ރާއްޖެ ކުޅިވަރު

ޓްވިޓްސަލް: ރާއްޖޭގެ ޓްވިޓާ ކޮމިޔުނިޓީ ފުޓްސަލް މުބާރާތަކަށް!

Aug 2, 2016

ޓްވިސްޓަލް ގެ ނަމުގައި ރާއްޖޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކް ކޮމިޔުނިޓީ ނުވަތަ ޓްވިޓާ ކޮމިޔުނިޓީ ފުޓްސަލް މުބާރާތަކަށް ތައްޔާރުވެއްޖެ އެވެ.

އެއް ދުވަހަށް ގެންދާ މުބާރާތް ބާއްވަން ފެށުނީ މީގެ ހަތް އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ މުބާރާތުގައި ވާދަ ކުރީ ދެޓީމެވެ. ކުޅުނީ އެންމެ މެޗެކެވެ.

ނަމަވެސް އޭރު ޓްވިޓާގެ ފޯރި ގަދައެއް ނޫނެވެ. މިހާރު އިޖުތިމާއީ ވިއުގައިގެ ރަންޒަމާނެވެ. އެންމެވެސް ހާއްސަކޮށް ހުރިހާ ޒުވަނުން ހިޔާލު ބަދަލުކޮށް ހަރަކާތްތައް އުފަން ކުރުވާ "ހޮޅުއައްޓަކީ" ޝޯޝަލް ނެޓްވޯކެވެ. ހާއްސަކޮށް ޓްވިޓާ އެވެ.

މިހަމު 26 ވަނަ ދުވަހު ފަށާ ޓްވިސްޓަލް ފުޓްސަލް މުބާރާތުގައި މިއަހަރު 11 ޓީމް ވާދަ ކުރެއެވެ. ގާތްގަނޑަކަށް 130 ށް ކުޅުންތެރިންނެވެ. މިފަހަރު މުބާރާތުގައި އަންހެން ޑިވިޝަންވެސް ހިމެނެއެވެ. އަންހެން ޑިވިޝަންގައި ވާދަ ކުރަނީ ތިން ޓީމެވެ.

ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަ ކުރާއިރު ދެ ގުރޫޕް ހިމެނެއެވެ. ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

ޓްވިސްޓަލް ހަރަކާތް ފެށުނު ގޮތް "އަވަސް" އާ ހިއްސާ ކުރަމުން އެ ހަރާކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އީވާން ބުނީ "އަމާޒަކަށްވީ ޓްވިޓާގައި ހަރަކާތްތެރިވާ ޒުވާން ކްރައުޑް ބައްދަލުވެ އެކަކު އަނެކަކަށް އެނގި ދެނެގަނެ ހަރަކާތެއް އިންތިޒާމު ކުރުން" ކަމަށެވެ.

"އެންމެ ފުރަތަމަ ޓްވިސްޓަލް ވަރަށް ކުޑަ. ދެޓީމު ހަދައިގެން ކުޅުނީ ހަމަ ދުވަހެއް ކަނޑައަޅާފަ އެންމެ މެޗެއް ކުޅުނީ" މީގެ ހަތް އަހަރު ކުރީގެ ތަޖުރިބާ ހިއްސާ ކުރަމުން އީވާން ބުންޏެވެ.

ނަމަވެސް މިހާރު ޓްވިސްޓަލް ކޮމިޔުނިޓީ ބޮޑުވެއްޖެއެވެ. ގިނަ ޒުވާނުން ދަންނަ ހަރަކާތަކަށް ޓްވިސްޓަލް ވެއްޖެއެވެ. މިފަހަރު މުބާރާތުގެ ފަހަތުގައި ބޮޑު ޓީމެއް އެބައޮތެވެ. އީވާން ބުނީ މިފަހަރު މުބާރާތުގެ ފަހަތުގައި ގާތް ގަނޑަކަށް 230 މީހުންގެ އެބައޮތް ކަމަށެވެ.

'ހަސަން މެރިން' ގެ މެއިން ސްޕޮންސާޝިޕާއެކު މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައިވެސް ހަތް ބްރޭންޑެއް ނުވަތަ ހަތް ކުންފުންޏެއް އެބައޮތެވެ. އެއީ ބީއެޗްއެމްގެ އޮވިލް ކޮފީއާއި ސޮނީ ސްޕޯޓްސްއާއި ގޮރިއްލާ އެނަޖީ ޑްރިންކެވެ.

ޓްވިސްޓަލް ގެ ތެރެއިން އުފަންވެފައިވަނީ ޒުވާން ޓްވިޓާ ކޮމިޔުނިޓީގެ އެކުވެރިކަމެއް ކަމެއް އެކަންޏެވެއް ނޫނެވެ. ޓްވިސްޓަލްއިން 'ޓްވިސްޓާ ކެއާސް' ގެ ނަމުގައި މުޖުތަމއުގެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިޖުތިމާއީ ހަރަކާތެއްވެސް ކުރިއަށް ގެންދެއެވެ. އެގޮތުން ކ. ގުރައީދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓްވިސްޓަލް އިން ވަނީ އެ ހަރަކަތަށް އެހީތެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައެވެ.