މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފަކު ނުވަތަ އޮފިސަރަކު ކުރާ ކަމަކުން ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނާއި މުއައްސަސާގެ އިންޓެގްރިޓީއާ ދޭތެރޭ ސުވާލު އުފެއްދާނެ ޖާގައެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސް އޮފިސަރުންނަށް ގާބިލް ކަމުގެ ކުލަ އާއި ކާމިޔާބުގެ ރަން ކުލަ ހަވާލުކޮށް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ ގާބިލް ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާބިލްކަމުގެ ކުލަ 600 އޮފިސަރުން ހާސިލްކުރި އިރު 79 އޮފިސަރުން ކާމިޔާބުގެ ކުލަ ހާސިލްކޮށްފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ ވަކި ވަކިމުވައްޒަފަކާމެދު އުފެދޭ ސުވާލެއްގެ ސަބަބުން ބައެއް ފަހަރުމުޅި ކަސްޓަމްސްގެ އިންޓެގްރިޓީ އާ މެދު މީހުން ސުވާލު އުފައްދާ ކަމަށެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް ކޮންމެސް ވަރަކަށް އެވާހަކަ އަޑުއިވެމުން އެބަދޭ. އެކަމަކު މިއަދަކު އެންމެ މުވައްޒަފަކު ކުރާ ކަމަކުން މުޅި ކަސްޓަމްސް އަށް ސުވާލު އުފައްދާނެ ޖާގައެއް ނެތް. ކަސްޓަމްސްގެ އިންޓެގްރިޓީ އަކީ ރާއްޖޭގެ މުއައްސަސާތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ މުއައްސަސާއެއްގެ ގޮތުގައި ގުނާލެވޭ މުއައްސަސާއެއް." މިނިސްޓަރު ވިދާޅުވި އެވެ.
ކަސްޓަމްސް އާ ދޭތެރޭ މީހަކު ސުވާލު އުފައްދައިފިނަމަ އެކަން ބަލާނެ ކަމަށާއި އަދި ފިޔަވަޅު އަޅަން ޖެހޭ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މުވައްޒަފަކާއި ދޭތެރޭ ނުހައްގުން ފިޔަވަޅު ނޭޅޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.
ކަސްޓަމްސް އޮފިސަރުންނަށް ގާބިލް ކަމުގެ ކުލަ އާއި ކާމިޔާބުގެ ކުލަ ދޭން ނިންމާފައިވަނީ ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަހު އެވެ. މި ކަމަކީ ކަސްޓަމްސް އިންޓެގްރިޓީ އާއި ހައިބަތު އިތުރު ކުރުމަށް ކުރި ކަމެއް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.