ ފަންނާނުން ރާއްޖެ އައުން ގިނަވެފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާގެ ޓީވީ ތަރި އަނީތާ ހަސަންއާންދަނީ ވަނީ ފިރިމީހާ އާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ. އަދި އޭނާ ވަނީ ރާއްޖޭގައި ތިބި އޭނާގެ ފޭނުންނާ ރަސްފަންނުގައި ބައްދަލުވެސް ކޮށްފަ އެވެ.