ނޫސްވެރިން

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ދިފާއީ ހެކިން ހުށަހަޅައިފި

ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިޝާމާއި ލީވަން އަލީ ނަސީރު ދިފާއުވުމަށް ހެކިން ހުށަހަޅައިފި އެވެ. މި މައްސަލާގެ އަޑުއެހުމެއް މިއަދު ބާއްވާފައިމިވަނީ ދެ މަހުގެ މެދުކެނޑުމަކަށްފަހު އެވެ. އަޑުއެހުންތައް މެދުކެނޑުނީ ކުރިން މި މައްސަލަ ބެއްލެވި ގާޒީ އެހެން ކޯޓަކަށް ބަދަލު ކުރުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި މި މައްސަލާގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދެ ނޫސްވެރިންގެ މައްޗަށްކުރާ ދައުވާ އިއްވާފަ އެވެ. ދައުވާ އިއްވުމުން ދެ ނޫސްވެރިން ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ.

ދެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްނަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:45 ހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިނގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައިވަނިކޮށް އިސްކަންދަރު ކޮށީ ދެއެއް ކައިރީގައި ތިބި މީހުންތަކެއް ދުރަށް ދިޔުމަށް އެންގި ވަގުތު އެތާގައި ހުރި ރާއްޖެ ޓީވީ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ނޫސްވެރިޔާ ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތައް ދަމާފައިވާ ކަމަށެވެ. ވިޝާމްއަށް ދައުވާކުރަނީ މިހެންވެ އެވެ.

ލީވާންއަށް ދައުވާކުރަނީ، ދައުވާގައިވާ ގޮތުން، ފުލުހުން ހައްޔަރުކުރަން ފިޔާޒުގެ ގައިން ނޫސްވެރިޔާ ލީވާން، ކޯޕްރަލް ޝާހީންގެ އަތް ނައްޓާލުމުންނެވެ. މި މައްސަލާގައި ފިޔާޒުގެ މައްޗަށް ވެސް ދައުވާކޮށް ޝަރީއަތް ވަނީ ފަށާފަ އެވެ.

މި ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ، ހަތަރު ފުލުހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅާފަ އެވެ. އެއީ، މުހައްމަދު ޝާހީން އާއި އިދުރީސް މޫސާ އާއި އަލީ ތައުރީފާއި ހުސެއިން އަބްދުﷲ އަދި ޝަފީގު ނަމަކަށްކިޔާ ހަތަރު ފުލުހުންނެވެ. މި މައްސަލާގައި ދައުލަތުން އެހެން ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ދިފާއުވުމަށް ވިޝާމާއި ލީވާން ވަނީ ރާއްޖެ ޓީވީ ތިން ނޫސްވެރިއެއްގެ ނަން ހުށަހަޅާފަ އެވެ. އެއީ، ދައުވާގައި ބުނާ ހުސެއިން ފިޔާޒް މޫސާ އާއި ހުސެއިން ފަރިޔާޒު އަދި މުރުޝިދު އަބްދުލް ހަކީމެވެ. މީގެއިތުރުން މުހައްމަދު ނިޝާން ކިޔާ މީހެއްގެ ނަން ވެސް ހެއްކެއްގެ ގޮތުގައި ވަނީ ހުށަހަޅާފަ އެވެ. މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުގެ 10:00 ގަ އެވެ. އެއީ ހެކި ބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ.

މިއަދު ވިޝާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެވަނަ ދައުވާގެ އަޑުއެހުމެއް ވެސް ވަނީ ބާއްވާފަ އެވެ. މި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު މާލޭގައި މުޒާހަރާކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބެލުމަށް ބަންދުކޮށްފައިވާ ސަރަހައްދަށް ވިޝާމް ވަދެފައިވާ ކަމަށެވެ. އެއީ އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ކުރި މުޒާހަރާއެކެވެ. އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ.

މި ދައުވާއަށް ވެސް ވިޝާމް މިއަދު ވަނީ އިންކާރުކޮށްފަ އެވެ. އަދި ދިފާއުވާން ހެކި ވެސް ވަނީ ހުށަހަޅާފަ އެވެ. ހުށަހަޅާފައިވަނީ ހަތަރު މީހެއްގެ ނަމެވެ. އެއީ، އަންވަރާއި އާދަމް ޒަރީރާއި އިލްހާމް ކިޔާ ތިން މީހަކާއި މަޖިލިސް މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ ނަމެވެ.

ދައުލަތުން މި މައްސަލާގައި ދެ ފުލުހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. އެއީ އެ ދުވަހު އެ ސަރަހައްދުގައި ހަރަކާތްތެރިވި ދެ އެސްއޯ ފުލުހެއްގެ ނަމެވެ. ހުށަހަޅާފައިވަނީ ހުސެއިން ފަހުމީ އަދި މުވައްޒިން މުހައްމަދުގެ ނަމެވެ. މީގެއިތުރުން އެ ދުވަހުގެ ވީޑިއޯ ފުޓޭޖަކާއި އެ ދުވަހު ފުލުހުން ބަންދުކޮށްފައިވާ ހިސާބު އަންގައިދޭ މެޕެއް ވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފަ އެވެ. މި މައްސަލާގެ އަޑުއެހުމެއް ވެސް ދެން އަޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.