ގުޑް ގަވަނަންސްގެ ދާއިރާއިން ކަސްޓަމްސް އަކީ އެހެން މުއައްސަސާއަށް އޮތް ނަމޫނާއެއް ކަމުގައި ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަޒްލީން މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ އިވެންޓަށް ގަލޮޅު ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަސްޓަމްސްގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ހާފުލާއެއްގަ އެވެ.
މި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ކަސްޓަމަކީ ވަރަށް ޤާބިލް މުވައްޒަފުންތަކެއްގެ މައްޗަށް އޮތް މުއައްސަސާއެއް ކަމަށާއި ރަސްމީ މަސައްކަތުގެ އިތުރުން އަމިއްލަ ކަމެއްގެ ގޮތު ގައުމީ ކަންކަމުގައި އަބަދުވެސް ސާބިތުވެ ދެމިތިބޭ މުވައްޒަފުންތަކެއް މަސައްކަތްކުރާ އިތުބާރުކުރެވޭ މުއައްސަސާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ކަސްޓަމަކީ އާއިލާއެއްކަމަށާއި، އެ ރޫހު ވަރުގަދަކޮށް ގުޅިގެން މަސައްކަތްކުރުން އާ ކުރުމަކީ ރާއްޖޭގެ ހުރިހާ މުއައްސަސާއަކުން ކުރަންޖެހޭ ކަމެއް ކަމަށައި އެކަމުގައި ނަމޫނާއަށް ކަސްޓަމްސް ބަލަންޖެހޭ ކަމަށެވެ.
މިނިވަންދުވަހުގެ ކުޅިވަރު ހަރަކާތްތަކަށް ދަނޑު ތައްޔާރުކުރުމުގައި ކަސްޓަމުން މަސައްކަތްކުރި 56 މުވައްޒަފަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން މިއަދު ދިނެވެ. ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފެވެ.