ޑރ. މުހައްމަދު އާސިމް

އަބުރުގެ ބިލަށް އީޔޫ އާއި ބައެއް ގައުމުތަކުންކީ ފާޑު ބަލައެއް ނުގަންނަން: ފޮރިން މިނިސްޓްރީ

  • މި ބިލުން އޮތީ ރައްކާތެރިކަމާއި ޔަގީންކަން
  • މީޑިއާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ
  • ބަޔާން ނެރުނު ހަތަރު ގައުމެއްގައި އަބުރާ ބެހުން ޖިނާއީ ކުށެއް

އަބުރުގެ ބިލާ ގުޅޭގޮތުން ބޭރުގެ ބައެއް ފަރާތްތަކުން ފާޅު ކުރާ ކަންބޮޑުވުންތައް ބަލައިނުގަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީ އިން މިހެން ނިންމި އިރު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އެ ބިލު ބަލައިގަނެ ކޮމިޓީގެ މަރުހަލާ ވެސް ފަށައިފަ އެވެ.

އެ ބިލާމެދު ފާޑުކިޔާ، އީޔޫ އާއި އެމެރިކާ އަދި ޖަރުމަނާއި އިނގިރޭސިވިލާތުގެ އިތުރުން ނެދަލެންޑްސް އާއި ނޯވޭން އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ހިޔާލު ފާޅު ކުރުން ޖިނާއީ ކުށެއް ގޮތުގައި ނުބެލެވޭ ކަމަށާއި އޭގެ ބަދަލަށް އެ ބިލުގެ ޒަރީއާއިން މީހުންގެ އަބުރާއި ކަރާމަތް ހިމާޔަތް ކުރުމާއި ގައުމީ ސަލާމަތާއި އިސްލާމީ ދީނަށް އުނިކަން ލިބޭ ފަދަ ކަންކަން ހުއްޓުވޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އަބުރު ރައްކާތެރި ކުރުމުގެ ބިލް ފާސް ކުރުމުގެ ކުރިން މީޑިއާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ޕީޖީ ލީޑަރު ވިދާޅުވެފައިވާ ކަމަށާއި އެ ބިލުގައި މިހާރު ވެސް އެކަށީގެންވާ އިންޒާރުތަކަކަށް ފަހުގައި ނޫނީ ފިޔަވަޅު ނާޅާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޖަލު ހުކުމް ގޮތުގައި ބުނެފައިވާ މުއްދަތަކީ ގިނަ ޑިމޮކްރެޓިކް ގައުމުތަކުގައި ކަނޑައަޅައިފައި އޮންނަ މުއްދަތަށް ވުރެ ކުޑަ މުއްދަތެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އަބުރު ރައްކާތެރިކުރުމުގެ ގާނޫނާ ދެކޮޅަށް ބަޔާން ނެރުނު ފަސް ގައުމުގެ ތެރެއިން ހަތަރު ގައުމެއްގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައިގަނެފައިވާކަމަށް ފޮރިންގެ ބަޔާނުގައި ވެއެވެ.

"ހިޔާލު ފާޅުކުރުން މިނިވަން ކަމަށް ގޮވާލާ ގުޅިގެން ބަޔާން ނެރުނު ފަސް ގައުމުގެ ތެރެއިން ހަތަރު ގައުމެއްގަ އާއި 28 ގައުމު ހިމެނޭ އީޔޫ އަށް ނިސްބަތްވާ 23 ގައުމުގައި ވެސް އަބުރާ ބެހުން އޮންނަނީ ޖިނާއީ ކުށެއްގެ ގޮތުގައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ހިނގާ ކަންކަމާ މެދު ޝައުގުވެރިވާ ބޭރުގެ ފަރާތްތަކުން ވެސް ހަގީގަތާ އެއްގޮތަށް، ވަކި ފަރާތަކަށް ނުޖެހި ވާހަކަ ދައްކުމަށް ފޮރިން މިނިސްޓްރީން ވަނީ ގޮވާލާފަ އެވެ. އަދި ބުނީ ބައިނަލްއަގުވާމީ ފަރާތްތަކުން ބިނާކުރަނިވި އަދި ޒިންމާދާރު ގޮތަކަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

މި ބިލަށް ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު ސަރުކާރުން ބުނެފައި ވަނީ ބިލާ ގުޅިގެން މީޑިއަށް އޮތް ކަން ބޮޑުވުންތަކަށް އެޑްރެސް ކުރާނެ ކަމަށެވެ.