- ރައީސް ޔާމީންގެ އިގްތިސޯދީ އެޖެންޑާ ބަލައިގަނެވޭ
- އެޖެންޑާ ކާމިޔާބު ކުރަން ލަންކާ އެހީވާނެ
- ހަލަބޮލިކަން ކެނޑި ކަންކަން ދަނީ ބަދަލުވަމުން
ރައީސް އަބްދުﷲ ޔާމީންގެ އިގްތިސޯދީ އެޖެންޑާއަށް ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަނަޔަކަ ވަރަށް ބޮޑަށް ތައުރީފު ކުރައްވާ އެ އެޖެންޑާގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހަމަޖެހި ދުވެލީގައި ރާއްޖެ ކުރި އަރައިގެންދާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓް، "ސީލައިފް ކޮމްޕްލެކްސް"ގެ މަސައްކަތް ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސް އާ ހަވާލު ކުރުމުގެ ރަސްމިޔާތަށް ވަޑައިގެން މިއަދު ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރަވީ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ގެންނަވައި މިހާރު ތަންފީޒު ކުރައްވަން ފައްޓަވާފައިވާ އިގްތިސޯދީ އެޖެންޑާއަކީ ނަމޫނާ އެއް ކަމަށް ރާއްޖޭގެ އިގްތިސޯދު ބަންޓަން ކުރެއްވުމުގައި ރައީސް ޔާމީން ގެންނެވި އެޖެންޑާ ބަލައިގަންނަ ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސޯދީ އެޖެންޑާ ކުރިއަރުވައި ކާމިޔާބު ކޮށް ދިނުމަށް ސްރީލަންކާގެ އެހީ އަބަދުވެސް އޮންނާނެ ކަމަށެވެ.
"ރައީސް ޔާމީންގެ އިގްތިސޯދީ އެޖެންޑާ އަކީ ވަރަށް ފުރިހަމަ އެޖެންޑާއެއް. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހަމަޖެހި ކުރިއަރައިގެންދާނެ،" މިނިސްޓަރު ވިދާޅުވީ އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ސިޔާސީ މަސްރާހާއި ހާލަތު އޮތީ ވަރަށް ބޮޑު ހަލަބޮލި ނާމާން ކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ރާއްޖޭގައި ޑިމޮކްރެސީ ހަމަ މަގަށް އެޅި މިހާރު ހާލަތު ބަދަލުވެ ކަންކަން ވެސް ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސްރީލަންކާއަށް ވެސް އެގޮތް މެދުވެރި ކަމަށާއި އެ ގައުމުގެ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި އިރު ސްރީލަންކާ ވެސް އޮތީ ރައީސް ޔާމީން ވެރި ކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި ވެސް އޮތް ފަދަ ހަލަބޮލި އަދި ހަމަނުޖެހުންތަކެއްގެ ތެރޭގައި ކަމަށެވެ.
"ޑިމޮކްރަސީއަކީ ރާއްޖޭގައި މިހާރު ދަނީ ފައްކަވާމުން އަޅުގަނޑުމެނަށް އެ މަންޒަރު މިހާރު އެބަ ފެނޭ، ސްރީލާންގައި މިހާރު އެވަނީ ހަމައަކަށް އެޅީފައި،" މިނިސްޓަރު ވިދާޅުވި އެވެ.