ބޮލީވުޑް

ގާތް އެކުވެރިޔާއަށް ސަލްމާންގެ ކަރުނަވީ އަލްވަދާއު

Aug 2, 2016
1

ސުޕަސްޓާ ސަލްމާންގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި ބޮލީވުޑްގައި ފިލްމު އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރާޖިޝްރީ އެންޓަޓެއިންމަންޓްގެ އެމްޑީ އަދި ސީއީއޯ ރަޖަތް ބަރްޖަތްޔާ ވަނީ ކެންސަރު ބަލީގައި ހުކުރު ދުވަހު މަރުވެފަ އެވެ.

ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާ އަށް ބޮޑުބޭބެ ކިޔާ ރަޖަތްގެ ހަނދާނުގައި އޭނާގެ އާއިލާއަށް ހިތްވަރުދިނުމަށް ވަނީ ހޮނިހިރު ދުވަހު އެއްވުމެއް ބާއްވާފަ އެވެ. މިއެއްވުމަށް ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ރަޖަތްގެ ގާތް އެކުވެރިން ގޮސްފައިވާއިރު، އޭނާގެ ކުއްލި ވަކިވުމުން އެންމެ ފުން ހިތާމައެއް ކޮށްފައިވަނީ ސަލްމާނަށެވެ.

މިއެއްވުމުގެ ބައެއް ފޮޓޯތައް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ޖަހާފައިވާއިރު، ސަލްމާން ވަރަށް ގަދަޔަށް ރޯ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.

ސަލްމާން ތަރިއަކަށް ހެދުމުގެ ބޮޑު ހިއްސާއެއް ރާޖިޝްރީ އެންޓަޓެއިންމަންޓްގައި އޮވެ އެވެ. ސަލްމާން އާއި ރާޖިޝްރީ ޕްރޮޑަކްޝަން އަދި ބަރްޖަތްޔާ އާއިލާއާ ގާތް ގުޅުމެއް އޮންނަތާ ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާއިރު، ސަލްމާން ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމުތައް ކުޅެން ފެށީއްސުރެން އޭނާއާ ރަޖަތް އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ.

ރަޖަތް އަށް ހެޔޮ ދުއާ ކުރުމަށް ބޭއްވި މިއެއްވުމަށް ސަލްމާން ގޮސްފައިވަނީ އޭނާ ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ދިހަ ވަނަ ސީޒަންގެ ޕްރޮމޯގެ ބައެއް މަންޒަރުތައް ޝޫޓްކުރުމަށްފަހު، ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ގެ ޝޫޓިން އަށް ލަޑަކް އަށް ފުރުމުގެ ކުރިންނެވެ.