ބޮލީވުޑް

"މަންމަރްޒިޔާ" އުފެއްދުން މަޑުޖައްސާލައިފި

Aug 3, 2016

މިދިޔަ އަހަރު ނިކުތް ފިލްމު "ދަމް ލަގާކޭ ހައިޝާ" އަށް ފަހު އެފިލްމުގެ ލީޑްދެތަރިން ކަމަށްވާ އާޔުޝްމާން ކުރާނާ އާއި ބޫމީ ޕަޑްނޭކަރް އަށް ވަނީ ޑައިރެކްޓަރު އަނަންދް އެލް ރާއީގެ "މަންމަރްޒިޔާ" އިން ހުށަހެޅުން ލިބިފަ އެވެ.

އަނަންދްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ކަލާ ޔެލޯ ޕްރޮޑަކްޝަނުން އުފައްދާ މިިފިލްމުގެ ދެބައިކުޅަ އެއްބައި މަންޒަރުތައް ނެގިފަހުން، ފިލްމު އުފެއްދުން ވަގުތީ ގޮތުން މިވަނީ މަޑުޖައްސާލާފަ އެވެ. އިންޑިއާގެ އުތުރު ބިތުގައި ޝޫޓްކުރަމުން އައި މިފިލްމަކީ ސްނޯގައި މަންޒަރުތައް ނަގަން ޖެހޭ ފިލްމަކަށްވެފައި އެސަރަހައްދަށް ވަރަށް ބޯކޮށް ވިއްސާރަކުރަމުން އަންނާތީ ފިލްމުގެ ޝޫޓިން މަޑުޖައްސާލީ ކަމަށްވެ އެވެ.

އަލުން މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަނަންދް ބުނެފައިނުވާއިރު، އޭނާ އަންނަނީ ސުޕަސްޓާ ޝާހްރުކް ޚާން ލީޑްރޯލުގައި ހިމަނައިގެން ދެން އޭނާ އުފައްދަން ނިންމާފައިވާ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރަމުން އަންނާތީ "މަންމަރްޒިޔާ" މަޑުޖައްސާލިކަން ފިލްމުގެ ތަރިންނާއި ކްރޫއަށް އަންގާފައިވާ ކަމަށް އެފިލްމުގައި ހަރަކާތްތެރިވާ ފަރާތަކުން ވަނީ ބުނެފަ އެވެ.

"މަންމަރްޒިޔާ" ގެ ޝޫޓިން މުއްދަތެއް ނެތް ގޮތަށް ލަސްކުރުމުގެ ސަބަބެއް ކަމަށް ވަނީ އަނަންދް އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާ އުފައްދާ ފިލްމުތަކުގެ ކޮލިޓީ އަށް ކަމަށްވެފައި ފިނި މޫސުމުގައި ނަގަން ޖެހޭ މަންޒަރުތައް އަވަސް އަރުވާލައިގެން ފިލްމު ނިންމުމުގެ ބޭނުމުގައި ނަގަން އަނަންދް ބޭނުންނުވަނީ ކަމަށެވެ.

"މިވަގުތު އަނަންދް ބޭނުންވަނީ އޭނާ ޑައިރެކްޓްކުރާ ޝާހްރުކްގެ ފިލްމަށް ހުރިހާ ވަގުތެއް ހުސްކުރަން" ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވެ އެވެ.

އެންމެފުރަތަމަ މިފިލްމު ޑައިރެކްޓްކުރަމުން އައީ "ލަވް ޝަވްތޭ ޗިކަން ކުރާނާ" ގެ ޑައިރެކްޓަރު ސަމީރު ޝަރްމާ އެވެ. ނަމަވެސް އަނަންދް އާއި ސަމީރްއާ ދެމެދު ފިލްމުގެ ޑައިރެކްޝާންއާ މެދު ހިޔާލު ތަފާތުވެ ސަމީރް ވަނީ މިފިލްމުން ވަކިވެފަ އެވެ. އެއަށްފަހު އަނަންދް ވަނީ "ނިލް ބައްޓޭ ސަންނާޓާ" ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރް ތިވާރީއާ މިފިލްމުގެ ޑައިރެކްޓްކުރަން ހަވާލުކޮށްފަ އެވެ.

"މަންމަރްޒިޔާ" މަޑުޖައްސާލިއިރު، އާޔުޝްމާން އަންނަނީ ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއެކު "މެރީ ޕިޔާރީ ބިންދޫ" ކުޅެމުންނެވެ. އަދި މިފިލްމުގެ އިތުރުން ބޫމީ އަތަކު ކުޅޭނެ އިތުރު ފިލްމެއް މިވަގުތަކު ނެތެވެ.