ދުވާލުއެކީ ހޭދަވީ ބުރަ މަސައްކަތުގަ އެވެ. ސިކުނޑި އިންތިހާއަށް ވަރުބައްޔެވެ. ހުރިހާ ގުނަވަނެއް ގޮވަމުންދަނީ ވަރިބަލި ފިލުވާލާށެވެ. ހަށިގަނޑު ބޭނުންވަނީ ރަނގަޅަށް ނިދާލާށެވެ. އަށް ގަޑިއިރުގެ ނިންޖެވެ. އެކަމަކު ނިދަން އުޅެ އުޅެ ނުނިދުނެވެ. ލޮލަށް ނިދި ނުވެސް އަންނަނީ އެވެ. އެކަމަކު ނިދަންވެސް އެބަ ބުނެ އެވެ. ކޮންމެއް އެއްގޮތެއް ނިންމަން މިހާރު އެބަ ޖެހެ އެވެ. މިއީ ގިނަ ބައެއްގެ ހާލެވެ. ދުއްވައި ގަނެވުނީ ނިދާބޭސް ހޯދާށެވެ. އެންމެ ރަނގަޅު ނިންމުމެއް ކަމަށް ނިންމުނީ އެގޮތެވެ.
ނިދާ ބޭހަކީ އޭގައި ހުންނަ މާއްދާތަކެއްގެ ސަބަބުން ގަދަކަމުން މީހާ ނިންދަވާލާ ބޭހެކެވެ. އެބޭސް ބޭނުން ކުރުމުން ސިކުނޑިއަށް ލުއިވެ މީހާ ރިލެކްސްވެ ނިދެ އެވެ. ބައެއް ފަހަރު ބޭހަށް މީހާ ހާނުވާލަ އެވެ. އަދި އެއީ އާދަކޮށް ބޭސް ބޭނުންކުރަން މަޖުބޫރުވެ އެވެ. އާދަކޮށް ކޮންމެ ދުވަހަކު ބޭސް ބޭނުން ކުރާނަމަ ސީރިއަސް މައްސަލަތަކާއި ކުރިމަތިވާނެ އެވެ. ސިއްހީ މައްސަލަތަކުގެ އިތުރުންނެވެ.
ނިދުމުގެ ކުރިން އާންމުކޮށް ގިނަ މީހުން ނިދާ ބޭސް ބޭނުން ކުރިއަސް އެއަށް ހަށިގަނޑު ހޭނުމުން ބައެއް ފަހަރު ދުވަހުގެ މަސައްކަތްތައް ވެސް ބޭސް ބޭނުންކުރުމާ ނުލާ ނުކުރެވޭ ފަހަރު އާދެ އެވެ. އެގޮތުން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެމީހުންނަށް ކާރު، ސައިކަލު ކަހަލަ އެއްޗެހިވެސް ދުއްވެނީ ބޭސް ބޭނުން ކުރުމަށްފަހު އެވެ. ނަމަވެސް އެއީ މުޅިއަކުން ރަނގަޅު ނިންމުމެއް ނޫނެވެ. ސައިންސްވެރިން ވިދާޅުވަނީ ނިދާބޭސް ވީހާވެސް ތިބާޔާ ދުރުގައި ބަހައްޓާށެވެ. ނުވަތަ ބޭސް ބޭނުން ކުރާއިރު ވެސް ރޭގަނޑު ނިދުމުގެ ކުރިން ބޭނުން ކުރުމަށެވެ. އަދި އެންމެ މަދުވެގެން ނިދަން އަށް ގަޑިއިރު ލިބޭނެ ވަރަކަށް ބަލާފައި ބޭސް ބޭނުން ކުރުމަށެވެ.
ކިތަންމެ ގަބޫލު ކުރަން ބޭނުން ނުވިއަސް ދިގު މުއްދަތަކަށް ދާއިމީ ގޮތެއްގައި ނިދާ ބޭސް ބޭނުން ކުރުމަކީ މީހާގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމެކެވެ. މޫޑު ބަދަލުވާލެއް އަވަސްވެ މީހާގެ މިޒާޖު ވަރަށް ބޮޑަށް ބަދަލުކޮށްލާ ކަމެކެވެ. ބޭސް ބޭނުންކޮށްގެން އަބަދު ނިދާނަމަ ނިދާ ހޭލެވޭއިރު މީހާއަށް ވާނުވާ ނޭނގި ހުރެވުނު ތަނެއް ނޭނގި މީހާ ހާސްވުން ކަހަލަ ކަންތައްތަކަށް މަގުފަހިވެ އެވެ.
ޑޮކްޓަރީ ކޮންމެ ބޭހަކީވެސް އެއިން އެތައް ސައިޑް އިފެކްޓްސްތަކެއް ލިބޭ ބޭހެއް ފަދައިން ނިދާ ބޭހުންވެސް ވަރަށް ގިނަ ސައިޑް އިފެކްޓްސް ލިބޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އެއްވެސް ކަހަލަ ސައިޑް އިފެކްޓެއް ފެނިއްޖެނަމަ ބޭސް ބޭނުންކުރުން ހުއްޓާލުމުގެ ކުރިން ޑޮކްޓަރަކަށް ދެއްކުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެ އެވެ.
ކަށީގައި ހިފައިފި އާދައަކުން ދުރުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަމަ އެގޮތަށް ނިދާ ބޭހަކީ ވެސް އެއަށް ހޭނިއްޖެނަމަ އެއިން ދުރުވާން އުނދަގޫ އެއްޗެކެވެ. އެހެންކަމުން ނިދާ ބޭސް ބޭނުންކުރަން ފަށަންވާނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ. ނިދަން އުނދަގޫ ނަމަ ބޭސް ބޭނުން ނުކޮށް ނިދުމަށް އެހީތެރިވެދޭނެ ގުދުރަތީ ގޮތުން ނިދޭ ކަހަލަ އެއްޗެއް ބޭނުންކުރުން ރަނގަޅެވެ.