ލައިފްސްޓައިލް

ރާއްޖޭގައި ކައިވެނިކޮށްގެން އުޅޭ މީހުންގެ 0.6 ޕަސެންޓަކީ ކުޑަކުދިން: އެންބީއެސް

ރާއްޖޭގެ އާބާދީގެ ދެ ލައްކައެއްހާ މީހުން ކައިވެނިކޮށްގެން އުޅޭއިރު އޭގެ ތެރެއިން 0.6 ޕަސެންޓަކީ 17 އަހަރުން ދަށުގެ ކުދިން ކަމަށް 2014 ވަނަ އަހަރުގެ ބޯހިމެނުން ރިޕޯޓުން ހާމަވެއްޖެ އެވެ. ބޯހިމެނުމުގެ ރިޕޯޓުގައި ކައިވެނިކޮށްގެން އުޅޭ 15 އަހަރުން މަތީގެ މީހުންގެ ޖުމްލަ އާބާދީ އަކީ 244،956 އެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން މުޅި ރާއްޖޭގައި ބޭއްވި ބޯހިމެނުމަށްފަހު އެކުލަވައިލި ރިޕޯޓުގެ ކައިވެންޏާއި ދަރިމައިވުމުގެ އަދަދުގައި 2006 އިން 2014 އަށް ކައިވެންޏާއި ދަރިމައިވުމުގެ ނިސްބަތަށް އައި ބަދަލުތައް ތަފާސް ހިސާބުން އެނގޭ ގޮތަށް ބަޔާންކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ، 2014 ވަނަ އަހަރު ރާއްޖޭގައި ކައިވެނިކޮށްގެން އުޅުނު މީހުންގެ ޖުމްލަ އާބާދީ ދެ ލައްކައަށް އަރާފައިވާއިރު އެއީ އެ އުމުރުފުރާގެ އާބާދީގެ 63 ޕަސެންޓު ކަމަށެވެ. އަދި 15 އަހަރުން މަތީ މީހުންގެ އާބާދީގެ 25 ޕަސެންޓް މީހުން އެއްގޮތަކަށް ވެސް ކައިވެނިކޮށްފައި ނުވާއިރު، ބާކީ 12 ޕަސެންޓަކީ އެމީހުންގެ ކައިވެނީގެ ހާލަތު ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތް މީހުންނެވެ.

-- ރާއްޖޭގައި ކައިވެނި ކުރުމަށް ގާނޫނު ހުއްދަކުރާ އުމުރަކީ 18 އަހަރެވެ. ނަމަވެސް ވަކި ކަންތައްތަކަކަށް ބެލުމަށްފަހު 15 އަހަރާއި 17 އަހަރުގައިވެސް ކޯޓުތަކުން ކައިވެނި ކޮށްދެ އެވެ. --

ރާއްޖޭގައި އާންމުކޮށް ކައިވެނިކުރާ އުމުރުފުރާއަށް ބަލާއިރު، ގިނަ މީހުންނަކީ 23 އަހަރާއި 25 އަހަރުގައި މީހުންނާ އިންނަ މީހުންނެވެ. އާންމުކޮށް ފިރިހެނުންނަށްވުރެ އަންހެނުން ކައިވެނިކުރާ އުމުރު އަވަހެވެ. 18 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުން ކައިވެނިކުރާ މިންވަރު އިތުރުވެފައިވާ އިރު، އާންމުކޮށް ފިރިހެނުން ކައިވެނިކުރަނީ 25 އަހަރާއި 27 އަހަރުގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ފަނަރަ އަހަރުން މަތީ މީހުންގެ އާބާދީއަށް ބަލާއިރު ދުވަހަކުވެސް ކައިވެނި ނުކުރާ ފިރިހެނުންގެ ނިސްބަތް އަންހެނުންނަށްވުރެ 30 ޕަސެންޓް އިތުރުވެފައިވާއިރު، ފިރި ނުވަތަ އަނބި މަރުވެފައިވާ މީހުން ގެ ތެރެއިން ގިނައީ އަންހެނުން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން 60 އަހަރުން މަތީގެ މީހުންގެ މެދުގައި ކައިވެނިކޮށްގެން އުޅޭ މީހުންގެ ނިސްބަތް 2006 އާ އަޅާ ބަލާއިރު 55 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި އެ އުމުރުގައި ފިރި ނުވަތަ އަނބި މަރުވެފައިވާ މީހުންގެ ނިސްބަތް 32 ޕަސެންޓަށް މަތިވެފައިވާ ކަމަށާއި އެ އުމުރުގައި ކައިވެންޏަކާ ނުލައި ދިރިއުޅެނީ ގިނައިން އަންހެނުން ކަމަށެވެ.

ފިރިހެނުންގެ ތެރެއިން އުމުރުން 20 އަހަރާއި 24 އަހަރުގައި ދުވަހަކުވެސް ކައިވެނި ނުކުރާ އާބާދީ 75 ޕަސެންޓުގައި ހުރެފައި 25 އަހަރުގައި މި ނިސްބަތް 25 ޕަސެންޓަށް ދަށްވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ރާއްޖޭގައި ފިރިހެނުން ކައިވެނި ކުރުމަށް އެންމެ ބޭނުންވާ އުމުރަކީ 25 އަހަރުކަމަށް ދިރާސާއިން އެނގެ އެވެ.

"65 އަހަރުން މަތީގެ ފިރިހެނުންގެ ތެރެއިން 71 ޕަސެންޓް މީހުން ކައިވެނިކޮށްގެން އުޅޭ އިރު، އަންހެނުންގެ މެދުގައި އެ ނިސްބަތް ހުރީ 38 ޕަސެންޓުގަ އެވެ. ސަބަބެއް ކަމަށް ބެލެވެނީ އެ އުމުރުގައި ހުވަފަތްވުމުން އިތުރު ކައިވެންޏެއް ކުރަން ބޭނުންވާ މީހުންގެ ނިސްބަތް ދަށް ވުމެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ޖުމްލަ އާބާދީއަކީ ހަތަރު ލައްކަ އެވެ. ޖިންސުގެ ނިސްބަތަށް ބަލާއިރު ދިވެހިންގެ އާބާދީގެ ކޮންމެ 100 އަންހެނަކަށް ޖެހެނީ 103 ފިރިހެނުންނެވެ.

ރާއްޖޭގެ އާބާދީގެ ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 69 ނުވައެއް އިންސައްތަ މީހުން އެންމެ މީހަކާ ކައިވެނިކޮށްފައިވާއިރު، ދެ މީހުންނާ ކައިވެނިކޮށްފައިވާ މީހުންގެ އިންސައްތައަކީ 17 އެވެ. އަދި 3 މީހުންނާ ކައިވެނިކޮށްފައިވާ މީހުންގެ އިންސައްތައަކީ 7 އެވެ. 4 މީހުންނާ ނުވަތަ އެއަށްވުރެ ގިނަ މީހުންނާ ކައިވެނިކޮށްފައިވާ އިންސައްތަ އުޅެނީ 6 އެއްގައެވެ.

ދަރމައިވުމުގެ ނިސްބަތަށް ބަލާއިރު، 2014 ވަނަ އަހަރު ދަރިމައިވުމުގެ ނިސްބަތް އެންމެ މަތީ ފ އަތޮޅުގަ އެވެ.