ހަބަރު

ނާޒިމް ހައްޔަރުކުރީ އަދި މުއްދަތު ޖެހީ ވެސް ރަނގަޅަށް: ހައި ކޯޓް

ދަށު ކޯޓުން ނާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފި އެވެ. 

ނާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭނާ ހައްޔަރުކުރަން އެ ކޯޓުން ނެރުނު އަމުރެވެ. ކޯޓުން ނިންމީ އެ ދެ އަމުރު ވެސް ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ނާޒިމްގެ ބަންދަށް ކްރިމިނިލް ކޯޓުން 15 ދުވަސް ދައުލަތާ އިދިކޮޅު އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު އެވެ.

ފުލުހުން ނާޒިމްގެ އެޕާޓްމަންޓް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ދަންވަރު އެވެ. ފުލުހުން ބުނެފައި ވަނީ ފާސްކުރި އިރު ފިސްތޯލަ އަކާއި ތިން ވަޒަން އަދި ދައުލަތުގެ އިސް ވެރިންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ރާވާ ކަމަށް ކުރެވޭ ތުހުމަތާ ގުޅޭ ޑޮކިއުމަންޓްތަކެއް ހުރި ޕެންޑްރައިވެއް ވެސް ފެނުނު ކަމަށެވެ. ސަރުކާރުގެ އިސްވެރިންތަކަށް ޖިސްމާނީ އަނިޔާ ދިނުމަށް ރާވާފައިވާ ކަމަށާއި އެކިފަރާތްތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރާވަމުންދާކަމަށް ނާޒިމްގެ މައްޗަށް ކުރި ތުހުމަތާ އެކު އޭނާ މިނިސްޓަރުކަމުން ވަނީ ވަކިކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ނާޒިމްގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނަވާ ވަކީލް މައުމޫން ހަމީދު، ހައި ކޯޓުގެ ނިންމުމަށް ފަހު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ދެ އަމުރު ނެރުނީ ރަނގަޅަށް ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތް އަންނަ ހަފުތާގައި ކުރައްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.