ސިވިލް ސާވިސްގެ އިދާރާތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މުވައްޒަފުންގެ ފެންވަރު މަތިކުރަން ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގެންނެވުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފަށަން ނިންމާފައިވާ ހިއުމަން ރިސޯސް އޮޑިޓް މާދަމާ ފަށާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ސާވިސް އިދާރާތަކުގެ އިންސާނީ ހާލަތު އޮތް ގޮތާއި މުވައްޒަފުންގެ ގާބިލުކަން ހުރި ނެތް ގޮތް ބެލުމަށް ހިއުމަން ރިސޯސް އޮޑިޓެއް ކުރަން ހަމަޖެހިފައިވާތީ، އޮޑިޓް ޓީމްތަކުގެ މެންބަރުން މާދަމާ ސިވިލް ސާވިސްގެ އިދާރާތަކަށް ޒިޔާރަތްކޮށް އޮޑިޓް ފަށާނެ ކަމަށެވެ.
"ހިއުމަން ރިސޯސް އޮޑިޓް ކުރުމުން ދިވެހި ސިވިލް ސާވިސް ޒަމާނީކޮށް ތަރައްގީ ކުރުމަށާއި ހަރަދުކުޑަކޮށް ޓެކްނޮލޮޖީގެ ބޭނުންހިފައި ކުރިއެރުވުމަށް މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ މަސައްކަތުގެ ގާބިލުކަމަކީ ކޮބައިކަން ދެނެގަނެވިގެންދާނެ އެވެ،" ސީއެސްސީން ނެރުނު ނޯޓެއްގައި ބުނެފައި ވެއެވެ.
މި އޮޑިޓް ކުރުމުން އިދާރާތަކުގެ މަސައްކަތްތަކަށް އެކަށީގެންވާ މުވައްޒަފުންގެ އަދަދަކީ ކޮބައިކަން ދެނެގަނެވި، އަމާޒުތަކަށް ބަދަލު ގެންނަން ފަސޭހަވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ އޮޑިޓް ކުރަން ފެށުމާ އެކު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަސައްކަތުގެ ގަވައިދު ހިފަހައްޓާ މިންވަރު ވަޒަންކުރުމަށް ކޮންމެ އިދާރާއެއްގައި ސުޕަވައިޒަރުންތަކެއް ބޭތުއްބުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ސުޕަވައިޒަރުންގެ ރިޕޯޓްތަކަށް ބަލައި ސިވިލްސާވިސްގެ ގަވާއިދުގައި ބަޔާންކުރާ މިންވަރަށް މަސައްކަތް ނުކުރެވޭ ފަރާތްތަކަށް ތަމްރީންދޭނެ ކަމަށާއި ތަމްރީން ދީގެން ވެސް އެންމެ އެކަށީގެންވާ ފެންވަރަށް މަސައްކަތް ނުކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.