- އިންތިހާބު ބޭއްވެދެން މއެކްސްކޯ ދެމި އޮންނާނެ
- އިންތިހާބު ބާއްވާނީ ތިން މެންބަރުންގެ ކޮމިޓީގެ ދަށުން
ދައުރު ހަމަވީއިރު ވެސް އިންތިހާބު ނުބޭއްވުނު ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބު ބޭއްވުމަށް ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލާ ކުރިއަށް އޮތް 21 ދުވަސް ތެރޭ އިންތިހާބު ބާއްވަން އޮލިމްޕިކް ކޮމިޓީން ކަނޑައަޅައިފި އެވެ.
އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހްމަދު މަރުޒޫޤް (މަރޭ) ވިދާޅުވީ އެމްބީއޭ އާއި އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް ކޮމިޝަނަރާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ތިން މެންބަރުންގެ ކޮމިޓީއަކާ އިންތިހާބުގެ މަސައްކަތްތައް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.
އެތިން މެންބަރުންނަކީ އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަދި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދު ސައްތާރާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އަދި ސްޕޯޓްސް ކައުންސިލްގެ މެންބަރު އިބްރާހިމް އިސްމާއީލާއި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނާ އަބްދުﷲ ރަޝީދު (އައްލޯ) އެވެ.
"އެ ކޮމީޓިން ކުލަބުތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްފަހު އިންތިހާބު އިއުލާން ކުރާނެ ކުރިއަށް އޮތް 21 ދުވަސް ތެރޭ. އިންތިހާބު އިއުލާން ކުރުމަށްފަހު އިންތިހާބު ބާއްވަންޖެހޭ ގޮތަށް ކަނޑައަޅާފައިވާނީ،" މަރޭ ވިދާޅުވި އެވެ.
އެމްއޯސީއިން ވަނީ އިންތިހާބުގެ މައްސަލަ ހައްލު ކުރުމަށް ދުނިޔޭގެ ބަސްކެޓްބޯލް ފެޑްރޭޝަން (ފީބާ) އަށް ހުށަހަޅައިފަ އެވެ.
މަރޭ ވިދާޅުވީ ފީބާ އާއި އޭޝިއާގެ އޮލިމްޕިކް ކައުންސިލުން އަންގާފައިވަނީ ވާހަކަ ދައްކައިގެން އިންތިހާބުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ.
އެމްބީއޭގެ ދައުރު ހަމަވެފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހުއެވެ. އެއަށްފަހު ހޯމް މިނިސްޓރީން ވަނީ އިންތިހާބު ބޭއްވުމަށް ތިން މަސް ދުވަހަށް އެކްސްކޯގެ މުއްދަތު އިތުރުކޮށްފަ އެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އާރިފް ރިޒާ ވިދާޅުވީ އިންތިހާބު ބޭއްވެންދެން ހިނގަމުންދާ އެކްސްކޯގެ ދެމިއޮންނާނެ ކަމަށެވެ.