ޕެންޝަން އޮފީސް

ޕެންޝަން ފަންޑުން ގެދޮރޮ ގަނެވޭ ގަވާއިދު ގެޒެޓްކޮށްފި

Aug 1, 2016
5

ޕެންޝަން ސްކީމްގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ މެންބަރުންނަށް، ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި ހުންނަ ފައިސާ ލޯނު އުސޫލުން ފައިސާ ދޫކުރާ ގަވާއިދު މިއަދު ގެޒެޓްކޮށްފި އެވެ.

އެ ގަވާއިދަކީ، ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމުތަކަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހު ފާސްވުމާ ގުޅިގެން، ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް އެކުލަވައިލި ގަވާއިދެކެވެ.

މިއަދު ގެޒެޓްކުރި އެ ގަވާއިދުގައި ބުނެފައިވަނީ، ޕެންޝަން ސްކީމްގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް މެންބަރަކު ޝަރުތު ހަމަވާނީ، އެމީހަކީ ރިޓަޔާމަންޓް ޕްރޮފިޓް ލިބެމުންދާ މީހަކަށް ނުވުމުގެ އިތުރަށް 60 އަހަރު ނުފުރޭ މީހެއް ކަމުގައި ވާނަމަ ކަމަށެވެ. އަދި ޕެންޝަން ސްކީމުން ނަގާ ލޯނު އެމީހެއްގެ އުމުރުން 65 އަހަރު ވުމުގެ ކުރިން ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށެވެ.

މި ގަވާއިދުގެ ދަށުން ލޯނު ދޫކުރާނީ، އިމާރާތްކޮށް ނިންމައި އާންމުކޮށް ހުޅުވާލެވޭ ބާޒާރެއްގައި ވިއްކާ އިމާރާތްތައް ގަތުމަށް އެކަންޏެވެ. އަދި އެ އިމާރާތަކީ ދިރިއުޅުމަށް ބޭނުންކުރާ އިމާރާތަކަށް ވެސް ވާންޖެހެއެވެ.